3ބައި 3 / 7

3 ވަނަ ބައި

249 ލަފްޒު

ނަވާލް އާއި ލީމްގެ ވައިރަލްވި ވީޑިއޯ ނާފިއުއަށް ފެނިއްޖެއެވެ. އޭނާގެ ހިތްގައިމު ސިފަތަކުގެ ފަހަތުގައި ވަނީ ރަހުމްކުޑަ އަނިޔާވެރި އިންސާނެކެވެ. އޭނާއަށް ލީމް ނަވާލްއަށް ބަލާލި ގޮތް ފާހަގަވިއެވެ. އެކަހަލަ ގޮތަކަށް ލީމް އޭނާއަށް ނުބަލާކަން އޭނާއަށް އެނގުނެވެ. އޭނާގެ ހަށިގަނޑު އަނދަމުން ދިޔައެވެ. ހިތުގައިވާ ނަފުރަތުގެ ހުޅު އިތުރަށް ބޮޑުވިއެވެ. އަދި ނަވާލްގެ ކިބައިން ބަދަލުހިފަން ބޭނުންވިއެވެ. ނާފިއު ނަވާލް ގެ ހަޤީޤަތް ހޯދިއެވެ. ބަދަލު ހިފާނެ ގޮތެއްވިސްނަމުން ދިޔައެވެ. އަދި ނަވާލް ގެ ހުރިހާ ހަރަކާތަކަށް ކަޅި އަޅަމުން ދިޔައެވެ.

ނަވާލް ގެ އިންތިޒާރަށް ނިމުމެއް ނައެވެ. ލީމް ގެ ހަބަރެއް ނުވުމުން ނަވާލް ގެ ހިތަށް ކެތްނުވާ ވަރަށް ނުތަނަވަސްކަން ވެރިވާންފެށިއެވެ. އަދި މަސައްކަތުން ޗުއްޓީ ނަގައިގެން ޕާކިސްތާނަށް ދާން ނިންމިއެވެ. އޭނާ ޕާކިސްތާނަށް އައިއިރު އުންމީދުކުރީ ހިތުގައިވާ އިންތިޒާރަށް ނިމުމެކެވެ. އެކަމަކު އޭގެ ބަދަލުގައި އޭނާއަށް ފެނުނީ އެތަނުގެ ޖަލުގެ ފިނި ދަގަނޑު ގޮނޑިތަކާއެކު ސުވާލުކުރާ ކޮޓަރިތަކެވެ. އޭނާއަށް ޝައްކުގެ ނަޒަރަކުން ބަލާ އޮފިސަރުންނާއި އޭނާގެ ހިތަށް ބޮޑު ބުރައެއް ލިބުނު ސުވާލުތަކެވެ. ނަވާލް ޕާކިސްތާނަށް އައުމާއެކު ނާފިއު ފުރުސަތުގެ ބޭނުން ހިފާލިއެވެ. އަދި އޭނާއަކީ އިންޑީއާއިން ޖާސޫސް ކުރަން ފޮނުވާފައިވާ މީހަކަށް ހަދާފައި ޕާކިސްތާނުގެ ޖަލުގައި ބަންދު ކުރިއެވެ.

ފައިސާއިން ފޯވެފައިވާ އޮފިސަރުން އެކި ގޮތްގޮތުން ނަވާލް އަކީ ޖާސޫސީއެއްކަމުގައި އެއްބަސް ކުރުވުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރިއެވެ. ނަވާލްގެ ހަށިގަނޑުގެ އެކިތަންތަން ފެޅި ލޭއައިސް ނޫފާ ގަންނަ ވަރަށް ތަޅާ އަނިޔާ ކުރިއެވެ.އެކަމަކުވެސް ނަވާލް އެކަމަކަށް އެއްބަހެއް ނުވިއެވެ. އެންމެފަހުން ލީމްގެ ނަން ގެންނަން ނާފިއުއަށް މަޖުބޫރުވިއެވެ. އަދި އެކަމަށް ނަވާލް އެއްބަސް ނުވެއްޖެނަމަ ލީމްއަށް އެކިވަރުގެ އެކިއަނިޔާ ކުރާނެ ކަމަށް ބުންޏެވެ. އަދި ހަޤީގަތް ހާމަކޮއްފި ނަމަވެސް ހަމަ ލީމް އަކީ ދިރިހުރި މައްޔިތަކަށް ހަދާނެ ކަމުގެ ބިރުވެރި އިންޒާރު ދިނެވެ. މިއަޑު ނަވާލްއަށް އިވުމާއެކު އޭނާއަށް ހީވީ އޭނާގެ ހިތައް ތޫނު ކަނޑިއެއް ހަރާލިހެންނެވެ. މުޅިމީހާ ހުއްޓުންއެރިއެވެ. ސިކުނޑީގައި ސުމެއް ޖެހުނެވެ. ނަވާލް އަށް ގޮތްހުސްވިއެވެ. އަދި އެނގުނެވެ. އޭނާ އެވާހަކަ ތަކަށް ދެކޮޅުހަދައިފިނަމަ ނުވަތަ ކުށެއްނެއްކަން ސާބިތުކުރުމަށް މަސައްކަތްކޮށްފިނަމަ ލީމްގެ ދިރިއުޅުން ހަލާކުވެގެންދާނެއެވެ. އެހެންކަމުން އޭނާގެ ދިރިއުޅުމުގެ އެންމެ އުނދަގޫ ނިންމުން ނިންމިއެވެ.