ނީޝާ އަކީ ވަރަށް ހިތްގައިމު ރީތި އަންހެން ކުއްޖެކެވެ. އޭނާގެ އެންމެ ހިތްގައިމު އާދައަކީ ކޮންމެ ދުވަހެއްގެ އިރުއޮއްސޭ ވަގުތު ރީތި ހެދުން އަޅައިގެން ބޭރަށް ނިކުމެ އިރުގެ ރީތިކަން ބަލަން އިނުމެވެ. އެ ގަޑީގައި އުޑުގެ ކުލަތައް ބަދަލުވެ ދުނިޔެއަށް އަންނަ ހަމަހިމޭންކަމަށް ނީޝާ ވަރަށް ލޯބިކުރެއެވެ.
އެއްދުވަހަކު ނީޝާ އާދައިގެ މަތިން އިރުއޮއްސޭ މަންޒަރު ބަލަން އިންދާ އޭނާގެ ރީތިކަމަށް ޖިންނިއެއްގެ ހިތް ޖެހުނެނެވެ. އެ ޖިންނި ނީޝާދެކެ ވަރަށް ބޮޑަށް ލޯބިވެ އޭނާގެ ގާތަށް އައުމަށް ނިންމިއެވެ. ޖިންނީއަކީ ވަރަށް ބާރުގަދަ ޖިންނިިިީއެކެވެ. އިންސާނުންގެ ސިފައިގައި ފެންނަ ނަމަވެސް ކުޅަދާނަ ޖިންނިއެކެވެ. އޭނާ އިންސާނެއްގެ ސިފައިގައި ރިޒްވީގެ ނަމުގައި ނީޝާގެ ގާތަށް އައިސް ތަޢާރަފްވެ ވާހަކަ ދެއްކިއެވެ. އަދި ކޮންމެ އިރުއޮއްސުމަކު ރިޒްވީ އާއި ނީޝާ ބައްދަލުކޮށް ވަގުތު ހޭދަކުރަން ފެށިއެވެ. އެ ދެމީހުންގެ ދެމެދުގައި ވާގުޅުން ލޯބީގެ ގުޅުމަކަށް ބަދަލުވީ ކޮންއިރަކުކަން ޙުދު ނީޝާއަށް ވެސް ނޭންގެއެވެ.
މަޑު މަޑުން ނީޝާއަށް ބަދަލުތައް އަންނަން ފެށިއެވެ. އޭނާ ރޭގަނޑު ދަންވަރު ބޭރަށް ދާން ފެށިއެވެ. ބައެއް ފަހަރު އޭނާ އަމިއްލައަށް ވާހަކަ ދައްކާ އަޑުވެސް އިވެއެވެ. އަދި ކުރާ ކަންތައްތައް ހަނދާން ނުހުންނަ ގޮތްވެ މައިންބަފައިނ ކަންބޮޑުވާން ފެށިއެވެ. ނީޝާގެ އާދަތަކަށް ބަލައި ކަމެއް ގޯސްވެފައިވާކަން އެމީހުންނަށް އެނގުނެވެ.
މައިންބަފައިން ނިންމީ ނީޝާއަށް ދިމާވެފައިވާ ކަންތައްތައް ބެލުމަށްޓަކައި ޤުރުއާން ކިޔަވައިދޭ ރާޤީއެއްގެ އެހީތެރިކަން ހޯދުމަށެވެ. ރާޤީ އައިސް ނީޝާއަށް ރުޤްޔާ ކުރަން ފެށުމުން އޭނާއަށް ޖިންނި އަވަލާފައިވާކަން އެނގުނެވެ. އަދި ހައިރާންކަން ގެނުވީ އެ ޖިންނީ އާއި ނީޝާ ކައިވެނިކޮށް ދެ ޖިންނި ދަރިންވެސް ލިބިފައިވާކަން އެނގުމުންނެވެ. ނީޝާގެ ހަށިގަނޑުގައި ހުރި ޖިންނި އާއި އޭނާގެ ދަރިންނަކީ ނީޝާގެ އަމިއްލަ ޢާއިލާކަމަށް ޖިންނި ބުނިއެވެ.
ޖިންނި ނެރުމުގެ ކަންތައް ފެށުނެވެ. އެއީ ވަރަށް ވޭންދެނިވި އަދި ހިތާމަވެރި ކަމެކެވެ. ނީޝާ ބޮޑެތި އަޑުތައް ލައްވަމުން ތަދުވާތީ ރޮމުން ދިޔައެވެ. އޭނާގެ ހަށިގަނޑު ތުރުތުރުލައި އެތެރެއިންނާއި ބޭރުން ލިބުނު ވޭނުން އޭނާ ގިސްލަމުން ދިޔައެވެ. ޖިންނި ނެރުމުގެ ތެރޭގައި ވޭންތައް އޭގެ އިންތިހާއަށް ދިޔަ ވަގުތު ނީޝާގެ ފުރާނަ ހަށިގަނޑުން ވަކިވެ މަރުވިއެވެ. އޭނާގެ މައިންބަފައިންނާއި ރާޤީއަށް މި ހިތާމަވެރި މަންޒަރު ފެނުނުއިރު އެއްވެސް ކަމެއް ކުރެވޭނެ ގޮތެއް ނެތެވެ.
(ނުނިމޭ)
