4ބައި 4 / 7

4 ވަނަ ބައި

217 ލަފްޒު

ލީމްގެ ހިތް ނަވާލްއަށް ގޮވަމުން ދެއެވެ. ދެން އެ ހިތްގައިމު ސޫރަ ފެންނާނެ ދުވަހަކަށް އިންތިޒާރު ކުރަމުން ދެއެވެ. ދެމީހުން އެކީގައި ހޭދަ ކޮއްފައިވާ ދުވަހުގެ ހަނދާންތައް އާވެ ރޮވެއެވެ. ނަމަވެސް ނަވާލް ހޯދާނެ ގޮތެއް ނޭންގުނެވެ. އެކީގައި އެތަކެއް ވަގުތެއް ހޭދަކުރި ނަމަވެސް ނަވާލް ގެ ނަން ފިޔަވައި އިތުރު އެއްޗެއް ނޭންގެއެވެ. ނަވާލް ގެ އިންތިޒާރުގައި ވަގުތުތައް ހޭދަ ކުރިއެވެ. ދެން ދުވަސްތަކެވެ. ދެން ހަފްތާތަކެވެ. ދެން އަހަރުތަކެވެ.

ދުވަސްތައް މިގޮތުގައި ހޭދަވަމުން ދަނިކޮށް ނަވާލް ވީނުވީއެއް ނޭންގި "ގެއްލިއްޖެ" ކަމުގެ ޙަބަރު ލިބުނެވެ. ލީމް އަށް ހީވީ އޭނާގެ އެތެރެއިން އެއްޗެއް ބިނދިގެން ދިޔަހެންނެވެ. ފައި ދަށުން ބިންގަނޑު ދަމާގަތް ހެންނެވެ. ލީމް ދުވެފައި އަމިއްލަ ކޮޓަރިއަށް ދިޔައެވެ. އަދި ނަވާލް ދީފައިވާ ރުމާ ނަގައި މޭގައި ޖައްސާގެން ހުރެ ރޯންފެށިއެވެ. ހިތާމައިގެ ކަނޑެއްގައި ފީނަމުންނެވެ. ނޭވާ ހުސްވަންދެން ރުޔެވެ. ގެނބިގެން މަރުވާ ކަހަލަ ހިތާމައިގެ ތެރެއިން ނޭވާލުމަށް މަސައްކަތްކުރަމުންނެވެ.

މާގިނަ ދުވަސް ތަކެއް ނުވެ ލީމްގެ ކައިވެނި ކުރަން ހަމަޖެހިފައި ވާދުވަސް ޖެހިއްޖެއެވެ. ނަމަވެސް ލީމް އެކަމެއް ބޭނުމެއް ނުވިއެވެ. އޭނާގެ މައްޗަށް ދެވުނު ޕްރެޝަރާއި ބިރު ދެއްކުންތަކާއި އަދި އިމޯޝަނަލް ބްލެކްމެއިލްއާ ޚިލާފަށް އޭނާގެ އެންގޭޖްމެންޓް ކެންސަލް ކޮއްލިއެވެ. އޭނާގެ ހިތް އެއްވެސް މީހަކަށް އަލުން ނިސްބަތްވާކަށް ބޭނުމެއް ނުވިއެވެ.

ނަވާލް އާއި ވަކިވުމުގެ ހިތާމަ ކުރުމުން ސަލާމަތްވުމަށް އޭނާ ނަވާލްގެ ހުވަފެނުގެ ވަށައިގެން ދިރިއުޅުމެއް ބިނާކުރިއެވެ. ނަވާލް ބޭނުންވި ގޮތައް ޔަތީމު ކުދިންގެ ހިޔާއެއް ބިނާ ކުރިއެވެ. އެތާންގައި އިންދާ ކޮންމެ ގަހަކުންވެސް ލީމްއަށް އިހުސާސް ކުރެވެނީ އެއީ އޭނާ ނަވާލްއާއި ހަމައަށް ދާނެ ބްރިޖެއް ފަދައިންނެވެ. އޭނާ ބައްދާލާ ކޮންމެ ކުއްޖެއްވެސް އޭނާއަށް ހަނދާންކޮށްދެނީ ނަވާލް އޭނާއަށް ދިން ރައްކާތެރިކަމެވެ.

މިދުވަސް ތަކުގައި ނަވާލް ޖަލުގައި ދިގު ރޭތައް ހޭދަކުރިއެވެ. އޭނާ ދުވަސްތައް ހޭދަކުރީ ސިމެންތި އަށްޓެއްގެމަތީގައި ވާރޭވެހޭ އަޑުއަހަމުންނެވެ. އެކަނިވެރިކަން ބޮޑުވުމުން އޭނާ ދެލޯ މަރާލައިގެންއޮވެ ލީމްގެ މޫނު ސިފަކުރެއެވެ. ބައެއް ފަހަރު އޭނާ ލީމްގެ ނަން ނުހަނު މަޑުމަޑުން ކިޔައިލައެވެ. އެއީ އެކަމުން ތަނުގެ ހިމޭންކަން ކުޑަކޮށްލާ ހިތަށް އުފާވެރިކަމެއް ގެނެސްދޭތީއެވެ.