3ބައި 3 / 3

3 ވަނަ ބައި

525 ލަފްޒު

ދަރިފުޅާއި ފިރިމީހާ ގެއްލުމުގެ ވޭނުގައި ފަރީދާ އުޅެނިކޮށް އެއްރެއަކު ގޯތިތެރޭގައި ހުރި ނިކަގަހުގެ ކައިރީގައި ނިޝާ ހުއްޓާ ފެނުނެވެ. ނިޝާ މަންމާއޭކިޔާ ފަރީދާއަށް ގޮވާލިއެވެ. އަދި ސުވާލު ކުރިއެވެ. "މަންމާ!! މަންމަ އަހަރެން މަރާލީ ކީއްވެ؟ އަހަރެންގެ ކުށަކީ ކޮބާ؟" ނިޝާގެ އަޑު ނުހަނު ވޭނުން ފުރިފައިވިއެވެ. ހިތަށްކުރި ަސަރަކުން ފަރީދާއަށް ކެތްނުވެ ދުވެފައި ގޮސް ނިޝާއާއި ބައްދާލިއެވެ. އަދި އެވަގުތު ނިޝާ ދުނިޔޭގައި ނެތްކަން ހަނދާންވިއެވެ. އެ ހަނދާން ވުމުން "މިއީ ކާކު ހެއްޔޭ" ފަރީދާގެ ހިތަށް އެރިއެވެ. ބިރުންހުރެ ފަރީދާ މަޑުމަޑުން ބަލައިލިއިރު ފެނުނީ ބިރުވެރި ނަފްރަތުން ފުރިފައިވާ ސޫރައެކެވެ. އޭނާއަށް ދުވެ ފިލަން މަސަތްކަތް ކުރިނަމަވެސްގަނެފަި ހުރި ބިރެއްގެ ސަބަބުން ހޭހުސްގެން ވެއްޓުނެވެ. ހޭއެރިއިރުވަނީ އިރު އަރާފައެވެ. އެރޭ ހިނގި ކަންތައްތައް ހަނދާންވުމާއެކު ފަރީދާ އަވަސް އަވަހަށް ތެދުވެ ގެއަށްވަދެ ހަމަޖެހެން މަސައްކަތް ކުރިއެވެ. އެއަށްފަހު އޭނާ ރާޤީއަށް ގުޅައި ގެއަށް އައުމަށް އެދުނެވެ. ރާޤީއަކު އައިސް ފަރީދާގެ ވާހަކަތައް އަޑުއަހާ އޭނާއަށް ވީގޮތް ދެނެގަތުމަށްފަހު އަމްޖަދު ގެއްލިގެން ދިއުމާއި ރިޒްވީއާ ގުޅުން ހުރެދާނެކަމަށް ބުންޏެވެ. އެހެންކަމުން ފަރީދާއަށް ރުޤްޔާ ކުރަން ނިންމިއެވެ.

ދުވަސް ފާއިތުވެއްޖެއެވެ. ރުޤްޔާ އަށް ތައްޔާރުވެގެން ފަރީދާ އެނދުމަތީގައި އޮށޯވެލައިގެން އޮތެވެ. ކައިރީގައި އާއިލާގެ ބައެއް މެންބަރުންނާއި ރާޤީ ހުއްޓެވެ. ރުޤްޔާ ފެށިތާ މާގިނަ އިރެއް ނުވެ އެ ޖިންނީ ފަރީދާގެ ހަށިގަނޑުގެ ތެރެއަށް ވަދެއްޖެއެވެ. ކުއްލިއަކަށް ފަރީދާ ލޯ ހުޅުވާފައި ބާރު ފިރިހެން އަޑަކުން ހޭން ފެށިއެވެ. މި އަޑަށް އެތާނގައި ބަލަން ތިބި އެންމެންނަށް ވަގުތީ ސިހުމެއް ލިބުނެވެ. އަދި އެ ޖިންނީ ރާޤީއާ ސުވާލުކުރިއެވެ: "ކަލޭ އަހަރެން މިތަނަށް ތި ގެނައީ ކީއްކުރަން؟" ރާޤީ ފަރީދާގެ މޫނަށް ބަލައިލާފައި ބުންޏެވެ: "ކަލޭ ތީ ކާކު އަދި މި އަންހެން މީހާއަށް ގޯނާކުރަނީ ކީއްވެ؟" މި ފަހަރު ފަރީދާ ފެށީ ރޯންނެވެ. އަދި ހަޅޭއްލަވައިގަނެފައި ބާރު އަޑަކުން ބުންޏެވެ. "ބަލަ މިހިރަ ރަހުމެއްނެތް އިންސާނާ އަދިވެސް މަ ތަ މީހުނަށް ގޯނާކުރަނީ ނޫނީ ކަލޭމެންތަ؟ ކަލޭ މެން ނިޝާއަށް ހެދި ގޮތް މިހާ އަވަހަށް ހަނދާން ނެތުނީތަ؟" ރާޤީއަށް ދެން ވިސްނުނެވެ. އަދި "ތީ ރިޒްވީ ދޯ! ކަލޭ ފަރީދާއަށް ގޯނާކުރުމުގެ އެއްވެސް ބޭނުމެއް ނޯންނާނެ! ކަލޭ މީނަ ދޫކޮއްލާ!" އަނެއްކާވެސް ފަރީދާ ހަމަ ކުރީގައިހެން ހޭން ފެށީ ބިރުވެރި ފިރިހެން އަޑަކުންނެވެ. އަދި ބުންޏެވެ. "މި އިންސާނުން ވެސް ހާދަ މޮޔައޭ ދޯ! އަހަރެން މީ ރިޒްވީއެއް ނޫން! އަހަރެން މީ ރިޒްވީއާއި ނީޝާގެ ދަރި! އަހަރެންގެ ނަމަކީ އަލް-އަބްޔަދު އިނގިއްޖެތަ؟ ކަލޭމެން ހީކުރަނީތަ އަހަރެންނާއި އަހަރެންގެ މަންމަޔާ އަދި ބައްޕަޔާ ދުރުކޮށްފައި ތިހެން ބަލަން ތިބެވޭނެއޭ! ނުތިބެވޭނެ! އަހަރެން ކަލޭމެން އެންމެންގެ ދުވަސް ދުއްވާލާނަން!"

