4ބައި 4 / 5

4 ވަނަ ބައި

278 ލަފްޒު

ކައިރާގެ ކަންބޮޑުވުމުގެ ބަސްތަކަށް ޒިހާން ޖަވާބުދިނީ އޭނާގެ އާދައިގެމަތިން ލުއި ހިނިގަނޑުންނެވެ. "ކައިރާ ތިހާ ބިރުގަންނަންޏާ މިތާ މަޑުކޮށްލާ! އަހަރެމެން ފިރިހެނުން މި ގޮސްދާނަންދޯ!" އޭނާ މިހެން ބުނެ ޔާސީން އާއި ޝާހިލް އަށް ލޮލުން އިޝާރާތްކޮށްލިއެވެ. އެ ތިންމީހުން ހިލަތަކުގެ މައްޗަށް އަރަން ފެށުމުން އައިލަމްވެސް ކުޑަކޮށް ފަސްޖެހިފައި ހުރުމަށްފަހު އެމީހުންނާއެކުވިއެވެ. ކައިރާ އާއި ޝާޔާ އަދި ނީލަމް ނިންމީ ތަންކޮޅެއް ދުރުގައި ރައްކާތެރި ހިސާބެއްގައި ތިބެގެން އެމީހުންގެ މަންޒަރު ބަލާށެވެ. ޝާޔާ އޭނާގެ ކެމެރާ ތައްޔާރުކޮށްލީ އެމީހުން އެ ހިލަގަނޑު މައްޗަށް އެރުމުން ނަގާނެ ފޮޓޯއަކަށް އިންތިޒާރުކުރަމުންނެވެ. އެމީހުންގެ ހިތުގައި އަދިވެސް އޮތީ އެއީ އެމީހުންގެ ދަތުރުގެ އެންމެ ފޯރިގަދަ އެއް ހިސާބު ކަމުގެ އިޙްސާސެވެ.

ފިރިހެން ކުދިން ހިލަތަކުގެ މައްޗަށް އަރަމުން ދިޔައީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ. ހިލަތަކުގައިވާ ފެހި ތަކުގެ ސަބަބުން އެތަން އޮތީ ހީކުރިވަރަށްވުރެވެސް ބޮޑަށް އޮމާންކޮށެވެ. ޒިހާން އެންމެ ކުރީގައި ހުރެ އަނެއް ތިން ކުދިންނަށް މަގު ދައްކަމުން ދިޔައެވެ. "ބަލައިގެން! މި ހިލަގަނޑު ވަރަށް ތޫނު!" ޝާހިލް ގޮވާލިއެވެ. އެމީހުން މެދާ ހަމައަށް އެރި ތަނާ ކުއްލިއަކަށް އައި އާދަޔާ ޚިލާފު ބޮޑު ރާޅެއް އެމީހުން ތިބި ހިލަގަނޑުގައި އައިސް ޖެހިއެވެ. އެއީ އެހެން ރާޅުތަކާ އަޅާބަލާއިރު މާ ބާރުގަދަ އަދި އުސް ރާޅެކެވެ. ރާޅުގެ ބާރުމިނުން ހަތަރު މީހުންގެ އެކަމަށް ހުރި ފޯރި ގެއްލިގެން ދިޔައެވެ. އަދި އަތް ކަހާލިއެވެ. ޔާސީން އާއި ޝާހިލް އަދި އައިލަމް ހިލައިގެ ތޫނު ކަނެއްގައި ހިފަހައްޓައިލެވުނީ ހަމަ ކިރިޔާއެވެ. އެކަމަކު އެންމެ މަތީގައި ހުރި ޒިހާންއަށް ހިފަހައްޓާނެ އެއްޗެއް ނުލިބުނެވެ.

"ޒިހާން!" އެންމެންނަށް އެއްފަހަރާ ހަޅޭއްލަވައިގަނެވުނެވެ.

ރާޅު އައިސް އޭނާގެ ގައިގައި ޖެހި އޭނާ ހިލަގަނޑުމަތިން ކައްސާލައިގެން ގޮސް ވެއްޓުނީ ތޫނު ހިލަތަކުގެ މެދުގައި ބާރަށް ގ ދިޔަ ކަނޑުގެ ތެރެއަށެވެ. އެމަންޒަރު ފެނިފައި ގޮނޑުދޮށުގައި ތިބި އަންހެން ކުދިންގެ ފަރާތުން އިވުނީ ވޭނީ އެކެވެ. ޒިހާން ފެނު މައްޗަށް އަރައި އެހީއަށް އެދި އަތް ހޫރަން މަސައްކަތްކުރި ނަމަވެސް އެބާރުގަދަ އޮއިވަރާއި ރާޅުތައް އޭނާ ތޫނު ހިލަތަކާ ދިމާލަށް ދަމަމުން ގެންދިޔައެވެ. ޔާސީން އޭނާ ސަލާމަތްކުރުމަށް ފުންމާލަން އުޅުނު ވަގުތު ޝާހިލް އޭނާގެ އަތުގައި ހިފަހައްޓައި ހުއްޓުވިއެވެ. "ނުވާނެ! ތިކަމެއް ނުވާނެ! ކަނޑު މާ ގަދަ!" އޭނާ ހަޅޭއްލަވައިގަތެވެ. އެމީހުންގެ ލޯ ކުރިމަތީގައި އެމީހުންގެ އެންމެ މަޖާ އެކުވެރިޔާ ރާޅުތަކުގެ ތެރެއަށް ގެއްލިގެން ދިޔައެވެ. އޭނާގެ ފަހު ހަޅޭކުގެ އަޑުވެސް ރާޅުތަކުގެ ބިރުވެރި އަޑުގެ ތެރޭގައި ގެއްލިގެން ދިޔައެވެ. އުފާވެރިކަމާއި ސަކަރާތުން ފުރިފައިވި މާޙައުލު އެންމެ ސިކުންތުކޮޅެއްގެ ތެރޭގައި ބިރުވެރިކަމާއި ހިތާމައިގެ ކަނު އަނދިރިގަނޑަކަށް ބަދަލުވެއްޖެއެވެ.