1ބައި 1 / 10

1 ވަނަ ބައި

296 ލަފްޒު

އެއީ ރޭގަނޑުގެ ވަގުތެކެވެ. އުޑުމަތި ސާފުވެ ދިވެހި މަހުން ފަނަރަ ވިލޭޜޭގެ ހަނދުގެ ރިހި އަލިކަން ކަނޑުގެ ރާޅުތަކާއެކު ނަށަމުން ދިޔައެވެ. ކަނޑުގެ ލޮނުގަނޑުގެ ފިނި ވަސް ވައިރޯޅިތަކާއެކު ގޮނޑުދޮށަށް ބީހެމުން ދިޔައިރު އެ ފިނިކަން ހިތަށް ގެނުވައިދެނީ ފުން ހިތްހަމަޖެހުމެކެވެ. ރާޅުތައް އައިސް ގޮނޑުދޮށުގައި ޖެހިފައި ފަހަތަށް ދާ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް އެ ހިސާބަކުން ނީވެއެވެ. މިފަދަ ރީތި ހިމޭން ރެއެއްގައި ގޮނޑުދޮށުގައި ހުރި ޖޯލިފައްޗެއްގައި ނޫރާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދިފައިވާއިރު އޭނާގެ މުސްތަޤްބަލާ މެދު ދެކެމުންދާ ހުވަފެންތަކުގެ ތެރެއިން އޭނާ ހޯދަމުން ދިޔައީ އަމާންކަމާއި ހިތްހަމަޖެހުމެވެ. ދިރިއުޅުމުގެ މިސްރާބު ކޮންމެވެސް ވަރަކަށް އޮޅިފައިވާ ކަހަލަ އިހުސާސެއް އޭނާއަށް ކުރެވެމުން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ސަމާލުކަން ދަމައިގަތީ އޭނާ އިށީނދެގެން އިން ތަނާ މާ ދުރުނޫން ހިސާބަކުން އަތިރިމަތީގައި ހިނގާލަ ހިނގާލަ އައި ޒުވާނެއްގެ ހިޔަންޏަށެވެ. އެއީ އަރާޝްއެވެ. އޭނާގެ ހިނގުމުގައި ހުރި ހަމަޖެހުމާއި މޫނުމަތިން ފާޅުވަމުންދިޔަ ހިތްތިރިކަމުން ނޫރާގެ ހިތަށް ކޮންމެވެސް ނޭނގޭ އަސަރެއް ކުރިއެވެ. އޭނާގެ ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެން ފެށިއެވެ.

އަރާޝްގެ ނަޒަރުވެސް ނޫރާއަށް ހުއްޓުނެވެ. ހަނދުވަރުގެ އަލީގައި ނޫރާގެ މޫނު ފެންނަނީ ހަމަ އުޑުމަތީގައިވާ ހަނދެއް ފަދައިންނެވެ. އޭނާގެ ދިގު އިސްތަށިގަނޑު ވައިގެ ތެރޭގައި މަޑުމަޑުން ހެލެމުން ދިޔަ މަންޒަރު ފެނިފައި އަރާޝްގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ހިނދު ދުނިޔެ ހުއްޓުނު ކަހަލަ އިހުސާސެއް ކުރެވުނެވެ. ވަގުތު ހުއްޓި ވަށައިގެންވާ މާހައުލުން އެމީހުން ޣާފިލުވިއެވެ. އެއީ އެތައް ހާސް ލަފުޒުތަކެއް ބަސްމޮށުމަކާ ނުލައި ބަދަލުކުރެވުނުފަދަ ފުން ނަޒަރެކެވެ. ހިނދުކޮޅަކަށްފަހު އަރާޝްގެ ތުންފަތަށް ވެރިވި ހިނިތުންވުމަކާއެކު އޭނާ ނޫރާއާ ދިމާއަށް ހިނގައިގަތެވެ. އޭނާ ކައިރިވަމުން އައި ކޮންމެ ފިޔަވަޅަކާއެކު ނޫރާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ.

"މިރޭގެ ހަނދުވަރު ވަރަށް ރީތި ދޯ" އަރާޝް ވަރަށް މަޑުމައިތިރި އަޑަކުން އަހާލިއެވެ. އޭނާގެ އަޑުގައި ހުރި ހިތްގައިމުކަން ނޫރާގެ ހިތުގެ ފުނަށް ފޯރައިފިއެވެ. ނޫރާ ލަދުން އިސްޖަހާލަމުން މަޑުމަޑުން ބޯޖަހާލިއެވެ. "އާނ... ވަރަށް... އަޅުގަނޑު މިކަހަލަ ރޭރޭ ވަރަށް ގަޔާވޭ ހިތަށް ވަރަށް ހަމަޖެހުން ލިބޭ." އެއަށްފަހު ފެށުނީ އެތައް އިރަކު ދެމިގެންދިޔަ ވާހަކައެކެވެ. އެމީހުންގެ ވާހަކަ ފެށުނީ ހަނދުވަރާއި ތަރިތަކުގެ ވާހަކައިންނެވެ. އެއަށްފަހު އެމީހުންގެ ކުޑައިރުގެ ހަނދާންތަކާއި ޝައުގުވެރިވާ ކަންކަމާއި ދިރިއުޅުމުގެ އުއްމީދުތަކުގެ ވާހަކަތައް އެކަކު އަނެކަކާ ހިއްސާ ކުރަން ފެށިއެވެ. އެކަކު އަނެކަކު ދުވަހަކުވެސް ނުދެކޭ ދެމީހުންނަށް ވިޔަސް އެމީހުންނަށް އިހުސާސް ކުރެވުނީ އެތައް ދުވަހެއްގެ ރައްޓެހިން ފަދައިންނެވެ. އެރޭ ނިމުނުއިރު އެމީހުންނަށް އެނގުނީ އެއީ ހަމައެކަނި އާދައިގެ ބައްދަލުވުމެއް ނޫންކަމާއި އެއީ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ދިގު ދަތުރެއްގެ ފުރަތަމަ ފިޔަވަޅުކަމެވެ. އެމީހުންގެ ހިތްތައް ގުޅުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ.