އިސްމާޢީލް ބޭގެ މޫނުމަތިން ފެނުނު ނުރުހުމުގެ އަސަރުތަކާއެކު ނޫރާގެ ހިތް ބިރުން ފުރިގެން ދިޔައެވެ. އޭނާގެ ހިތަށް އެރީ އެހެން ކަމެއް ނުވެސް ވެދާނެކަމަށެވެ. އެކަމަކު އޭނާގެ ބައްޕަގެ ޖަވާބު އައީ ގުގުރިއެއް ފަދައިންނެވެ. "ހަމަ ހުވަފެނުންވެސް އެކަހަލަ ކަމެއް ނުދެކޭތި! ތިކަހަލަ ދަރަޖައެއް ނެތް ފަގީރަކާ އަހަރެންގެ ދަރިފުޅު ގުޅުވާކަށް އަހަރެން އެއްބަހެއް ނުވާނަން!" ބައްޕަގެ އަޑު ގަދަވެ މުޅި ގޭތެރެ ގުގުމާލިއެވެ. ނޫރާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. "ބައްޕާ... އެކަމަކު އަޅުގަނޑުމެން ވަރަށް ލޯބިވޭ. ފައިސާއަކީ ހުރިހާ ކަމެއް ނޫނެއްނު ލޯބި މާ މުހިންމު ނޫންތަ" ނޫރާ ރޮމުން އޭނާގެ ބައްޕަ ގާތު އެދެން ފެށިއެވެ. "ލޯތްބަކުން ބަނޑެއް ނުފުރޭނެ ދަރިފުޅާ! އަހަރެންގެ ދަރިފުޅު އުޅެންޖެހޭނީ އުފަލުގަ އެއްވެސް ކަމަކަށް އުނިކަމެއް ނާންނަ ގޮތަށް! އަހަރެން މިކަން ކުރަނީވެސް ދަރިފުޅުގެ މަސްލަޙަތަށްޓަކައި! އަހަރެން ބޭނުމީ ދަރިފުޅުގެ މުސްތަޤްބަލް އުޖާލާކުރަން." ބައްޕަގެ ވާހަކަތައް ހުރީ ހަރުކަށިކަމުން ފުރިފައެވެ. އޭނާ ދެކެމުން ދިޔައީ އަރާޝް އަކީ ނޫރާގެ މުސްތަޤްބަލް ފޭރިގަންނަން އައި މީހެއްގެ ގޮތުގައެވެ. ނޫރާގެ ހުވަފެންތައް އެއްކޮށް ފުނޑުފުނޑުވެގެން ދިޔަ ކަހަލައެވެ.
ކަންތައް އިތުރަށް ގޯސްވީ ނޫރާގެ ބައްޕަ އަރާޝްއާ ބައްދަލުކުރަން ނިންމުމުންނެވެ. އެއީ ހެޔޮ ނިޔަތެއްގައި ކުރި ކަމެއް ނޫނެވެ. އޭނާ ބޭނުންވީ އަރާޝްއަށް އިންޒާރު ދީ ނޫރާގެ ދިރިއުޅުމުން ދުރަށް ޖެއްސުމަށެވެ. އަރާޝްއަށް މި ޚަބަރު ލިބުމުން އޭނާގެ ހިތް ބިރުން ފުރި ނަމަވެސް އޭނާގެ ލޯބިވެރިޔާގެ ހައްގުގައި ކުރިމަތިލުމަށް ނިންމިއެވެ. ބައްދަލުވުން އޮތީ އިސްމާޢީލް ބޭގެ އޮފީހުގައެވެ. އަރާޝް އޮފީހަށް ވަންއިރު އިސްމާޢީލް ބޭ އިނީ ހަރުކަށި ނަޒަރަކުން ބަލަހައްޓައިގެންނެވެ. އެ ބައްދަލުވުމުގައި ނޫރާގެ ބައްޕަ އަރާޝްއަށް ވަރަށް ބޮޑަށް އަވަމާން ކުރިއެވެ. "އަޑުއަހާ ކަލޭގެ! ކަލޭގެ ހިތަށް އަރާފަ އެ އޮތީ އަހަރެންގެ ދަރިފުޅާ އިންނަން ހެޔޮވަރު މީހެކޭ ހެއްޔެވެ ކަލޭގެ އަތުގައި ދޭނެ ކޮން އެއްޗެއް އޮތީ އަހަރެންގެ ދަރިފުޅު މިއުޅޭ ސަޕަ ދިރިއުޅުން ކަލެއަށް ދެވިދާނެތަ އަހަރެންގެ ދަރިފުޅުގެ ދިރިއުޅުމުން ދުރަށް ދޭ! އަހަރެންގެ ދަރިފުޅުގެ މުސްތަޤްބަލާ ނުކުޅޭތި!" އިސްމާޢީލް ބޭގެ ލަފުޒުތައް އަރާޝްގެ ހިތަށް ހުނޖަމާ އެއް ފަދައިން ހެރުނެވެ.
އޭނާގެ ހިތް ކުދިކުދިވި ނަމަވެސް އޭނާ ނޫރާގެ ބައްޕަގެ ކުރިމަތީގައި އިސްޖަހާކަށް ބޭނުމެއް ނުވިއެވެ. އޭނާގެ މޫނުމަތިން ފެނުނީ ހިތާމަޔާއި އުފެދިފައިވާ އަޒުމެކެވެ. "އިސްމާޢީލް ބޭ... ތިބޭފުޅަށް ހީފުޅުވެވަޑައިގަންނަވަނީ އަޅުގަނޑަކީ ނޫރާއަށް އެކަށީގެންނުވާ މީހެއްކަމަށް. އެކަމަކު އަޅުގަނޑުގެ ހިތުގައި ނޫރާއަށްޓަކައި އޮތް ލޯބި ދުވަހަކުވެސް ފައިސާއަކުން މިންކުރެވޭނެ އެއްޗެއް ނޫން. އަޅުގަނޑު ދުވަހަކުވެސް ނޫރާ ދޫކޮށެއް ނުލާނަން." އަރާޝްގެ އަޑުގައި ހުރީ ވަރުގަދަ ޔަގީންކަމެކެވެ. އެކަމަކު އޭނާއަށް އެނގުނީ އެމީހުންގެ ލޯބީގެ މަގުގައި މިހާރު ބޮޑު ފާރެއް ލެވިއްޖެކަމެވެ. އިސްމާޢީލް ބޭގެ ނިންމުމަކީ ވަރުގަދަވީ ނިންމުމެކެވެ. އޭނާގެ ހިތް ބޭނުންވީ ނޫރާގެ އުފަލަށެވެ. އެކަމަކު އޭނާ ދެކެމުން ދިޔައީ އުފާވެރިކަމަކީ ހަމައެކަނި ފައިސާއާއި މަތިވެރިކަމުން ލިބޭ އެއްޗެއްގެ ގޮތުގައެވެ. މި ހާދިސާއަށްފަހު އަރާޝް އާއި ނޫރާއަށް ކުރިމަތިވީ ވޭނީ ވަކިވުމެއްގެ ތޫފާނެވެ.
4ބައި 4 / 10
