ފާއިޒްއާއި ޝާއިރާގެ ލޯތްބާއި އެހީތެރިކަމާއެކު މަލްޝާ ފުލުހުންނަށް ހުރިހާ މައުލޫމާތެއް ހިއްސާކުރިއެވެ. ފުލުހުންގެ ސައިބަރކްރައިމް ޓީމުން ވަރަށް ހަލުވިކަމާއެކު މަސައްކަތް ފެށިއެވެ. މަލްޝާއަށް މެސެޖްކުރި ނަންބަރާއި ފައިސާ ޓްރާންސްފަރ ކުރި އެކައުންޓްތައް އެމީހުން ޓްރޭސްކޮށް ވަރަށް ފުޅާ ދާއިރާއެއްގައި ތަހުގީގެއް ހިންގިއެވެ.
ތަހުގީގަށް އެނގުނު ގޮތުގައި މިއީ ހަމައެކަނި މަލްޝާއަށް އަމާޒުވި ހަމަލާއެއް ނޫނެވެ. މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި އުޅޭ ޒުވާން އަންހެންކުދިންނާއި ފިރިހެންކުދިނަށް އަމާޒުކޮށްގެން ހިންގަމުން އައި ބޮޑު ސައިބަރ ކުށުގެ ޕްރޮޖެކްޓެކެވެ. މަލްޝާ ފަދަ އެތައް ކުދިންނެއް އެމީހުންގެ ދަންތުރައިގައި ޖެހި ބްލެކްމެއިލްގެ ޝިކާރައަކަށް ވެފައިވެއެވެ.
މަލްޝާގެ ހިތްވަރާއި އޭނާ ދިން މައުލޫމާތުގެ އެހީގައި ފުލުހުންނަށް އެ ޖަރީމާ ހިންގި މީހުންގެ ހަގީގަތާ ހަމައަށް ވާސިލްވެވުނެވެ. އެއީ ޒުވާނުންތަކެއް ހިމެނޭ ގްރޫޕެކެވެ. އެމީހުން އެކަން ކުރަމުން އައީ ފައިސާ ހޯދުމަށާއި އަދި އެހެން މީހުންނަށް ދަތިކޮށް އެމީހުންގެ ދިރިއުޅުން ބަރުބާދުކޮށްލުމުގެ ނުބައި ނިޔަތުގައެވެ. ފުލުހުން އެމީހުން ހައްޔަރުކޮށް ޤާނޫނުގެ ކުރިމައްޗަށް ހާޒިރުކުރިއެވެ.
އެ ޚަބަރު ލިބުމުން މަލްޝާއަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ ނަފްސާނީ އަނިޔާތަކުގެ އަސަރު ފިލައިގެން ދާކަށް ގިނަ ދުވަސްތަކެއް ނެގިއެވެ. އޭނާގެ މައިންބަފައިންގެ އެހީއާއެކު އޭނާ ކައުންސެލިންގ ހޯދިއެވެ. މަޑުމަޑުން އޭނާގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު އަލުން ބިނާކުރަން ފެށިއެވެ.
އޭނާގެ ވާހަކަ ކާކުކަން ނޭންގޭހެން ސްކޫލްތަކާއި މީޑިއާގައި ހިއްސާކުރެވުނެވެ. މިއީ ސައިބަރކްރައިމްގެ ނުރައްކަލާމެދު މުޖުތަމަޢު ޚާއްޞަކޮށް ޒުވާނުން ހޭލުންތެރިކުރުވުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެކެވެ. މަލްޝާގެ ހިތްވަރުގަދަ ވާހަކަ އެތައް ކުދިންނަކަށް ފިލާވަޅަކަށް ވެގެން ދިޔައެވެ. އަދި މިފަދަ ކަމެއް ދިމާވެއްޖެނަމަ އެކަން ސިއްރު ނުކޮށް މައިންބަފައިންނާ ނުވަތަ އިތުބާރު ހުރި މީހަކާ ހިއްސާކުރުމުގެ މުހިންމުކަން ގިނަ ބަޔަކަށް އެނގިގެން ދިޔައެވެ.
މަލްޝާގެ ޒަޚަމްތައް ފަސޭހަވާން ވަގުތު ނެގި ނަމަވެސް އޭނާ އެނބުރި އޭނާގެ އާދައިގެ ދިރިއުޅުމަށް އަންނަން ފެށިއެވެ. އޭނާގެ ރައްޓެހިން ޚާއްޞަކޮށް އައިޝާ އޭނާއަށް މާފުކޮށް އަލުން އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ވިއެވެ.
މަލްޝާގެ ތަޖުރިބާއިން ދަސްވި އެންމެ ބޮޑު ފިލާވަޅަކީ އޮންލައިން ދުނިޔެއަކީ ފަރުވާކުޑަކޮށް އުޅެވޭނެ ތަނެއް ނޫންކަމެވެ. އެންމެ ކުޑަ ކުށަކުންވެސް މުޅި ދިރިއުޅުން ބަރުބާދުވެގެން ހިނގައިދާނެކަމެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ އެކަނިވެރިވުމުގެ ބަދަލުގައި އެހީއަށް އެދުމަކީ އެންމެ މުހިންމު ކަންތައްކަމެވެ.
10ބައި 10 / 10