މިހެން ބުނުމުން ރާޤީ ވަރަށް ރުޅި ގަދަވެފައި ބާރު އަޑަކުން ބުންޏެވެ. "އެހެންވީމާ އަމްޖަދު ވެސް ގެއްލުވާލީ ކަލޭ ދޯ!" އެ ޖިންނީ މަލާމާތް ކުރާފަދަ ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ: "އާ... އާ.... އެވެސް އަހަރެން ކުރި ކަމެއް!" އަދި ހޭން ފެށިއެވެ. ރާޤީ އަނެއްކާވެސް ރުޅިއައިސް ސުވާލުކުރިއެވެ: "ކަލޭ އަމްޖަދަށް ކިހިނެއް ހެދީ ކޮބާ އަމްޖަދު" އެ ޖިންނީ މަލާމާތުން ހީނގޮސް ބުންޏެވެ. "އަހަރެން އޭނާ ކާލީ ކަލޭމެންނަކަށް ދެން އޭނާއެއް ނުފެންނާނެ!" ރާޤީ ގަދަޔަށް ރުޅިއައިސް ވަގުތުން ފެންތަށި ނަގައި ކީރިތި ޤުރުއާނުގެ އާޔަތްތައް ކިޔަވާފައި ފަރީދާގެ މޫނަށް ޖެހިއެވެ. އެ ވަގުތު ފަރީދާގެ ހަށިގަނޑުގެ ތެރޭގައި ހުރި ޖިންނިއަށް ކެތްނުވެ ބާރު އަޑަކުން ހަޅޭއްލަވައިގަނެތެވެ. އަދި ބުންޏެވެ. "ކަލޭމެން ތި ކުރި ނުބައި އަމަލުގެ ބަދަލު ކަލޭމެނަށް ލިބޭނެ!" މިހެން ބުނެފައި އެ ޖިންނި ފަރީދާގެ ހަށިގަނޑުން ނުކުމެގެން ހިނގައްޖެއެވެ.

އިސާހިތަކު ފަރީދާއަށް ހޭވެރިކަން ވިއެވެ. އަދި ރާޤީއާ ސުވާލުކުރުމުން ވީގޮތް އޮޅުން ފިލުވާދިނެވެ. ލިބުނު ހަބަރާއެކު ފަރީދާއަށް ލިބުނީ ކެތްނުވާވަރުގެ ބޮޑު ސިހުމެކެވެ. ފަރީދާއަށް ހީވީ ފައިދަށުން ބިންގަނޑު ދަމައިގަތްހެންނެވެ. ލިބުނު ސިހުމާއެކު ފަރީދާ ހޭހުސްވެގެން ވެއްޓުނެވެ. ކައިރީގައިތިބި އާއިލާގެ މެންބަރުން އަވަހަށް ފަރީދާ ހޮސްޕިޓަލަށް ގެންދިޔައެވެ. ދެ ދުވަސް ފާއިތުވުމަށްފަހު ފަރީދާގެ ހޭ އެރި އިރު ވަނީ ހުރިހާ ހަނދާނެއް ފޮހެވި އަމިއްލަ ނަން ވެސް ހަނދާން ނެތިފައެވެ. ފަރީދާގެ ދިރިއުޅުމުގައި ބާކީ އޮތް ދުވަސްތައް ހޭދަކުރަން ޖެހުނީ އަމިއްލަ މީހާއަކީ ކާކުކަން ވެސް ނޭނގޭ ހާލުގައެވެ.