އިސްމާޢީލް ބޭ އަރާޝްއަށް އިންޒާރު ދިނުމަށްފަހު ނޫރާއަށް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ. އޭނާ ނޫރާ ބޭރަށް ދިއުން މަނާކޮށް ގޭގައި ހައްޔަރުކުރި ކަހަލައެވެ. އޭނާގެ ފޯނު އަތުލައި އަރާޝްއާ އެއްވެސް ގޮތަކަށް ގުޅުން ނުބޭއްވޭނެ ގޮތް ހެދިއެވެ. ނޫރާގެ ދުނިޔެ ކުއްލިއަކަށް ހުސްވެ ކުލަތައް ފަނޑުވެގެން ދިޔައެވެ. އޭނާގެ ދުވަސްތައް ހޭދަވަމުން ދިޔައީ ކޮޓަރީގެ ހާނުން ބޭރު ބަލަހައްޓައިގެންނެވެ. ހިތުގައިވާ ވޭނާއި ހިތާމައިގެ ސަބަބުން ކަރުނަ ފޮޅާލުމަކީ އޭނާގެ އާދައަކަށް ވެއްޖެއެވެ. "އަރާޝް... ކީއްވެތަ އަހަރެމެންނަށް މިހެން މިވީ އަހަރެން ކިހިނެއް ހަދާނީ" އޭނާގެ ހިތް ރޮމުން ސުވާލުކުރަމުން ދިޔައެވެ. އެތައް ދުވަހަކު ކޮޓަރީގެ ތެރޭގައި އެކަނި އިނދެ އޭނާގެ ހިތް ފަޅިފަޅިވެފައި ހުއްޓެވެ. ކެއުންބުއިންވެސް ދޫކޮށްލާފައި ނިދި ނައިސް ދުވަސްތައް ހޭދަކުރިއެވެ. މަންމަ އޭނާއަށް ހިތްވަރުދޭން މަސައްކަތްކުރި ނަމަވެސް ނޫރާގެ ހިތުގެ ޒަޚަމްތައް ފަސޭހަވާކަށް ބޭނުމެއް ނުވިއެވެ.
އަނެއްކޮޅުން އަރާޝްގެ ހާލުވެސް އެއަށްވުރެ ދެރައެވެ. ނޫރާގެ ޚަބަރެއް ނުވެ އޭނާއާ ވާހަކަ ދައްކާނެ ގޮތެއް ނެތުމުން އޭނާގެ ހިތް ކެކުޅެމުން ދިޔައެވެ. ނޫރާގެ ގެ ކައިރިއަށް ކިތަންމެ ފަހަރަކު ދިޔަ ނަމަވެސް އޭނާއަށް ފެންނަނީ ބަންދުކޮށްފައި ހުންނަ ދޮރެކެވެ. އޭނާ ނޫރާއަށް މެސެޖުތައް ފޮނުވިއެވެ. ގުޅަން މަސައްކަތް ކުރިއެވެ. އެކަމަކު އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭނާގެ ހިތުގައި އުފެދުނީ އެތައް ސުވާލުތަކެކެވެ. "ނޫރާ ރަނގަޅަށް އެބައުޅޭބާ އޭނާއަށް އަހަރެންގެ ހާލު އެނގޭނެބާ" އޭނާގެ ދުވަސްތައް ހޭދަވަމުން ދިޔައީ ހިތާމަޔާއި ކަންބޮޑުވުމުގައެވެ. އެމީހުންގެ ލޯތްބަށް މިހާ އަވަހަށް ނިމުމެއް އަންނާނެކަމަކަށް އޭނާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ. އެމީހުންގެ ގުޅުން އެމީހުންގެ އިޚްތިޔާރަކާ ނުލައި އާއިލާގެ ގޮތްދޫނުކުރުމާއި ތަނަވަސްކަމަށް ދެވުނު އިސްކަމެއްގެ ސަބަބުން ވޭނީ ވަކިވުމަކުން ނިމުމަކަށް އައީއެވެ.
އެ ދެމީހުންގެ ހިތުގައިވާ ލޯބީގެ އަލިފާންގަނޑު ނިއްވާލެވޭ ވަރުގެ ކަމެއް ނޫނެވެ. އެ އަލިފާންގަނޑު ދިޔައީ އިތުރަށް އަނދަމުންނެވެ. ނޫރާގެ ކޮޓަރީގެ ފާރުގައި އޭނާ އަރާޝްއާއެކު ނަގާފައިވާ ފޮޓޯއެއް ހުރި ނަމަވެސް އޭނާއަށް އެއަށް ބަލައިލަންވެސް ނުކެރުނެވެ. ކޮންމެ ފަހަރަކު އެ ފޮޓޯއަށް ބަލައިލުމުން އޭނާގެ ހިތުގެ ވޭން އާލާވެގެން ދިޔައެވެ. އަރާޝްވެސް އޭނާގެ ކޮޓަރީގައި ނޫރާގެ ފޮޓޯއެއް ބަހައްޓާފައި ހުރި ނަމަވެސް އޭނާއަށް ވެސް އެއަށް ބަލައިލަން އުނދަގޫވިއެވެ. އެއީ ހަނދާންތަކުން ފުރިގެންވާ ފޮޓޯއެކެވެ. ނަމަވެސް އެ ހަނދާންތަކާއެކު އުފާވެރިކަމުގެ ބަދަލުގައި ލިބެނީ ހަމައެކަނި ވޭނެވެ. ދެމީހުންވެސް ތިބީ އުންމީދުގެ ކުޑަ އަލިކަމެއްގެ އިންތިޒާރުގައެވެ. އެއީ އެކަކު އަނެކަކަށް ދެވޭނެ އެއްވެސް އިތުބާރެއް ނެތް ވަގުތެއްގައެވެ. އެމީހުންގެ ދިރިއުޅުމުގެ އެންމެ އުފާވެރި ދުވަސްތައް ނިމުމަކަށް އައި ކަމަށް ހީކުރެވުނެވެ.
5ބައި 5 / 10
