2ބައި 2 / 10

2 ވަނަ ބައި

356 ލަފްޒު

ޖެހިގެން އައި ދުވަހުގެ ހެނދުނަކީ އިރުގެ ރަން ދޯދިތަކުން މުޅި މާހައުލު އަލިކޮށްލި އާދައިގެ ހިތްގައިމު ދުވަހެކެވެ. މަލްޝާ ހޭލީވެސް ވަރަށް ތާޒާކޮށެވެ. ރޭގައި އައިޝާ ފޮނުވި ލިންކުން އެއްޗެއް ނުފެނުމުން އެކަން އޭނާގެ ހަނދާނުން މުޅިން ކަހަލަ ގޮތަކަށް ފޮހެވިގެން ގޮސްފައިވެއެވެ. ސްކޫލަށް ދިއުމަށް ތައްޔާރުވެ މަންމަ އާއި ބައްޕައާއެކު ހެނދުނުގެ ނާސްތާ ކޮށްލައިގެން އޭނާ ސްކޫލަށް ދިޔައީވެސް އުފަލުން ހިނިތުންވެފައި ހުރެއެވެ.

ސްކޫލްގެ ގޭޓުން އެތެރެއަށް ވަންނަނިކޮށް އޭނާއަށް އައިޝާ ފެނުނެވެ. ނަމަވެސް އައިޝާގެ މޫނުމަތިން ފެންނަމުން ދިޔައީ އާދަޔާ ޚިލާފު ކުލަވަރެކެވެ. އައިޝާ ހުރީ ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

"އައިޝާ!" މަލްޝާ ގޮވާލަމުން އައިޝާގެ ކައިރިއަށް ދިޔައެވެ. "ކިހިނެއްވީ މޫނު ފާޑެއްގެ ގޮތަކަށް ތި ހުރީ."

އައިޝާ މަލްޝާއާ ދިމާއަށް އެނބުރިލަމުން ހިތްހަމަނުޖެހުމުގެ ރާގަކަށް ބުންޏެވެ. "މަލްޝާ ރޭގައި ތި ފޮނުވީ ކޮންކަހަލަ ލިންކެއް އަހަރެންގެ ފޯނު އެ ލިންކަށް ފިތާލީމަ ހަލާކުވީ. މުޅި ފޯނު އެބައޮތް 'ހޭންގް' ވެފަ."

މަލްޝާގެ މޫނުމައްޗަށް ވެރިވީ ޙައިރާންކަމެވެ. "ކީކޭ އަހަރެންނޭ! ލިންކެއް ފޮނުވީ އަހަރެންނެއް ނޫނޭ، ލިންކެއް ފޮނުވީ ތީނަ އަހަންނަށް. އަހަރެން އެއަށް ފިތާލީމަ އެއްވެސް އެއްޗެއް ނައި."

"ދޮގު ނުހަދާ!" އައިޝާގެ އަޑު ކުޑަކޮށް ބާރުވިއެވެ. "އަހަންނަށް އެނގޭނެއެއްނު ތި އެކައުންޓުން މެސެޖް އައީމަ. 'ހީހީ ހަލާކު' ޖަހާފަ އޮތީމަ އަހަރެން އެއަށް ފިތާލީ."

މަލްޝާގެ ހިތް ބާރަށް ތެޅިގަތެވެ. އެއީ އޭނާއަށް ލިބުނު މެސެޖުގައިވެސް އިން އިބާރާތެވެ. "އައިޝާ ގަންދީ ބުނަން! އަހަރެން އެއްވެސް ލިންކެއް ނުފޮނުވަން. އަހަންނަށްވެސް ރޭގަ ތި އެކައުންޓުން ތި ލިންކް އައީ. އަހަރެން ހީކުރީ ތީނަ ފޮނުވި އެއްޗެއް ކަމަށް."

ދެ އެކުވެރިންނަށް އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިބެވުނީއެވެ. ކޮންމެވެސް ބަޔަކު އެ ދެމީހުންގެ ނަމުގައި އެކަކު އަނެކަކަށް ލިންކް ފޮނުވާފައިވާކަން އެމީހުންނަށް ޔަގީންވިއެވެ. އެއީ ކާކުބާވައޭ އެ ދެމީހުންގެ ހިތަށް އަރަމުން ދިޔައެވެ.

އެ ދުވަހު މަލްޝާއަށް ކުލާހުގައި އިނދެވުނީ ހަމަޖެހިލައިގެންނެއް ނޫނެވެ. އޭނާގެ ހިތުގައި އުފެދެމުން ދިޔައީ ނޭނގޭ ކަހަލަ ބިރުވެރިކަމެކެވެ. ސްކޫލް ނިމިގެން ގެއަށް އައިސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލަމުން އޭނާ ފޯނު ނެގިއެވެ.

އެވަގުތު ނުދަންނަ ނަންބަރަކުން ވައިބާއަށް މެސެޖެއް އައެވެ.

"ސަލާމް މަލްޝާ."

މަލްޝާގެ ހިތުގައިވި ބިރުވެރިކަން އިތުރުވިއެވެ. އޭނާގެ ނަން އެމީހަކަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އަތް ތުރުތުރު އަޅަމުން ދިޔަ ނަމަވެސް އޭނާ ޖަވާބު ޓައިޕްކޮށްލިއެވެ. "ކާކު؟"

ޖަވާބު ވަރަށް އަވަހަށް ލިބުނެވެ.

"ކާކުކަން އެހާ މުހިންމެއް ނޫން. މުހިންމީ އަހަރެންގެ އަތުގައި މިހާރު ހުރި ތަކެތި. ތި ފޯނުގައި ހުރި ހުރިހާ ފޮޓޯއެއް ވީޑިއޯއެއް އަދި މެސެޖެއް މިހާރު އަހަރެން އަތުގަ އެބަހުރި."

މަލްޝާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މިއީ ކޮންމެވެސް މީހަކު އޭނާއާ ކުރާ ސަމާސާއެއް ކަމަށް ހިތް ބުންޏެވެ.

"އަހަރެންގެ ފޯނުގަ ހުރި އެއްޗެއް ތިބާއަށް އެނގޭނީ ކިހިނެއް"

ޖެހިގެން އައި މެސެޖާއެކު ފޮޓޯއެއް އައެވެ. އެއީ މަލްޝާ އޭނާގެ އެންމެ ގާތް ރައްޓެހިންނާއެކު ހަވީރަކު ބީޗަށް ގޮސް ނަގާފައިވާ އޭނާގެ ފޯނުގެ ޕްރައިވެޓް ގެލެރީގައި ފިޔަވައި އެހެން އެއްވެސް ތަނެއްގައި ޝެއާ ނުކުރާ ފޮޓޯއެކެވެ.

އެ ފޮޓޯ ފެނުމާއެކު މަލްޝާގެ މުޅި ދުނިޔެ އެނބުރިގަތްހެން ހީވިއެވެ. އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ. ބައްޕަގެ ނަސޭހަތްތައް އޭނާގެ ކަންފަތުގައި ގުގުމާލިއެވެ. ރޭގައި އޭނާއަށް ފިތާލެވުނު އެ ކުޑަކުޑަ ލިންކަކީ އޭނާގެ އަމިއްލަ ދިރިއުޅުން އޭނާގެ އަތުން ޖެހުނު ބިރުވެރި ދަންތުރައެއްކަން އޭނާއަށް ޔަގީންވިއެވެ.

އޭނާގެ ފޯނު އޭނާގެ ދުޝްމަނަކަށް ވެއްޖެއެވެ.