މަލްޝާގެ ފޯނުގެ ސްކްރީނުގައިވާ އޭނާގެ އަމިއްލަ ފޮޓޯއަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނީއެވެ. އޭނާގެ ސިކުނޑިއަށް އެއްވެސް ޚިޔާލެއް ނުގެނެވުނެވެ. އެއީ ހުވަފެނަކަށް ހަދަން އޭނާގެ ހިތް އެތައް ފަހަރަކު އެދުނެވެ. ނަމަވެސް އެއީ ހިތި ހަގީގަތެކެވެ. އޭނާގެ ދިރިއުޅުމުގެ އެންމެ އަމިއްލަ ވަގުތުކޮޅުތައް މީހެއްގެ އަތްދަށުވެއްޖެއެވެ.
އަތް ތުރުތުރު އަޅަމުން ދިޔަ ޙާލު މަލްޝާ މެސެޖެއް ޓައިޕްކޮށްލިއެވެ.
"ތިބޭނުންވަނީ ކޮންކަމެއް ކަން އަހަންނަކަށް ނޭންގުނު."
ޖަވާބު އައީ ހީވެސް ނުކުރާހާ އަވަހަށެވެ. އެއާއެކު މަލްޝާގެ ހިތަށް ބިރުވެރިކަން ވެރިވިއެވެ.
"ކުރާންވީ ކަންތައް އަހަރެން ކިޔައިދޭނަން. އަހަރެން ބޭނުމެއް ނޫން ފައިސާއެއް. އަހަރެން ބޭނުންވަނީ 'މަޖަލެއް'. އަވަހަށް ގޮސް އަހަރެން ބުނާ ގޮތަކަށް ވީޑިއޯއެއް ކޮށްފައި ފޮނުވާ."
މި މެސެޖާއެކު އައީ މަލްޝާގެ ހިތް ފުނޑުފުނޑުކުރުވި އިތުރު ތަފްސީލުތަކެކެވެ. އޭނާއަށް ކުރަން އަންގާފައިވާ ކަމަކީ އޭނާގެ ޙަޔާތުގައި ދުވަހަކުވެސް ހިތަށްވެސް އަރުވާލާފައިވާ ކަމެއް ނޫނެވެ. އެއީ އޭނާގެ ޝަރަފާއި އަބުރުގެއްލޭނެފަދަ ނުބައި ޢަމަލެކެވެ.
މަލްޝާގެ ލޮލުން ކަރުނަ އޮހިގަތެވެ. "އަހަންނަކަށް ނުކުރެވޭނެ އެކަހަލަ ކަމެއް ކުރާކަށް، އަހަރެންގެ ފޮޓޯތައް ޑިލީޓްކޮށްލާ."
"ހީހީ... ހީވިގޮތް ދޯ" އެކޮޅުން ޖަވާބު އައެވެ. "އަޑުއަހާ. ކަލޭ އެ ވީޑިއޯ ނުފޮނުވައިފިނަމަ މިހާރު އަހަރެންގެ އަތުގައި ހުރި ހުރިހާ ފޮޓޯއަކާއި ވީޑިއޯއެއް ކަލޭގެ ބައްޕަ ފާއިޒް އާއި މަންމަ ޝާއިރާ އަށް ފޮނުވާނަން. ކަލޭގެ ސްކޫލްގެ ހުރިހާ ގުރޫޕަކަށްވެސް. ވިސްނާލާ މުޅި ސްކޫލަށް ތި ފޮޓޯތައް ފެނުނީމަ ވާނެ ގޮތް."
ބައްޕަ އާއި މަންމަގެ ނަން ބުނުމުން މަލްޝާގެ ހިތް ކުދިކުދިވެގެން ދިޔައެވެ. އޭނާގެ މައިންބަފައިން އޭނާއަށް ކުރާ އިތުބާރު... އެމީހުންގެ ލޯބި... އެ ހުރިހާ ކަމެއް ނެތިގެން ހިނގައިދާނެއޭ ހިތަށް އެރުމުން އޭނާއަށް ރޮވުނީ ކުޑަކުއްޖެއް ފަދައިންނެވެ. އޭނާގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ.
އެވަގުތު ކޮޓަރީގެ ދޮރުގައި މަންމަ ޝާއިރާ ޓަކިޖަހާލިއެވެ. "ދަރިފުޅާ... ކިހިނެއްވީ؟"
މަލްޝާ އަވަސް އަވަހަށް ލޮލުން އައި ކަރުނަތައް ފޮހެލާ އަޑު ރަނގަޅު ކޮއްލާ ހަމައަކަށް އެޅިލިއެވެ. "އެއްވެސް ކަމެއް ނުވޭ މަންމާ. ހަމަ... ހަމަ ޓެސްޓަކަށްޓަކައި ވިސްނާލަނީ." އެއީ އޭނާގެ ދުލުން ބޭރުވި ފުރަތަމަ ބޮޑު ދޮގެވެ.
"އާނ، އެހެންތަ؟ މާގިނައިރު ފޯނާ ކުޅެން ނޯވެ އަވަހަށް ނިދާތި އިނގޭ" ޝާއިރާ ލޯތްބާއެކު ބުނެލިއެވެ.
ޝާއިރާ ދިޔުމުން މަލްޝާ އަނެއްކާވެސް އެކަނިވިއެވެ. އޭނާގެ ކުރިމަތީގައި އޮތީ ދެގޮތެވެ. އެއްގޮތަކީ އޭނާގެ އަމިއްލަ ހިތް ކަތިލާ އެ މީހާ ބުނިހާ ގޮތެއް ހެދުމެވެ. އަނެއްގޮތަކީ އޭނާގެ އާއިލާ އާއި ރައްޓެހިންގެ ކުރިމަތީގައި އޭނާގެ މުޅި ދިރިއުޅުން ބަރުބާދުވެގެން ދާތަން ބަލަން ހުރުމެވެ.
އޭނާ ތުރުތުރުއަޅާ އަތަކުން ފޯނު ނެގިއިރު އަނެއްކާވެސް މެސެޖެއް އައިސްފައި އޮތެވެ.
"ކަލޭއަށް ލިބެނީ 10 މިނެޓް. ވަގުތު ހިނގަން ފަށައިފި."
މަލްޝާއަށް ހީވީ އޭނާ ފުން އަނދަވަޅެއްގެ ތެރެއަށް ވެއްޓެމުންދާ ހެންނެވެ. އެތަނުން އަރައިގަނެވޭނެ އެއްވެސް ގޮތެއް އޭނާއަކަށް ނުފެނުނެވެ.
3ބައި 3 / 10
