މަލްޝާގެ ޢަމަލުތަކާއި އޭނާގެ އެކަހެރިވުން ފާއިޒްއަށް ވީ ބޮޑު ކަންބޮޑުވުމަކަށެވެ. އޭނާގެ ދަރިފުޅު އޭނާގެ ލޯކުރިމަތީގައި މަޑުމަޑުން އަނދިރިކަމުގެ ތެރެއަށް ގެނބެމުންދާކަން އޭނާއަށް އިޙްސާސް ކުރެވެމުން ދިޔައެވެ. ސްކޫލްގެ ކިޔެވުމަށް ދަރިފުޅު ދައްކަމުން އައި ސަމާލުކަން ކުޑަވެ މާކްސްތައް ދަށްވަމުންދާކަމުގެ ޝަކުވާ ޓީޗަރުންގެ ފަރާތުންވެސް އޭނާއަށް ލިބެމުން ދިޔައެވެ. މިއީ ހަމައެކަނި ސްކޫލްގެ ޕްރެޝަރެއް ނޫންކަން ފާއިޒްއަށް ޔަގީންވިއެވެ. މީގެ ފަހަތުގައި މާ ބޮޑު ސިއްރެއް ފޮރުވިފައިވާކަން އޭނާގެ ހިތް ބުނަމުން ދިޔައެވެ.
އެއްދުވަހެއްގެ ރޭގަނޑެއްގައި މަލްޝާ ނިދުމުން ފާއިޒް އޭނާގެ އަންހެނުން ޝާއިރާއާ ވާހަކަ ދެއްކިއެވެ.
"ޝާއިރާ އަހަންނަށް ހީވަނީ މަލްޝާ ކޮންމެވެސް ވަރަށް ބޮޑު މައްސަލައެއްގައި ޖެހިފައި ހުރިހެން. އޭނަ އަހަރެމެންނަކަށް އެއްޗެއް ނުބުނާނެ. އަހަރެމެން އަމިއްލައަށް ކަމެއް ކުރަންވެއްޖެ." ފާއިޒްގެ އަޑުގައިވީ ކެތްމަދުކަމެވެ.
ޝާއިރާ ކަންބޮޑުވުމާއެކު އަހާލިއެވެ. "އަހަރެމެންނަށް ދެން ކުރެވޭނީ ކޮންކަމެއްތަ؟ އޭނަ އަހަރެމެންނާ ވާހަކައެއް ނުދައްކައެއްނު."
"އަހަރެން ދަރިފުޅުގެ ފޯނު ޗެކްކޮށްލާނަން." ފާއިޒް ބުންޏެވެ. "އެއީ ރަނގަޅު ގޮތެއް ނޫންކަން އަހަންނަށް އެނގޭ. އެކަމަކު މިހާރު އަހަރެމެންނަށް އޮތް ހަމައެކަނި ގޮތަކީ އެއީ. އޭނަ ނިދީމަ އަހަރެން ފޯނު ގެނެސްގެން ބަލާނަން."
ޝާއިރާ ދެކޮޅު ހަދާކަށް ނުއުޅުނެވެ. އޭނަވެސް ހުރީ ދަރިފުޅުގެ ޙާލާމެދު ހިތްދަތިވެފައެވެ. އެރޭ މެންދަމުން އަލިވި ވަގުތު ފާއިޒް ވަރަށް ސިއްރުން މަލްޝާގެ ކޮޓަރިއަށް ވަދެ އޭނާގެ ބާލީސް ދަށުގައި އޮތް ފޯނު ނެގިއެވެ. ފޯނު ލޮކްކޮށްފައި ނެތުމުން އޭނާއަށް ފަސޭހައިން ފޯނަށް ވަދެވުނެވެ.
ފާއިޒް ފުރަތަމަވެސް ބެލީ މަލްޝާގެ މެސެޖްތަކެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އެ ނުދަންނަ ނަންބަރުން އައިސްފައިވާ މެސެޖްތަކެވެ. އެ މެސެޖްތައް ކިޔަމުން ދިޔަވަރަކަށް ފާއިޒްގެ މޫނުމަތީގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ. އޭނާގެ ދަރިފުޅަށް ކުރިމަތިވެފައިވާ ބިރުވެރިކަމާއި އޭނާއަށް ދެމުންދިޔަ އިންޒާރުތަކާއި އޭނާ ލައްވާ ކުރުވަމުންދިޔަ ނުރައްކާތެރި ކުށްތަކުގެ ވާހަކަ ކިޔާފައި އޭނާގެ ގަޔަށް ހީބިހި ނަގައިގެން ދިޔައެވެ.
ފާއިޒްގެ ލޮލަށް ފެނުނީ އޭނާގެ ދަރިފުޅު ފުރަތަމަ ފޮނުވި އެ ބިރުވެރި ވީޑިއޯއެވެ. އެ ވީޑިއޯ ފެނުމާއެކު އޭނާގެ ހިތް ކުދިކުދިވެގެން ދިޔައެވެ. އޭނާގެ ލޮލުން ކަރުނަ ނީރާލިއެވެ. އޭނާގެ ލޯބިވާ ދަރިފުޅު މިހުރިހާ ދުވަހު އެކަނިމާއެކަނި މިފަދަ ބޮޑު ބިރުވެރިކަމެއް ތަޙައްމަލު ކުރަމުން ދިޔައީ ކީއްވެގެންތޯ އޭނާގެ އަމިއްލަ ނަފްސާ ސުވާލުކުރެވުނެވެ.
އެވަގުތު އޭނާގެ ހިތުގައިވި ހިތާމަ ރުޅިވެރިކަމަކަށް ބަދަލުވިއެވެ. އޭނާގެ ދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށްލި މީހަކު ހޯދައި އޭނާއަށް ޙައްޤު އަދަބު ދޭން އޭނާ ހިތާހިތުން އަޒުމް ކަނޑައެޅިއެވެ.
8ބައި 8 / 10
