ބާބަކިއުއަށް ފަހު ހަށިގަނޑަށް ލިބުނު ބުންވަރާއެކު އެމީހުން ފެށީ ފިލާކުޅޭށެވެ. އެއީ އެމީހުން ކުޑައިރުއްސުރެ އެކުގައި ކުޅެމުން އައި އެންމެ މަޖާ އެއް ކުޅިވަރެވެ. ފުރަތަމަ ގުނަން ޖެހުނީ ޝާހިލްއަށެވެ. އޭނާ ބޮޑު ދިއްގާ ގަހުގައި މޫނު ފޮރުވާލައިގެން ހުރެ ގުނަން ފެށުމުން އަނެއް ހަ ކުދިން ރަށުގެ އެކި ދިމަދިމާލަށް ދުއްވައިގަތީ އެންމެ ރަނގަޅު ފިލޭނެ ތަން ހޯދުމަށެވެ. ޒިހާން އޭނާގެ ހަލުވިކަމާއެކު ރަށުތެރެއަށް ވަދެ ބޯ ގަސްގަނޑެއްގެ ތެރެއަށް ވަދެ ފިލިއެވެ. ޝާޔާ އާއި ނީލަމް އެކުގައި ދުވެފައި ގޮސް ބޮޑެތި ރުއްތަކެއްގެ ފުރަގަހުގައި ފިލިއިރު ކައިރާ ފިލީ ގޮނޑުދޮށުގައި އޮތް ބޮޑު ގަނޑެއްގެ ނިވަލުގައެވެ. ޔާސީން އާއި އައިލަމް ރަށުގެ އެންމެންނާ ތަންކޮޅެއް ދުރަށް ގޮސް ގަސްތައް ބޯކޮށް ހެދިފައިވާ ހިސާބެއްގައި ފިލަން މަސައްކަތްކުރިއެވެ. ކުޅިވަރުގެ ފޯރީގައި އެމީހުން ރަށުގެ އެކި ކަންކޮޅުތަކަށް ދިޔައިރު އެމީހުންނަށް ރަށުގެ އާދަޔާ ޚިލާފު ތަފާތުތައް ފެންނަން ފެށިއެވެ. އެމީހުން ތިބި ގޮނޑުދޮށުގެ މަޑުމައިތިރިކަމާ ޚިލާފަށް ރަށުގެ އަނެއް ފަރާތުން އިވެނީ ބާރަށް ރާޅުޖަހާ އަޑެވެ.
ކުޅިވަރު ނިމި އެންމެން އެއްތަނަކަށް އެއްވިއިރު އެންމެންގެ ހިތުގައިވެސް އައު ޝައުޤުވެރިކަމެއް އުފެދިފައިވިއެވެ. އެއީ އައިލަމް ކުރިން އިޝާރާތްކުރި ރަށުގެ "އެޑްވެންޗަރ ސައިޑް" ބަލާލުމުގެ ޝައުޤުވެރިކަމެވެ. "ދެން އަހަރެމެން ދާނީ ރަށުތެރެ ބަލާލަން! އަހަންނަށް ހީވަނީ އެކޮޅުގައި ވަރަށް ތަފާތު ތަންތަން ހުންނާނެހެން" ޒިހާން ފޯރިއާއެކު ބުންޏެވެ. އެންމެން އެކަމަށް އެއްބަސްވެ އެމީހުންގެ ދަތުރު ރަށުގެ އަނެއްކޮޅަށް ފެށިއެވެ. އެމީހުން ހިނގައިގަތްތާ މާގިނައިރެއް ނުވެ މާޙައުލު ބަދަލުވާން ފެށިއެވެ. ހިމުން ވެލިގަނޑުގެ ބަދަލުގައި ފެންނަން ފެށީ ކުދި ހިލަތަކާއި ގަސްތަކުގެ ހިކިފައިވާ އޮފިތަކެވެ. މަގު ހަނިވެ ދެފަރާތުގައި ހެދިފައިވާ ގަސްތަކުގެ ފަތްތައް އެމީހުންގެ ގައިގައި ކޭތެމުން ދިޔައެވެ. ރާޅުޖަހާ އަޑު ގަދަވަމުން ދިޔައެވެ.
އެންމެ ފަހުން އެމީހުނަށް ހުޅުވިފައިވާ ތަނަކަށް ނިކުމެވުނެވެ. އެމީހުންގެ ކުރިމަތިން ފެނުނު މަންޒަރުން އެންމެންގެ ދުލުން ބަސް ހުއްޓުނު ފަދަ ކަމެއްވިއެވެ. އެއީ ކަޅުކުލައިގެ ހިލަތަކުން ވަށާލާފައިވާ ކުޑަ ފަޅުކޮޅެކެވެ. ބޮޑެތި ރާޅުތައް އައިސް އެ ހިލަތަކުގައި ޖެހި ހުދުކުލައިގެ ފޮނުގަނޑަކާއެކު ބިންދައިގެން ދާއިރު އިވޭ އަޑު ބިރުވެރިއެވެ. އެހެންނަމަވެސް އެތަނުގެ ރީތިކަން އާދަޔާ ޚިލާފެވެ. ހިލަތަކުގެ މަތީގައި ކުދިކުދި ފެންގަނޑުތައް ހެދިފައިވާއިރު އެއްފަރާތެއްގައި ކުޑަ ހޮރެއްގެ އަނގަމަތިވެސް ފެންނަން ހުއްޓެވެ. ޝާޔާ ވަގުތުން އޭނާގެ ކެމެރާ ނަގައި އެ ހިތްގައިމު މަންޒަރުތަކުގެ ފޮޓޯ ނަގަން ފެށިއެވެ. "މިއީ ހަމަ ފޮޓޯގްރާފަރެއްގެ ހުވަފެނެއް!" އޭނާ ބުންޏެވެ. އެންމެން އެތަނުގެ ރީތިކަމަށް ހައިރާންވެފައި ތިއްބައި ޒިހާން އެންމެ އުސް ހިލަގަނޑަށް އިޝާރާތްކޮށްލިއެވެ. "އެ ހިލަގަނޑު މައްޗަށް އަރައިފިއްޔާ މުޅި ރަށް ފެންނާނެ! ހިނގާ އެއަށް އަރަމާ!" އޭނާގެ ހުށަހެޅުމާއެކު ޔާސީން އާއި ޝާހިލްވެސް އެކަމަށް ހިތްވަރު ލިބުނެވެ. ނަމަވެސް ކައިރާގެ ހިތުގައި ކުޑަ ނުތަނަވަސްކަމެއް އުފެދިގެން ދިޔައެވެ. "އެކަމަކު އެ ހިލަތައް ފެންނަނީ ވަރަށްކައްސާހެން. ރާޅުވެސް ވަރަށް ބޮޑު." އޭނާ ކަންބޮޑުވުމާއެކު ބުންޏެވެ. އެއީ އެމީހުންގެ އުފާވެރި ދުވަހުގެ މައްޗަށް އެޅެން ފެށި ނުރައްކަލުގެ ފުރަތަމަ ހިޔަންޏެވެ.
3ބައި 3 / 5
