5ބައި 5 / 10

5 ވަނަ ބައި

283 ލަފްޒު

ނާސްތާ މޭޒު ދޮށުގައި އިނދެ ފޯނު ވައިބްރޭޓްވުމާއެކު މަލްޝާގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ. އޭނާ އަވަސް އަވަހަށް ފޯނުގެ ސްކްރީނަށް ބަލާލިއެވެ. އެއީ ހަމަ އެ ނުދަންނަ ނަންބަރުން އައި މެސެޖެކެވެ. އޭނާގެ ހިތް ބިރުން ތެޅެން ފެށިއެވެ. އޭނާގެ ހަރަކާތްތަކަށް އައި ބަދަލު މަންމަ ޝާއިރާއަށް ފާހަގަ ކުރެވުނެވެ.

"ދަރިފުޅާ ކިހިނެއްވީ ކުއްލިއަކަށް މޫނުގެ ކުލަ ބަދަލުވެގެން ތި ދިޔައީ؟" ޝާއިރާ ކަންބޮޑުވުމާއެކު އަހާލިއެވެ.

މަލްޝާ އަވަސްއަވަހަށް ހަމައަކަށް އެޅެން މަސައްކަތް ކުރަމުން ދޮގެއް ހަދާލިއެވެ. "ނޫން... ނޫން މަންމާ. ހަމަ ކުލާސް ގޫޕުން އައި މެސެޖެއް. މިއަދުގެ ޓެސްޓްގެ ވާހަކަ. އެހެންވެ ކުޑަކޮށް ހާސްވީ."

ފާއިޒް އާއި ޝާއިރާ އެކަކު އަނެކަކުގެ މޫނަށް ބަލާލީ ދަރިފުޅުގެ ކިބައިން ފެންނަމުންދާ އާދަޔާ ޚިލާފު ކަންތައްތަކާމެދު ކަންބޮޑުވެފައި ތިބެއެވެ. އެމީހުންގެ އުފާވެރި މަޖާ ދަރިފުޅު ކޮންމެސް ވަރަކަށް ބަދަލުވެފައިވާކަން އެމީހުންނަށް އިހްސާސް ކުރެވެމުން ދިޔައެވެ.

ސްކޫލަށް ދިޔަ މަގުމަތީގައި މަލްޝާ މެސެޖް ހުޅުވާލިއެވެ. އެއާއެކު އޭނާގެ ހިތަށް އިތުރު ބިރުވެރިކަމެއް ވެރިވިއެވެ. އެ މީހާ އޭނާއަށް މެސެޖެއް ފޮނުވާފައިވާއިރު އޭގައި ބުނެފައިވަނީ އޭނާގެ ބޭންކް އެކައުންޓްގެ ތަފްސީލު ދިނުމަށެވެ.

"އަހަރެންގެ ބޭންކް އެކައުންޓްގައި އެކައްޗެއްވެސް ނޯންނާނެ. އަހަރެންގެ އަތަކު ފައިސާއެއް ނެތް." މަލްޝާ ޖަވާބު ފޮނުވިއެވެ.

"އަހަރެން ބޭނުމީ ފައިސާއެއް ނޫން. އަހަރެން ބޭނުމީ އެކައުންޓަށް ފައިސާކޮޅެއް ޖަމާ ކޮށްލަން. އެއީ ވަގަށް ނަގާފައި ހުރި ފައިސާ. ތި އެކައުންޓް ބޭނުންކޮށްލީމަ އެކަކަށްވެސް ނޭނގޭނެ އެއީ ކޮންތާކުން އައި ފައިސާއެއް ކަމެއް. ތިކަން ނުކޮށްފިނަމަ... ދެން ވާނެ ގޮތް ކަލޭއަށް އެނގޭ ދޯ؟"

މަލްޝާއަށް ހީވީ އޭނާގެ ބޮލުގައި ބަޑިއެއް ޖައްސާފައިވާ ހެންނެވެ. އޭނާ މިހާރު ހައްޔަރުވެފައިވަނީ ހަމައެކަނި ބްލެކްމެއިލް ކުރުމުގެ ދަންތުރައެއްގައި އެކަންޏެއް ނޫނެވެ. އޭނާ ބޭނުންކުރަނީ ވައްކަމުގެ ބޮޑު ކުށެއްގެ ތެރެއަށް ލުމަށެވެ. އެކަމާ ދެކޮޅު ހަދައިފިނަމަ އޭނާގެ ހުރިހާ ސިއްރެއް ފަޅާއަރާނެއެވެ. އެކަމަށް އެއްބަސްވެއްޖެނަމަ އޭނާ ވާނީ ކުށްވެރިއަކަށެވެ.

ސްކޫލަށް ގޮސް ކުލާހުގައި އިންއިރު އޭނާއަށް އެއްވެސް އެއްޗަކަށް ސަމާލުކަމެއް ނުދެވުނެވެ. އޭނާގެ އެންމެ ގާތް ރައްޓެހިން ކަމަށްވާ އައިޝާ އާއި ފާތުން އޭނާއާ ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް މަލްޝާ ޖަވާބު ދިނީ ވަރަށް ކުރުކޮށެވެ. އޭނާގެ ހިތުގައިވާ ބިރުވެރިކަމާއި ހާސްކަން އެހެން މީހަކާ ހިއްސާ ކުރާކަށް އޭނާއަކަށް ނުކެރުނެވެ. މި ސިއްރު ފަޅާއަރައިފިނަމަ އެންމެން އޭނާ ދެކެ ފޫހިވެ ރުޅިއަންނާނެ ކަމަށް އޭނާއަށް ގަބޫލުކުރެވިފައިވިއެވެ.

ވުމާއެކު މަލްޝާ ހުރީ މުޅިން އެކަހެރިވެފައެވެ. އޭނާގެ އަމިއްލަ ހިޔަނިވެސް އޭނާ ދެކެނީ ބިރުވެރި އެއްޗެއްގެ ގޮތުގައެވެ. އޭނާގެ އުފާވެރި ދުނިޔެ އޭނާގެ އަތުން ދާތަން އޭނާއަށް ފެންނަމުން ދިޔައެވެ. އަދި އެކަން ހުއްޓުވޭނެ އެއްވެސް ގޮތެއް އޭނާއަކަށް ނުފެނުނެވެ.