1ބައި 1 / 5

1 ވަނަ ބައި

262 ލަފްޒު

އިރުގެ ރަންވި ދޯދިތައް ހަމަހިމޭން ކަނޑުގެ ނޫކުލައިގެ ލޮނުގަނޑު މަތީގައި އެޅެމުން ދިޔަ ހިތްގައިމު ހެނދުނެކެވެ. ކައިރާއާއި ޝާޔާއާއި ނީލަމްއާއި ޒިހާންއާއި ޔާސީންއާއި އައިލަމް އަދި ޝާހިލް މި ހަތް އެކުވެރިންގެ ހިތްތައް އުފަލުން ފޮޅެމުން ދިޔައީ އެމީހުން އެތައް ދުވަހަކު ދެކެމުން އައި ހުވަފެނެއްގައި ކުލަޖެހެން އުޅޭތީއެވެ. އެއީ އެމީހުން އެކުގައި ރާވައިގެން ދާ "ސަންދޯކުފުށި" ގެ ޕިކްނިކް ދަތުރެވެ. ސަންދޯކުފުއްޓަކީ މާލެއާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ އެކަމަކު އޭގެ ޠަބީޢީ ރީތިކަމުގައި އެއްވެސް އުނިކަމެއްނެތި ފެންނަން އޮންނަ ފަޅުރަށެކެވެ. އެމީހުން ދަތުރުކުރަމުން ދިޔަ ލޯންޗުގެ އިންޖީނުގެ އަޑާއި އެމީހުންގެ ހުނުމުގެ އަޑު އެކުވެ ލޮނު ވައިރޯޅިތައް އެމީހުންގެ މޫނުގައި ބީހެމުން ދިޔައީ އުފާވެރިކަމުގެ މެސެޖެއް ފޯރުކޮށްދޭ ފަދައިންނެވެ. ޔާސީންއަކީ އެމީހުންގެ ތެރެއިން އެންމެ ހިތްގައިމު މިޔުޒިކީ ހުނަރުވެރިޔާއެވެ. އޭނާ، އޭނާގެ ގިޓާ ނަގައި އެކުވެރިކަމުގެ ހަނދާންތައް އާކޮށްދޭފަދަ މަޝްހޫރު ލަވައެއްގެ ރާގު ކުޅެން ފެށުމުން އެންމެން އެކުއެކީގައި ލަވަކިޔަން ފެށިއެވެ.

ޒިހާންއަކީ އެމީހުންގެ ތެރެއިން އެންމެ ސަކަރާތްޖަހާ އެންމެންގެ މޫޑު ރަނގަޅުކޮށްދޭ ކުއްޖާއެވެ. އާދައިގެމަތިން އޭނާ ސަމާސާ ވާހަކައެއް ފެށިއެވެ. "ޔާސީންގެ ގިޓާގެ އަޑަށް ކަނޑުއަޑީގައި ތިބި މަސްތައްވެސް ނަށަނީހެން އެބަ ހީވޭ!" ޒިހާން މިހެން ބުނުމާއެކު އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ކައިރާ އޭނާގެ ފޯނުގައި ހަދާފައިވާ ލިސްޓް ދައްކާލަމުން ބުންޏެވެ. "އަޑުއަހާ! އަހަރެމެން ގޮސް ފުރަތަމަ ވޮލީ ކުޅޭނީ، ދެން ބާބަކިއު ހަދާނީ ދެނަ ރީތި ފޮޓޯ ނަގާނީ." ޝާޔާ އޭނާގެ ކެމެރާ ސާފުކުރަމުން އެކަމަށް ތާއީދުކުރިއެވެ. "އަހަރެމެންގެ އެންމެ ރީތި ފޮޓޯތައް މިއަދު ނެގޭނެ!" ނީލަމް ކެތްމަދުވެފައި އިނދެ އަތްތިލަބަޑި ޖަހާލިއެވެ.

ޝާހިލް އާއި އައިލަމްއަކީ އެމީހުންގެ ތެރެއިން ކޮންމެވެސް ވަރަކަށް މަޑުމައިތިރި ދެމީހުންނެވެ. އެދެމީހުން ލޯންޗުގެ ކުރީކޮޅުގައި އިށީނދެގެން ތިބީ ކަނޑުގެ ސަރަޙައްދީ ރީތިކަމަށް ގެއްލިފައެވެ. އުޑާއި ކަނޑު ގުޅިފައިވާ ތަން ފެންނަނީ ސީދާ ރޮނގެއް ފަދައިންނެވެ. ދޭތެރެއަކުން މަސްވެރިން ފެނިލާއިރަށް އެމީހުން އަނެއް ބަޔަކަށް ގޮވާލައެވެ. އުދަރެހުން ކުޑަކުޑަ ފެހި ކުލައިގެ ތިއްކެއްހެން ސަންދޯކުފުށި ފެންނަން ފެށުމުން އެންމެންގެ އުފާވެރިކަން ދެގުނަވިއެވެ. އެ ތިކި މަޑުމަޑުން ބޮޑުވަމުން އައިސް ރަށުގެ ދޮންވެލިގަނޑާއި ނޫކުލައިގެ ފަޅު ފާޅުވާން ފެށުމުން އެރަށް ފެންނަނީ ކަނޑުގެ މެދުގައިވާ ޖަވާހިރެއް ފަދައިންނެވެ. އެމީހުންގެ ހިތުގައި އެވަގުތު އޮތީ ހަމައެކަނި އުފާވެރިކަމާއި ކުރިއަށް އޮތް މަޖާގަނޑަކަށް އިންތިޒާރުކުރުމުގެ ކެތްމަދުވުމެވެ. އެ ސުވަރުގޭގެ ހިޔަލުގައި އެމީހުނަށް އިންތިޒާރުކުރަމުން ދިޔަ އަނދިރި ހިޔަންޏެއްގެ ހިލަމެއްވެސް އެމީހުންނަށް ނުވެއެވެ.