އަރާޝް އާއި ނޫރާގެ ލޯބީގެ ގުޅުން ދުވަހެއް ދުވަހަކަށް ބަދަހިވަމުން ދިޔައެވެ. އެމީހުންގެ ހިތްތައް އެހާ ބޮޑަށް ގުޅިފައިވާލެއް ބޮޑުކަމުން އެމީހުންގެ ދިރިއުޅުން އެކަކު އަނެކަކާ ނުލައި ފުރިހަމަނުވާނެކަން ދެމީހުންނަށްވެސް ޔަގީންވިއެވެ. އަރާޝް އަކީ އޭނާގެ މުޅި ހަޔާތް ހޭދަކުރަން ބޭނުންވާ ހަމައެކަނި ފިރިހެންކުއްޖާކަން ނޫރާއަށް ޔަގީންވުމުން އެމީހުންގެ މި ސިއްރު ގުޅުން އޭނާގެ އާއިލާއަށް ހާމަކުރަން ނިންމިއެވެ. މިކަން އަރާޝް ގާތު ބުނުމުން އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތަކެއް ފާޅުވިއެވެ. "ނޫރާ... އަހަރެން ވަރަށް އުފާވޭ ތިހެން ނިންމީމަ. އެކަމަކު... ނޫރާގެ އާއިލާއިން އަހަންނާ މެދު ދެކޭނީ ކިހިނެއް އަހަންނަކީ އާދައިގެ އާއިލާއެއްގެ އާދައިގެ ކުއްޖެއް. އެބޭފުޅުން ނޫރާއަށްޓަކައި ދެކެވަޑައިގަންނަވާ ހުވަފެންތަކާ އަހަރެން އެއްގޮތް ނުވެދާނެ." އަރާޝްގެ އަޑުގައި ހުރީ ނުތަނަވަސްކަމެވެ. ނޫރާ އޭނާގެ އަތުގައި ބާރަށް ހިފަހައްޓާލަމުން ބުންޏެވެ. "އަރާޝް އަހަންނަށް އިތުބާރުކުރޭ. އަހަރެންގެ ބައްޕަ އާއި މަންމަ އަކީ އަހަރެން އުފަލުން ހުންނަތަން ދެކެން ބޭނުންވާނެ ބައެއް. އެބޭފުޅުންނަށް އަރާޝްގެ ހިތްހެޔޮކަމާއި އަހަންނަށްޓަކައި ހިތުގައިވާ ލޯބި ފެނުނީމަ ޔަގީނުންވެސް ގަބޫލުކުރާނެ." ނޫރާގެ ޔަގީންކަން ފުރިފައިވާ ޖުމްލަތަކުން އަރާޝްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.
އެތައް ފަހަރަކު ވިސްނުމަށްފަހު އެންމެ ރަނގަޅު ވަގުތު ބަލާފައި އެއް ރެއަކު އޭނާގެ ބައްޕަ ހަމަޖެހިލައިގެން ސިޓިންގް ރޫމުގައި ނޫސް ކިޔަވަން އިންދާ ނޫރާ މަޑުމަޑުން ގޮސް އޭނާގެ ކައިރީގައި އިށީނެވެ. އޭނާގެ ހިތް އެއްފަހަރާ އުފަލުންނާއި ބިރުން ތެޅެމުން ދިޔައެވެ. "ބައްޕާ... އަޅުގަނޑު ވަރަށް މުހިންމު ވާހަކައެއް ދަންނަވާލަން ބޭނުން" ނޫރާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. އޭނާގެ ބައްޕަ އިސްމާޢީލް ބޭ އޭނާގެ އައިނު މަތިން ނޫރާއާ ދިމާއަށް ބަލާލަމުން ހިނިތުންވެލިއެވެ. "ދަރިފުޅާ ކިހިނެއްވީ މޫނުމަތިން ކޮންމެވެސް ކަމަކާ ކަންބޮޑުވެފައި ހެން ހީވަނީ. ކޮން ވާހަކައެއްތަ" ނޫރާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހިތްވަރުކޮށްފައި ވާހަކަ ދައްކަން ފެށިއެވެ. "އަޅުގަނޑު... އަޅުގަނޑު މީހަކާ ވަރަށް ގަޔާވޭ. އޭނަގެ ނަމަކީ އަރާޝް. އޭނައަކީ ވަރަށް ހިތްހެޔޮ އަޅާލާ އަދި އަޅުގަނޑަށް ވަރަށް އިޙްތިރާމްކުރާ ޒުވާނެއް. އަޅުގަނޑަށް ހީވަނީ... އަޅުގަނޑުގެ މުޅި ދިރިއުޅުން އޭނާއާއެކު ހޭދަކުރަން ބޭނުންވާހެން."
ނޫރާގެ ޖުމްލަ ނިމުނުއިރު އިސްމާޢީލް ބޭގެ މޫނުމަތީގައިވާ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އޭނާ ނޫސް ލައްޕާލާފައި މޭޒުމަތީގައި ބޭއްވުމަށްފަހު ނޫރާއާ ދިމާއަށް ސީދާ ބަލާލިއެވެ. "އަރާޝް... އެއީ ކާކު ކޮން އާއިލާއެއްގެ ކުއްޖެއް ކޮން މަސައްކަތެއް ކުރަނީ" ބައްޕަގެ ސުވާލުތައް ހުރީ ތަހުގީގެއް ކުރާ ފަދަ ސީރިއަސް ރާގެއްގައެވެ. ނޫރާގެ ހިތް ބިރުގަތެވެ. "އޭނައަކީ... އޭނައަކީ އާދައިގެ އާއިލާއެއްގެ ކުއްޖެއް ބައްޕާ. އެކަމަކު ވަރަށް ހީވާގި. އަމިއްލަ ވިޔަފާރިއެއް ފަށައިގެން ކުރިއަށް ދާން ވަރަށް މަސައްކަތްކުރާ ޒުވާނެއް." ނޫރާ އަރާޝްގެ ރަނގަޅު ސިފަތައް ހާމަކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް "އާދައިގެ އާއިލާ" މި ލަފުޒު އިވުމާއެކު އިސްމާޢީލް ބޭގެ މޫނުގެ ކުލަވަރު އެއްކޮށް ބަދަލުވެއްޖެއެވެ. އޭނާގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމާއި ނުރުހުމުގެ އަސަރުތަކެކެވެ. ކުރިމަތިވާން އޮތް ތޫފާނުގެ ފުރަތަމަ ކޮޅު ނޫރާއަށް ފެނުނު ކަހަލައެވެ.
3ބައި 3 / 10
