އެ ހަނދުވަރީ ރެއަށްފަހު އަރާޝް އާއި ނޫރާގެ ދިރިއުޅުމަށް އައީ އާ އުޖާލާކަމެކެވެ. އެކަކު އަނެކަކުގެ ހަނދާނުން ވަކިވެވޭ ގޮތެއް ނުވިއެވެ. އެރޭގެ ބައްދަލުވުމަކީ ހުވަފެނެއްތޯ ނުވަތަ ހަގީގަތެއްތޯ އެމީހުންގެ ހިތްތައް ސުވާލުކުރަމުން ދިޔައެވެ. ދެވަނަ ދުވަހު އަރާޝްއަށް ކެތެއް ނުކުރެވިގެން ހަވީރުގެ ވަގުތު އަނެއްކާވެސް އެ ގޮނޑުދޮށަށް ދިޔައީ ނޫރާ ފެނިދާނެކަމުގެ ކުޑަވެސް އުއްމީދެއްގައެވެ. އޭނާގެ ހިތް އެދެމުން ދިޔަ ގޮތަށް ނޫރާ އެތަނުގައި އިނެވެ. އެމީހުންގެ ދެވަނަ ބައްދަލުވުން ފެށުނީ އުފާވެރި ހިނިތުންވުމަކުންނެވެ. އެދުވަހުން ފެށިގެން އެމީހުންގެ ދުވަސްތައް ފެށި ނިމެމުން ދިޔައީ އެކަކު އަނެކެއްގެ ހަނދާންތަކާ އެކުގައެވެ. ސިއްރުސިއްރުން ކެފޭތަކުގައި ބައްދަލުކޮށް ގަޑިގަޑިވާންދެން ވާހަކަ ދައްކާލުމާއި ހަވީރުގެ ވަގުތުތަކުގައި އަތިރިމަތީގައި ހިނގާލުމަކީ އެމީހުންގެ ދިރިއުޅުމުގެ އާންމު ބަޔަކަށް ވެއްޖެއެވެ.
ކޮންމެ ބައްދަލުވުމެއްގައިވެސް އެމީހުން އެކަކު އަނެކަކާ ބެހޭ އާ ކަންތައްތަކެއް ދަސްކުރަމުން ދިޔައެވެ. އަރާޝްއަށް ނޫރާގެ ކުރެހުމަށް ހުންނަ ޝައުގުވެރިކަމާއި އޭނާގެ ކުރެހުންތަކުގައި ފޮރުވިފައިވާ ފުން އިހުސާސްތައް ފެނުނެވެ. އޭނާ ގަޑިގަޑިވާންދެން ނޫރާގެ ކުރެހުންތަކުގެ ތެރެއަށް ގެއްލިފައި އިނދެއެވެ. "ނޫރާގެ ކޮންމެ ކުރެހުމަކުންވެސް ވާހަކައެއް ކިޔައިދޭހެން ހީވޭ. ހީވަނީ ހިތުގެ އެންމެ ފުންމިނުން އަންނަ އިހުސާސްތަކެއްހެން" އަރާޝް އެއްދުވަހަކު ބުންޏެވެ. އަނެއްކޮޅުން ނޫރާއަށް އަރާޝްގެ ހިތުގައި އަމިއްލަ ވިޔަފާރިއެއް ފަށައި އޭނާގެ އާއިލާއަށް އެހީތެރިވެދިނުމަށް އޮތް ވަރުގަދަ އަޒުމާއި ހިތްވަރު ފެނުނެވެ. އޭނާގެ މަސައްކަތަށް ހުންނަ ލޯތްބާއި ކެތްތެރިކަމުން ނޫރާގެ ހިތުގައި އޭނާއަށްޓަކައި އޮތް އިޙްތިރާމް އިތުރުވިއެވެ. އެމީހުންގެ ތަފާތުތަކުން އެމީހުންގެ ގުޅުން އިތުރަށް ބަދަހިކޮށްދިނެވެ. އެކަކު އަނެކަކަށް ހިތްވަރުދީ އެމީހުންގެ ހުވަފެންތަކުގައި ކުލަޖައްސަމުން ދިޔައެވެ.
އެއް ދުވަހަކު ކުޑަ ރަށަކަށް ދިޔަ ދަތުރެއްގައި އިރުއޮއްސެމުން ދިޔަ މަންޒަރު ބަލަން ތިބެ އަރާޝް ނޫރާގެ އަތުގައި ހިފާލިއެވެ. "ނޫރާ... އަހަރެން ދުވަހަކުވެސް މިހާ ހިތްހަމަޖެހިފައެއް ނުހުރަން. ނޫރާއާ ބައްދަލުވުމުގެ ކުރިން އަހަރެންގެ ދިރިއުޅުން ހީވަނީ ކުލައެއް ނެތް ފިލްމެއް ހެން. އެކަމަކު މިހާރު... މިހާރު ކޮންމެ ދުވަހަކީވެސް އީދެއްހެން. ކޮންމެ ވަގުތުކޮޅެއްވެސް ވަރަށް އަގުހުރި." ނޫރާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުނެވެ. "އަހަރެންވެސް ހަމަ އެހެން އަރާޝް. އަރާޝްއާއެކު ވީމަ މުޅި ދުނިޔެމަތިން ހަނދާންނެތެނީ. އަހަންނަށް ހީވަނީ އަހަރެންގެ ހަޔާތުގެ ހުރިހާ އުނިކަމެއް ފިލައިގެން ދިޔަހެން. އަހަންނަށް ރައްކާތެރިކަމާއި އަމާންކަން އިހުސާސް ކުރެވެނީ ހަމައެކަނި އަރާޝްގެ ކައިރީގައި." އެދުވަހު އޮއްސެމުން ދިޔަ އިރަށް ހެކިކޮށް އެމީހުން އެކަކު އަނެކަކަށް ލޯބިވާކަން ފުރަތަމަ ފަހަރަށް ހާމަކުރިއެވެ. އެމީހުންގެ މުސްތަޤްބަލުގެ ހުވަފެންތައް އެކުގައި ދެކެން ފެށީ އެދުވަހުން ފެށިގެންނެވެ. އެއީ ދުވަހަކުވެސް ވަކިނުވާނެ ކަމަށް ވަޢުދުވި ވަޢުދެކެވެ. އެމީހުންގެ ލޯބީގެ ދުނިޔެއަކީ ހުރަސްތަކެއް ނެތް ހަމައެކަނި އުފަލާއި ލޯބިން ފުރިފައިވާ ތަނެއްކަމަށް އެމީހުންނަށް އޭރު ހީކުރެވުނެވެ.
2ބައި 2 / 10
