2ބައި 2 / 3

2 ވަނަ ބައި

294 ލަފްޒު

އެ ދުވަސްތަކަށްފަހު އެތައް އަހަރެއްހާ ދުވަސް ހަމަޖެހުމާއެކު ފަހަނަޅައި ދިޔައެވެ. ނިޝާގެ އާއިލާގެ ދިރިއުޅުން ނިޝާގެ ހަނދާންތަކާއެކު ކުރިއަށް ދިޔައެވެ. ނަމަވެސް އެއްރެއަކު ނިޝާގެ މަންމަ ފަރީދާގެ ކަންފަތުގައި އެ ގޭގެ ފަހަތު ގޯތިތެރެއިން ކުއްޖެއްގެ ރުއިމުގެ އަޑު ކަހަލަ އަޑެއް އިވުނެވެ. އެއީ ގިނަގުނަ ތަފާތު ބާވަތްބާވަތުގެ ތަރުކާރީ ގަސްތަކުން ފުރިފައިވާ އަދި ބޮޑު ނިކަގަހެއް ހުރި ތަނެކެވެ. ރޭގަނޑުގެ އަނދިރީގައި ހަނދުވަރުގެ ކުޑަ އަލިކަމެއް ފިޔަވައި އެއްވެސް އެއްވެސް އަޔެއް ނުވެއެވެ. އެ އަޑަކި ކޮން އަޑެއްތޯ ބެލުމަށްޓަކައި ފަރީދާ ކުޑަކޮށް ޖެހިލުންވެ ހުރެ އެތަނަށް ދިޔައެވެ. ނަމަވެސް އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.

މިކަން މިހެން އެކިރޭ އެކިވަގުތު ދިމާވާން ފެށިއެވެ. ކޮންމެވެސް ނޭނގޭ އެއްޗެއް އެތަނުގައިވާ ކަހަލަ އިހުސާސެއް ފަރީދާއަށް ކުރެވި ބިރުގަންނަ ގޮތްވިއެވެ.

އެއްރެއަކު ނިޝާގެ ބައްޕަ އަމްޖަދު މަހަށް ނުކުތެވެ. އެރޭގެ މަސްވެރިކަމަށްފަހު އޭނާ ގެއަށް އެނބުރިނާދެއެވެ. އެރޭގެ މާހައުލަކީ ވައިރޯޅިއެއް ނުވާ އާދަޔާ ޚިލާފު ހިމޭންރެއެކެވެ. ވިލާގަނޑެއް ނެތްނަމަވެސް އުޑުމަތިން ފެންނަނީ މަދު ތަރިތަކެއްގެ އަލިކަމެވެ. އަމްޖަދުގެ ފޯނަށް އެތައް ފަހަރަކު ގުޅައި ފޯނަށް ޖަވާބެއް ނުދިނުމުން ފަރީދާ ކަންބޮޑުވެ އާއިލާގެ މެމްބަރުންނަށާއި ރަހްމަތްތެރިންނަށް ގުޅައި އަމްޖަދު ގެ ޙަބަރެއް ވިތޯ އެހިއެވެ. ނަމަވެސް އެއްވެސް މީހަކަށް އަމްޖަދު ޙަބަރެއް ނުވިތާ ފެނިފައިވެސް ނުވެއެވެ.

އެހެންކަމުން އަމްޖަދު ގެއަށް ނާންނާތީ ފަރީދާއަށް ފުލުހުންނަށް ރިޕޯޓު ކުރަން ޖެހުނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި ރަށަށް އަމްޖަދު ގެއްލިގެން ހޯދަމުންދާކަމުގެ ޚަބަރު ފެތުރި ރަށުގެ އެންމެން އޭނާ ހޯދުމަށް ނުކުތެވެ. އެތައް ގަޑީރުތަކެއް ވަންދެން ހޯދުމަށްފަހުވެސް އެއްވެސް ހަބަރެއް ނުވެ ރަށުގެ އިރު އޮއްސޭ ދިމާއަތިރިން އޭނާގެ މަސް ބާނާ ދޮށި ފެނުނެވެ. އޭގައި ލޭގެ ނިޝާންތައް ހުއްޓެވެ. މި ކަން ފަރީދާ އަށް އެނގުމާއެކު ފަރީދާގެ ހިތް ކުދިކުދިވެގެން ދިޔައެވެ. ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އަމްޖަދު އެއްވެސް ނިޝާނެއް ނެތި ވައިގެ ތެރެއަށް ގެއްލުނީއެވެ.

ފަރީދާއަށް ލިބުނު ވޭނަކީ ބަޔާންކުރަން ދަތި ވޭނެކެވެ. ހުރި ހަމައެކަނި ދަރިފުޅާއި ލޯބިވާ ފިރިމީހާ ވަކިވެ މުޅިން އެކަނި ވީއެވެ. އޭނާގެ ދިރިއުޅުމުގެ ބައިވެރިޔާ އޭނާގެ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ މަސްދަރު ކުއްލިއަކަށް ގެއްލިގެން ދިއުމުން އޭނާގެ ހިތް ފުނޑުފުނޑުވެގެން ދިޔައެވެ. ކޮންމެ ކަމަކުން ކޮންމެ ތަނަކުން އޭނާއަށް ފެންނަނީ އަމްޖަދުގެ ހަނދާންތަކެވެ. އެ ދިރުންތެރި ހިނިތުންވުމާއި އެ ފިރިހެންވަންތަ އަޑާއި އަދި އެ ލޯބިވެތި ބެލުން މިހާރު ހަމައެކަނިވަނީ ފަރީދާގެ ހަނދާންތަކުގައިއެވެ. ކުދަ ހިނދުކޮޅެއްގެ ތެރޭ ފަރީދާގެ ދިރިއުޅުމުގެ ކޮންމެ ސިކުންތަކީ ހިތްދަތި ކަމުން ފުރިގެންވާ ސިކުންތަކަށް ވެގެން ދިޔައެވެ.

(ނުނިމޭ)