4ބައި 4 / 10

4 ވަނަ ބައި

295 ލަފްޒު

އެނދުމަތީގައި ކުރުގެޅިފައި އޮތްއިރު މަލްޝާގެ ސިކުނޑި ހުއްޓުނު ފަދައެވެ. ފޯނުގެ ސްކްރީނުން ފެންނަމުން ދިޔަ ގުނަމުންދާ ވަގުތު އޭނާގެ ހިތުގެ ތެޅުންތަކާ އެއްވަރަށް ދުވަމުން ދިޔައެވެ. ދިހަ މިނެޓެވެ. އޭނާގެ މުޅި ދިރިއުޅުމުގެ މުސްތަގުބަލު ބިނާވެފައިވަނީ އެ ދިހަ މިނެޓުގެ ތެރޭގައި އޭނާ ނިންމާ ނިންމުމެއްގެ މައްޗަށެވެ. އެއްކޮޅުން އޭނާގެ އަބުރާއި ޝަރަފެވެ. އޭނާގެ މައިންބަފައިންގެ އިތުބާރެވެ. އަނެއްކޮޅުން އޮތީ އެ ހުރިހާ ކަމެއް އެންމެންގެ ކުރިމަތީގައި ފަޟީޙަތްވެގެން ދިއުމުގެ ބިރުވެރިކަމެވެ.

ކޮންމެ ސިކުންތެއް ފާއިތުވަމުން ދިޔަ ވަރަކަށް އޭނާގެ ނޭވާ ހާސްވަމުން ދިޔައެވެ. އޭނާގެ އަމިއްލަ ފޮޓޯތައް ސްކޫލްގެ އެންމެންނަށް ފެންނަ މަންޒަރާއި ބައްޕަ އާއި މަންމަގެ މޫނުމަތިން ފެންނާނެ ހިތާމައިގެ އަސަރުތައް އޭނާގެ ސިކުނޑީގައި ކުރެހެމުން ދިޔައެވެ. އެކަމަށްވުރެ ބޮޑު އިހާނެތިކަމެއް ނެތް ކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ. އެ މީހާ ބޭނުންވާ ގޮތް ހަދައިފިނަމަ މިކަން ނިމިދާނެ ކަމަށް އޭނާގެ ސިކުނޑީގެ ކަނަކުން ބުނަމުން ދިޔައެވެ. އެއީ ދޮގެއްކަން އެނގުނަސް އެ ވަގުތު އޭނާއަށް އޮތް ހަމައެކަނި "ނަޖާތުގެ" މަގު ކަމުގައި އޭނާއަށް ހީވިއެވެ.

ފުރާނައެއް ނެތް ހަށިގަނޑެއް ފަދައިން އޭނާ މަޑުމަޑުން އެނދުން ތެދުވިއެވެ. އޭނާގެ އަތްތިލަ ދާހިއްލާ ފިނިވެފައިވާއިރު ފައި ހުރީ ތުރުތުރު އަޅާފައެވެ. ކޮޓަރީގައިވާ ލޯގަނޑު ކުރިމައްޗަށް ހުއްޓި އޭނާގެ އަމިއްލަ ސޫރައަށް ބަލާލިއެވެ. އެއިން ފެންނަމުން ދިޔައީ ބިރުންގަނެ ލޮލުން ކަރުނަ ހިލިފައިވާ ކުއްޖެކެވެ.

އެންމެ ފަހުން އޭނާގެ އިޙްސާސްތައް މަރާލުމަށްފަހު އެ ނުލަފާ މީހާ އެންގި ގޮތަށް ޢަމަލުކޮށް އެ ވީޑިއޯ ފޮނުވާލިއެވެ. ވީޑިއޯ 'ސެންޓް' ވުމާއެކު އޭނާގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބުނެވެ. އޭނާއަށް އިޙްސާސް ކުރެވުނީ އަމިއްލަ ނަފްސުދެކެ ފޫހިވުމާއި ނަފުރަތެވެ. އޭގެ އިރުކޮޅެއް ފަހުން ޖަވާބު އައެވެ.

"ވަރަށް މޮޅު. މިއީ ހަމަ ފެށުމެއް."

އެ ޖުމްލަ ފެނުމާއެކު މަލްޝާގެ ހިތް ހުއްޓުނު ކަހަލައެވެ. އޭނާ ހީކުރި ގޮތާ މުޅިން ޚިލާފެވެ. މިއީ ނިމުމެއް ނޫނެވެ. މިއީ އެ ބިރުވެރި ދަންތުރައިގެ ފުރަތަމަ ފިޔަވަޅެވެ.

އެރޭ މަލްޝާއަކަށް ނުނިދުނެވެ. އޭނާގެ އަމިއްލަ ކޮޓަރި ވެސް އޭނާއަށް ހީވަމުން ދިޔައީ ބިރުވެރި ޖަލެއް ފަދައިންނެވެ. ފޯނަށް ބަލާލަންވެސް އޭނާ ބިރުގަންނަގޮތް ވިއެވެ. ޖެހިގެން އައި ދުވަހު ނާސްތާ ކުރަން މޭޒު ދޮށަށް އައިއިރު މަލްޝާ ހުރީ މުޅިން މާޔޫސްވެ ދެލޯ ރަތްވެފަވެ. އޭނާގެ މޫނުމަތީގެ އުޖާލާކަން ވަނީ ފަނޑުވެފައެވެ. އޭނާގެ ހަރަކާތްތައްވެސް ހުރީ ވަރަށް މަޑުންނެވެ.

"ދަރިފުޅާ! ރަނގަޅުތަ؟ ކަމެއް ވެފަތަ؟ ކިހިނެތްވީ؟ " މަލްޝާގެ މޫނަށް ބަލަހައްޓައިގެން އިނދެ ފާއިޒް ކަންބޮޑުވުމާއެކު އަހާލިއެވެ.

މަލްޝާ ބޯހޫރާލަމުން ހިނިތުންވެލިއެވެ. "ނޫން ބައްޕާ. ރަނގަޅު. ރޭގަ ތަންކޮޅެއް ގިނައިރު ވަންދެން ފިލާވަޅު ހަދަން އިނީމަ."

އެވަގުތު އޭނާގެ އަތުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށިއެވެ. މުޅި މީހާ ސިއްސާގެން ދިޔައެވެ. އެއީ ހަމަ އެ ނުދަންނަ ނަންބަރެވެ.