މަލްޝާއަކީ އުމުރުން 15 އަހަރުގެ ދިރިއުޅުމުގެ އުފާތައް ހޯދަމުން އައި ދިރިހުރުމުގެ ރޫޙުގަދަ މަޖާ ކުއްޖެކެވެ. ސްކޫލްގައި އޭނާއަކީ ގިނަ ރައްޓެހިންތަކެއް ތިބޭ ކިޔެވުމަށްވެސް މޮޅު އަދި ޓީޗަރުންގެ އިތުބާރު ލިބިފައިވާ ދަރިވަރެކެވެ. އޭނާގެ ދުނިޔެއަކީ އޭނާގެ އާއިލާއާއި ރައްޓެހިންނާއި އަދި އޭނާގެ ފޯނެވެ. ޚާއްޞަކޮށް ސޯޝަލް މީޑިއާއެވެ. އިންސްޓަގްރާމް އާއި ޓިކްޓޮކްގައި މަލްޝާގެ އެކައުންޓަކީ ގިނަ ބަޔަކު ފޮލޯކުރާ އޭނާގެ އުފާވެރި ދިރިއުޅުމުގެ ކުލަތައް ދައްކުވައިދޭ ތަނެކެވެ.
މަލްޝާގެ ބައްޕަ ފާއިޒަކީ އާއިލާއަށް ވަރަށް ލޯބި ދަރިފުޅުގެ ކަންކަމުގައި އަބަދުވެސް ސަމާލުކަންދޭ މީހެކެވެ. މަންމަ ޝާއިރާއަކީ ދަރިފުޅަށް ފުރިހަމަ އިތުބާރުކުރާ އޭނާގެ އެންމެ ގާތް އެކުވެރިޔާ ފަދަ މަންމައެކެވެ. އެމީހުންގެ އުފާވެރި އާއިލާގެ ހިތަކީ މަލްޝާއެވެ.
އެއީ އާދައިގެ ރެއެކެވެ. ރޭގަނޑުގެ ކެއުމަށްފަހު މަލްޝާ އާއި އޭނާގެ މައިންބަފައިން ސިޓިންގް ރޫމްގައި ތިބެ ވާހަކަ ދައްކަމުން ދިޔައެވެ.
"ދަރިފުޅާ މިހާރު އޮންލައިންކޮށް އުޅޭއިރު ވަރަށް ސަމާލުވާންވާނެ އިނގޭ. އެކި ކަހަލަ ނުރައްކާތެރި ކަންކަން އެބަހިނގާ" ފާއިޒް އޭނާގެ މޫނުމަތީގައިވާ ކަންބޮޑުވުމުގެ އަސަރުތަކާއެކު ބުންޏެވެ.
މަލްޝާ ހިނިތުންވެލަމުން ބުންޏެވެ. "ބައްޕާ ހާސްނުވޭ. އަހަންނަށް އެނގޭ ކަންކަން ކުރަންވީ ގޮތް. އަހަރެން ނުދަންނަ މީހުންނާ ވާހަކައެއް ނުދައްކަން އަދި ނޭނގޭ އެއްވެސް އެއްޗެއް ފޯނަކަށް ނާޅަން."
ޝާއިރާ މަލްޝާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. "އަހަރެމެންގެ ދަރިފުޅަކީ ވަރަށް ބުއްދިވެރި ކުއްޖެއް. އެކަމަކުވެސް ބައްޕަ އެ ބުނާ ވާހަކައިގައިވެސް ހަގީގަތެއް އެބައޮތް. ސަމާލުވުމަކީ އަބަދުވެސް ރަނގަޅު ކަމެއް."
އެ ވާހަކަތަކަށް ފަހު މަލްޝާ އޭނާގެ ކޮޓަރިއަށް ވަދެ ކިޔަވަން ހުރި ފިލާވަޅުތައް ނިންމާލުމަށްފަހު އޭނާގެ އެނދުމައްޗަށް އަރާ އޮށޯތެވެ. އާދައިގެމަތިން ފޯނު ހިފައިގެން އިންސްޓަގްރާމްއަށް ވަދެ ރައްޓެހިންގެ ޕޯސްޓްތައް ބަލާލުމާއި މެސެޖްތަކަށް ޖަވާބު ދެމުން ދިޔައެވެ.
ރޭގަނޑު އެގާރަ ޖަހާކަންހާއިރެވެ. މަލްޝާގެ ލޯ މަޑުމަޑުން ނިދީގެ ތެރެއަށް ދަތުރުކުރަން ފަށާފައި ވަނިކޮށް ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އައިޝާގެ ފަރާތުން އައި މެސެޖެކެވެ.
"މަލްޝާ! އަވަހަށް މީތި ބަލާލަބަލަ! ހީހީ ހަލާކު! " މެސެޖާއެކު އާދަޔާ ޚިލާފު ކުރު ލިންކެއް އޮތެވެ.
މަލްޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އައިޝާ ފޮނުވާ ވީޑިއޯތަކަކީ އަބަދުވެސް ވަރަށް މަޖާ ވީޑިއޯތަކެވެ. އެހެންކަމުން އެއްވެސް ވަރަކަށް ޝައްކު ކުރުމެއް އަދި ދެވަނަ ވިސްނުމަކަށް ދިއުމެއްވެސް ނެތި މަލްޝާ އެ ލިންކަށް ފިތާލިއެވެ.
ލިންކަށް ފިތާލުމާއެކު ފޯނުގެ ސްކްރީން އެއް ސިކުންތަކަށް ކަޅުވެފައި އަލުން އާދައިގެ ގޮތަށް ބްރައުޒާއެއް ހުޅުވުނެވެ. ނަމަވެސް އެއްވެސް ވީޑިއޯއެއް ނުފެނުނެވެ. އެއީ ހުސް ހުދު ކުލައިގެ ޕޭޖެކެވެ. މަލްޝާ ހީކުރީ އެއީ އިންޓަނެޓްގެ މައްސަލައެއް ކަމަށެވެ. އެހެންކަމުން ފޯނު ލޮކްކޮށްލުމަށްފަހު ބޯއަޅާ ބާލީސް ދަށަށް ލާފައި ނިދުމަށް ދެލޯ މަރާލިއެވެ.
އެއީ އޭނާގެ ހަޔާތް ބަދަލުކޮށްލާނެ ކްލިކެއްކަން އެވަގުތު މަލްޝާއަކަށް އެނގިފައެއް ނުވެއެވެ. އޭނާގެ އުފާވެރި ދުނިޔޭގެ ދޮރުތައް ނުރައްކަލަށް ހުޅުވާލެވުނީކަންވެސް އޭނާއަށް އިހްސާސެއް ނުކުރެވެއެވެ. އެ ރޭ އޭނާ ނިދީ އޭނާގެ ހުރިހާ ސިއްރެއް އޭނާގެ ފޯނުގައިވާ ހުރިހާ މައުލޫމާތެއް ނުބައި ނިޔަތެއްގައިވާ ބަޔަކަށް ފޮނުވިއްޖެކަން ނޭނގި ހުރެއެވެ.
1ބައި 1 / 10
