ދުވަސްތައް ހަފްތާތަކަށް ބަދަލުވަމުން ދިޔަ ވަރަކަށް މަލްޝާގެ މޫނުމަތީގައި އަބަދުވެސް ވިދާ އުޖާލާވެފައިވާ ދިރިއުޅުން ވަނީ މުޅިން ފަނޑުވެފައެވެ. އޭނާގެ މަޖާ މިޒާޖުގެ ބަދަލުގައި ފެންނަމުން ދިޔައީ މުޅިން އެހެންކުއްޖެކެވެ. އޭނާގެ ފޯނަށް އަންނަ ކޮންމެ މެސެޖަކީ ހިތަށް ހަރާލާ އަލިފާނުން ދޮން ކޮއްފައިވާ ދަނގަޑެއް ފަދަ އެއްޗަކަށް ވެފައިވެއެވެ.
އެ މީހާގެ އަމުރުތައްގިނަވެ އަދި އެކިގޮތްގޮތުން އެހެންމީހުން އަތުން ފައިސާ ހޯދާ މަލްޝާގެ ބޭންކް އެކައުންޓަށް އެފައިސާ ޖަމާ ކުރަމުން ގެންދިޔައެވެ. އެއަށްފަހު އޭނާ ލައްވާ އޮންލައިންކޮށް ހެކި ހަދުވައި އެހެން މީހުންނަށް އެ ފޮނުވާހަދުވައެވެ. މަލްޝާ އުޅެމުން ދިޔައީ އޭނާގެ އަމިއްލަ އިޚްތިޔާރެއް ނެތް ފަދައިންނެވެ.
މި ބަދަލުތައް އޭނާގެ މައިންބަފައިން، ފާއިޒް އާއި ޝާއިރާއަށް ފާހަގަ ނުވެއެއް ނުދެއެވެ. އެމީހުންގެ އުފާވެރި ދަރިފުޅު ކުއްލިއަކަށް އެމީހުންނާ ދުރުވަމުންދާކަން އެމީހުންނަށް އިހްސާސް ކުރެވެމުން ދިޔައެވެ. އެއްދުވަހެއްގެ ރޭގަނޑެއްގައި ފާއިޒް މަލްޝާގެ ކޮޓަރިއަށް ވަނެވެ.
"ދަރިފުޅާ އަހަރެމެންނާ ވާހަކަ ދައްކަބަލަ. ކޮންކަމެއްތަ ދިމާވެގެން ތި އުޅެނީ؟ ކަމެއް ގޯސްވީތަ؟" ފާއިޒްގެ އަޑުގައިވީ ކަންބޮޑުވުމެކެވެ.
މަލްޝާގެ ލޮލުން ކަރުނަތައް ފައިބާން ފެށިއެވެ. އޭނާގެ ހިތް ބޭނުންވީ ހުރިހާ ވާހަކައެއް ކިޔައިދީ ބައްޕަގެ ކޮނޑުގައި ބޯއަޅައިގެން ހިތް ފުރެންދެން ރޯލާށެވެ. ނަމަވެސް ބިރުވެރިކަން އެކަމަށް ހުރަސް އެޅިއެވެ. "ނޫން ބައްޕާ... އަޅުގަނޑު... ހަމަ ސްކޫލްގެ..." އޭނާ އަނެންކާވެސް ދޮގެއް ހަދަން މަސައްކަތް ކުރިއެވެ.
"ދަރިފުޅު ދޮގު ހަދަނީ" ޝާއިރާ ކޮޓަރިއަށް ވަދެގެން އައިސް ބުންޏެވެ. "އަހަރެމެންނަކީ ދަރިފުޅުގެ މައިންބަފައިން. ކޮންމެ ކަހަލަ ކަމެއް ދިމާވިޔަސް އަހަރެމެން އެހީވާނަން. އަހަރެމެންނަށް އިތުބާރު ކުރޭ."
އެވަގުތު މަލްޝާގެ ހިތަށް ކުޑަ ލުއިކަމެއް އިހުސާސްވިއެވެ. އޭނާ ހަގީގަތް ކިޔައިދެން އަނގަ ހުޅުވާލިތަނާ ފޯނަށް މެސެޖެއް އައެވެ.
"މިހާރު ކަލޭގެ ބައްޕައާ ވާހަކަ ދައްކަނީ ދޯ؟ އެއްވެސް އެއްޗެއް ކިޔައިދީފިނަމަ މި ވީޑިއޯ މިހާރުން މިހާރަށް އޮންލައިންކޮށްލާނަން."
މެސެޖާއެކު އައީ އޭނާ ފުރަތަމަ ފޮނުވި ވީޑިއޯއެވެ. މަލްޝާގެ މުޅި ހަރަކާތް ބަދަލުވެ ވަގުތުން ތެދުވެ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލާފައި މައިންބަފައިންނާ ދިމާއަށް ބާރަށް ހަޅޭލަވާގަތެވެ.
"އަހަރެން ބުނެފީމެންނު ކަމެއް ނުވެއޭ! ކީއްވެތަ އަހަންނަށް އިތުބާރު ނުކުރެވެނީ؟ އަހަރެން އެކަނި ދޫކޮށްލަބަލަ!"
މަލްޝާގެ ރުޅިވެރި އަޑާއި އޭނާގެ ޢަމަލުން ފާއިޒް އާއި ޝާއިރާއަށް ލިބުނީ ބޮޑު ސިހުމެކެވެ. އެއީ އެމީހުންގެ ދަރިފުޅުގެ ފަރާތުން ދުވަހަކުވެސް ފެނިފައިނުވާ މަންޒަރެކެވެ. އެމީހުން ބަސް ހުއްޓި، ކޮޓަރިން ނުކުތްއިރު އެމީހުންނާއި ދަރިފުޅާ ދެމެދު އޮތް އިތުބާރުގެ ފާރުގައި ވަނީ ބޮޑެތި ބާތަކެއް އަޅާފައެވެ.
6ބައި 6 / 10
