ލޯންޗު މަޑުމަޑުން ރަށުގެ ފަޅުތެރެއަށް ވަދެ ދޮން ހުދު ވެލިގަނޑާ ގާތްކޮށްލުމާއެކު އެންމެންގެ މޫނުމަތިން ފެނުނީ ބަޔާންކުރަން ނޭންގޭ އުފާވެރިކަމެކެވެ. ރަށުގެ ރީތިކަން އެމީހުން ހީކުރި ވަރަށްވުރެވެސް މާ ފުރިހަމައެވެ. ފެންގަނޑު ސާފުކަމުން އަޑީގައިވާ ހުދު ވެލިގަނޑާއި ކުދިކުދި މަސްތައް ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ. ލޯންޗުން ފައިބައި އެމީހުންގެ ފައިތިލަތައް ހިމުން ވެލިގަނޑުގައި ޖެހުމާއެކު ހީވީ ދުވަހަކުވެސް ނުލިބޭ ފަދަ ހިތްހަމަޖެހުމެއް ލިބުނުހެންނެވެ. "ވާއު! މިއީ ހަމަ އަސްލުވެސް ސުވަރުގެއެއް!" ނީލަމްއަށް އުފަލުން ގޮވާލެވުނެވެ. އެންމެން އެކުއެކީގައި އެމީހުން ގެނައި ސާމާނުތައް ހިފައިގެން ގޮނޑުދޮށާ ކައިރީގައި ހުރި ހިޔާދޭ ބޮޑު ދިއްގާ ގަހެއްގެ ދަށުގައި އެމީހުންގެ ތަކެތި ބެހެއްޓިއެވެ. ކައިރާ އޭނާގެ ލިސްޓް ނަގައި ފުރަތަމަ ކަމަކަށް ފާހަގަކުރި ވޮލީބޯޅަ ކުޅުމަށް ތައްޔާރުވުމަށް އެންމެންނަށް ގޮވާލިއެވެ.
ވޮލީދާގަނޑު ދެ ރުއް ދޭތެރޭގައި ދަމައިލިއެވެ. ޒިހާން އާއި ޝާހިލް އަދި ޔާސީން އެއް ޓީމަކަށް އަދި އައިލަމް އަންހެން ތިން ކުދިންނާއެކު އަނެއް ޓީމަށް ބަހާލައިގެން އެމީހުންގެ ފޯރިގަދަ މެޗް ފެށުނެވެ. ވެލިގަނޑުމަތީގައި ދުވެ ދުވެ އެކަކު އަނެކަކަށް ޖެއްސުން ކުރަމުން އެމީހުން ކުޅެމުން ދިޔައިރު އެމީހުންގެ ހުނުމުގެ އަޑު މުޅި ހިސާބުގަނޑު ގުގުމާލަމުން ދިޔައެވެ. ޒިހާން ކޮންމެ ޕޮއިންޓެއް ލިބުމުން ނަށަމުން ގޮސް އަނެއް ޓީމަށް ދިމާކުރަމުން ދިޔައިރު ޝާޔާ ކުޅުމުގެ ތެރެއިންވެސް ފޮޓޯ ނެގުމަށް ފުރުސަތު ހޯދަމުން ދިޔައެވެ. ދާހިއްލާ ވަރުބަލިވުމުން އެމީހުން ކުޅުން ހުއްޓާލާފައި ދުއްވައިގަތީ އެމީހުންނަށް އިންތިޒާރުކުރަމުން ދިޔަ ފިނި ސާފު މޫދުގެ ތެރެއަށެވެ. ލޮނުގަނޑުގެ ފިނިކަމުން އެމީހުންގެ ހަށިގަނޑުތަކަށް އާ ދިރުމެއް ގެނެސްދިނެވެ. އެކަކު އަނެކަކަށް ފެންޖަހައި ފީނައި ފަތަމުން އެމީހުން ވަގުތު ހޭދަކުރީ ކުޑަކުދިންތަކެއް ފަދައިންނެވެ. ޔާސީން އޭނާގެ ސާރފްބޯޑު ނަގައި ފެންމަތީގައި އޮޔާ ދަމުން ގިޓާ ކުޅޭ ފަދައިން ހެދި އިރު އެންމެން އެ މަންޒަރު ބަލާފައި ހޭން ފެށިއެވެ.
ބަނޑުހައިވާން ފެށުމުން އެމީހުން އެންމެން ގޮނޑުދޮށަށް އަރައި ބާބަކިއު ހެދުމުގެ އިންތިޒާމްތައް ހަމަޖައްސަން ފެށިއެވެ. ޝާހިލް އާއި އައިލަމް އަލިފާންގަނޑު ރޯކުރުމުގެ މަސައްކަތް ފެށިއިރު ކައިރާ އާއި ނީލަމް އެމީހުން ގެނައި ކުކުޅު މަހާއި ސޮސެޖްތައް ފިހަން ތައްޔާރުކުރިއެވެ. މާގިނައިރެއް ނުވެ ފިހެވެމުންދާ މަހުގެ މީރު ވަސް މުޅި ސަރަޙައްދުގައި ހިފާލިއެވެ. އެމީހުން ކައިބޮއި ހަދައި އެކަކު އަނެކަކާ ވާހަކަ ދައްކަމުން ދިޔައިރު އެއީ ހަގީގަތުގައިވެސް އެކުވެރިކަމުގެ އެންމެ ފުރިހަމަ މަންޒަރެވެ. ކެއުމަށްފަހު ހަމަޖެހިލައިގެން ތިއްބައި އައިލަމް ރަށުގެ އަނެއްކޮޅަށް އިޝާރާތްކޮށްލިއެވެ. "އެކޮޅު ފެންނަނީ ވަރަށް ތަފާތުކޮށް. ގަސްތައް ވަރަށް ވާވެފައި ބޮޑެތި ހިލަތައްވެސް އެބަހުރިހެން ހީވަނީ." ޝާހި އެކަމަށް ތާއީދުކުރިއެވެ. "އާނ. އެކޮޅު ރާޅުވެސް ކުޑަކޮށް ގަދަހެން ހީވަނީ." ޒިހާން ހީލަމުން ބުންޏެވެ. "އެއީ އެޑްވެންޗަރ ސައިޑް! އެދިމާލުން ރަށުތެރެ އެކްސްޕްލޯރ ކޮށްލަން ދާނީ އަދި ފަހުން. މިހާރު އޮތީ ފިލާ ކުޅުން!" އެންމެން އެ ހިޔާލަށް އެއްބަސްވެ އެމީހުންގެ އުފާވެރި ދުވަހުގެ ދެން އޮތް ބަޔަށް ތައްޔާރުވިއެވެ.
2ބައި 2 / 5
