9ބައި 9 / 10

9 ވަނަ ބައި

239 ލަފްޒު

ފާއިޒް މަލްޝާގެ ފޯނުން އެ ހުރިހާ މެސެޖަކާއި ވީޑިއޯއެއް ފެނުމަށްފަހު އޭނާއަށް އިނދެވުނީ ގަބުކަިފައިއެވެ. އޭނާގެ ހިތަށް ކުރަމުންދިޔަ އަސަރާއި އުފެދެމުންދިޔަ ރުޅިވެރިކަން ބަޔާންކުރާކަށްވެސް ނޭނގެއެވެ. އޭނާ އަވަހަށް ޝާއިރާ ގާތަށް ގޮސް ފޯނު ދައްކާލިއެވެ. ޝާއިރާއަށް އެތަކެތި ފެނުމާއެކު އޭނާގެ ދެލޯ ބޮޑުވެ އަނގަމަތީގައި އަތްއެޅުނެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ.

"މިއީ... މިއީ އަހަރެމެންގެ ދަރިފުޅަށް ވެގެން އުޅޭ ގޮތަކީ" ޝާއިރާއަށް ހިތްދަތި ރާގަކަށް ބުނެވުނެވެ. "އަހަރެމެންނަށް ނޭނގުނު... އޭނަ އެކަނިމާއެކަނި މި ހުރިހާ ކަމެއް..."

"މިހާރު ރުއިމުގެ ވަގުތެއް ނެތް ޝާއިރާ." ފާއިޒް ހިތްވަރުކޮށްލަމުން ބުންޏެވެ. "އަހަރެެން ދަރިފުޅު ސަލާމަތް ކުރަން އެބަޖެހޭ. އަދި މިކަން ކުރި މީހަކަށް ހައްގު އަދަބުވެސް ދޭން އެބަޖެހޭ. އަހަރެން މިހާރުން މިހާރަށް ފުލުހުންނަށް ގުޅާނަން."

ފާއިޒް ލަސްކުރުމެއް ނެތި ފުލުހުންގެ ސައިބަރކްރައިމް ޑިޕާޓްމަންޓަށް ގުޅައި ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ފުލުހުން އެކަމުގެ ސީރިއަސްކަން ދެނެގަނެ ވަގުތުން ހަރަކާތްތެރިވާން ފެށިއެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު ފާއިޒް އާއި ޝާއިރާ މަލްޝާގެ ކޮޓަރިއަށް ވަނެވެ. މަލްޝާ ހުރީ އެއްވެސް އެއްޗެއް ނޭނގި ސްކޫލަށް ދާން ތައްޔާރުވެއެވެ.

"ދަރިފުޅާ އިށީނދެބަލަ. ބައްޕަމެން ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުން." ފާއިޒްގެ އަޑު ހުރީ ވަރަށް ހަމަޖެހޭ ގޮތަކަށެވެ.

މަލްޝާ ހައިރާންވެފައި އެނދުގައި އިށީނެވެ.

ފާއިޒް މަލްޝާގެ އަތުގައި ހިފާލަމުން ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ. "ދަރިފުޅާ... ބައްޕަމެންނަށް ހުރިހާ ކަމެއް އެނގިއްޖެ. ރޭގަ ބައްޕަ ދަރިފުޅުގެ ފޯނު ބެލިން."

އެ ޖުމްލަ އިވުމާއެކު މަލްޝާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ. އޭނާގެ ދެލޯ ބޮޑުވެ މުޅި މީހާ ބިރުން ހިކިގަނޑުވިއެވެ. އޭނާގެ އެންމެ ބޮޑު ބިރަކީ އެއީއެވެ. އޭނާގެ ސިއްރު ފަޅާއެރުމެވެ. އޭނާ ތެދުވެގެން ރޮމުން ރޮމުން މައިންބަފައިންގެ ކުރިމަތީގައި ކަކޫޖަހާލިއެވެ.

"އަޅުގަނޑަށް މާފުކުރޭ ބައްޕާ... މަންމާ... އަޅުގަނޑަށް މާފުކުރޭ... އަޅުގަނޑު..." އޭނާއަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ.

ޝާއިރާ އަވަހަށް މަލްޝާ ނަގައި އޭނާގެ ގައިގައި ބައްދާލިއެވެ. "ނުރޮއެ ދަރިފުޅާ. މިއީ ދަރިފުޅުގެ ކުށެއް ނޫން. ދަރިފުޅުވީ މިކަމުގައި ގުރުބާނީއެއް. އަހަރެމެން ދަރިފުޅު ދެކެ ވަރަށް ލޯބިވޭ. އަދި އަބަދުވެސް ދަރިފުޅާއެކު ތިބޭނަން."

އެތައް ދުވަހަކަށްފަހު މަލްޝާއަށް އޭނާގެ މައިންބަފައިންގެ އޯގާތެރިކަން އިޙްސާސްވުމުން އޭނާގެ ހިތުގައިވި ބިރުވެރިކަމުގެ ބަދަލުގައި ކުޑަ ހިތްވަރެއް އުފެދުނެވެ. އޭނާ އެކަނި ނޫންކަން އޭނާއަށް ޔަގީންވިއެވެ.