5ބައި 5 / 5

5 ވަނަ ބައި

258 ލަފްޒު

ޒިހާން ލޮލުކޮޅުން ގެއްލުމާއެކު ހީވީ މުޅި ދުނިޔެ ހުއްޓުނުހެންނެވެ. ޒިހާންގެ ނަން ކިޔައި ހަޅޭއްލަވަމުން ދިޔަ ޝާޔާ އާއި ނީލަމްގެ އަޑު ރާޅުތަކުގެ ބިރުވެރި އަޑާ އެކުވެގެން ދިޔައެވެ. ހިލަގަނޑުމަތީގައި ތިބި ޔާސީން އާއި ޝާހިލް އަދި އައިލަމްގެ ހަށިގަނޑުތައް ގަނޑުވި ފަދައެވެ. އެމީހުންގެ ލޯމަތީގައި އެމީހުންގެ އެންމެ ގާތް އެކުވެރިޔާ މަރުގެ އަނދަވަޅަށް ގެނބިގެން ދިޔައީއެވެ. އެމީހުންގެ އުފާވެރި ހުނުމާއި ސަކަރާތް އެންމެ ރާޅަކާއެކު ވޭނާއި ހިތާމައަށް ބަދަލުވެއްޖެއެވެ. ޝޮކުން ހޭއަރާ ޔާސީން އާއި ޝާހިލް އަދި އައިލަމް މަޑުމަޑުން ހިލަގަނޑުން ތިރިއަށް ފައިބަން ފެށިއެވެ. އެމީހުންގެ ހަށިގަނޑުތައް ހީވީ ބަރުވެފައިވާހެންނެވެ. އެމީހުންގެ ހިތްތަކުގައިވާ ބަރުކަން އެމީހުންގެ ފިޔަވަޅުތަކަށް އަސަރުކުރަމުން ދިޔައެވެ.

އެމީހުންނަށް ތިރިއަށް ފޭބުނުއިރު އަންހެން ކުދިން ތިބީ ވެލިގަނޑުމަތީގައި ތިރިވެ ކަކޫޖަހައިގެން ރޯށެވެ. ކައިރާ ދެއަތުން މޫނު ފޮރުވައިގެން އިންއިރު ނީލަމްގެ ލޮލުން ކަރުނަތައް ހުއްޓުމެއްނެތި އަންނަމުން ދިޔައެވެ. ޝާޔާ ހުރީ ކަނޑާ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާގެ ލޮލުގައި ވަނީ އުންމީދު ކެނޑިފައިވާ ހައިރާންކަމެކެވެ. އައިލަމްމެންނަށް އެމީހުންގެ ގާތަށް އައިސް އިށީނދެވުނުއިރު އެއްވެސް މީހަކަށް ދައްކާނެ ވާހަކައެއް ބުނާނެ ބަހެއް ނޭނަގުނެވެ. ހިމޭންކަން ފޫއަޅުވާލަމުން ދިޔައީ ހަމައެކަނި ކައިރާ އާއި ނީލަމްގެ ގިސްލުމުގެ އަޑެވެ. ޔާސީންގެ ހިތުގައި ށަކުވާތައް އަނދަމުން ދިޔައެވެ. "އަހަންނަށް އޭނާ ސަލާމަތް ކުރެވުނުނަމަ..." އޭނާގެ ހިތް އެތައް ފަހަރަކު ބުނަމުން ދިޔައެވެ. އޭނާ ފުންމާލަން އުޅުނު ވަގުތު ހުއްޓުވި ޝާހިލްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އެކަމުގެ ހިތާމައެވެ. އަދި ޒިހާންގެ މަރުގެ ޒިންމާ އެމީހުންގެ ކޮނޑުގައި އެޅިފައިވާކަމުގެ އިޙްސާސް އެމީހުންނަށް ކުރެވެމުން ދިޔައެވެ.

އިރު އޮއްސެން ފަށައި އުޑުމަތި ރަތްކުލައިން ޖަރީވާން ފެށިއެވެ. އެމީހުން އެންމެ އިންތިޒާރުކުރި ރީތި އިރުއޮއްސުމުގެ މަންޒަރު މިއަދު ފެންނަނީ ލެއިން ތަތްތެޅިފައިވާ ބިރުވެރި މަންޒަރެއްގެ ގޮތުގައެވެ. އެމީހުންނަށް އެތާނގައި އިނދެވުނީ ކިހާ އިރަކުކަމެއްވެސް ނޭނގެއެވެ. އެންމެ ފަހުން ހިމޭންކަން ކަނޑުވާލީ ކައިރާއެވެ. "އަހަރެމެން މިތާ ތިބެގެން ކުރާނެ ކަމެއް ނެތް. އަހަރެމެން... އަހަރެމެން އެހީ ހޯދަން ޖެހޭ." އޭނާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. އެއީ ހިތްދަތި ހަގީގަތެވެ. ޒިހާން އެނބުރިއެއް ނާންނާނެއެވެ. އެމީހުންނަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ހިނގި ހާދިސާގެ ޚަބަރު ކަމާބެހޭ ފަރާތްތަކަށް އެންގުމެވެ. އެމީހުން ތެދުވެ އެމީހުންގެ ތަކެތި ހުރި ދިމާލަށް ހިނގައިގަތީ ފުރާނަ ނެތް ހަށިގަނޑުތަކެއް ފަދައިންނެވެ. ޖަންނަތެއް ފަދަ އެ ރަށް އެމީހުންގެ ހަޔާތުގެ އެންމެ އަނދިރި ހަނދާނަށް ވެގެން ދިޔައީއެވެ.