2ބައި 2 / 7

2 ވަނަ ބައި

222 ލަފްޒު

ލީމް އަށް އޭނާގެ ދަތުރު ކުރިއަށް ގެންދިއުމަށް ކާރެއް ނުލިބުމުން އެރޭ ހޭދަ ކުރަން ޖެހުނީ ރެސްކިއު ބޭސްގައެވެ. ރޭގެ ކެއުން ނިންމާލާފައި ނަވާލް އޭނާގެ ރެސްކިއު ބޭސް ލީމްއަށް ދައްކަމުން ދިޔައިރު ލީމް އޭނާގެ ހަރަކާތްތަކަށް ހަމަހިމޭންކަމާއެކު ބަލަމުން ދިޔައެވެ. ބިރުގަނެފައިވާ ކުޑަކުދިންނާ އޭނާ މަޑުމައިތިރި ކަމާއެކު ވާހަކަ ދައްކާ ގޮތާއި މީހުންނަށް އެހީތެރިވުމާ ބެހޭގޮތުން ވާހަކަ ދައްކާއިރު އޭނާގެ ދެލޮލުން ފެންނަނީ ހިތްހަމަ ޖެހުމެވެ. ނަވާލް ވާހަކަ ދައްކަމުން އަންނައިރު ހިނިތުންވެލަނީ ވަރަށްވެސް މަދުންނެވެ. ނަމަވެސް މަޑުމައިތި ލުއި ގޮތަކަށެވެ. ހީވަނީ ހިނިތުންވުން ފާޅުކުރުމަށް ބިރުގަންނަ ހެންނެއެވެ.

ރޭގެ ހަމަހިމޭން ކަމުގެ ތެރޭގައި މަޑުމަޑުން ވައިރޯޅި ޖެހެމުންދެއެވެ. ފަނޑު ރީނދޫ އަލިކަމެއްހުރި ބެލްކަނީގައި އެ ދެމީހުން އެތައް އިރެއް ވަންދެން ވާހަކަ ދައްކަން ތިއްބެވެ. ޖެހިލާ ވައިން ލީމްގެ އިސްތަށިގަނޑު މޫނުމަތީގައި ހޭކިލާ ކޮންމެ ފަހަރަކު ނަވާލް ބޭނުންވަނީ އެ އިސްތަށިގަނޑު އޭނާގެ ކަންފަތްދޮށަށް ޖަހާލަދޭށެވެ. ނަމަވެސް އޭނާ އެކަމެއް ނުކުރެއެވެ. އެ ދެމީހުން ހިތާހިތުން އެކަކު އެކަކު އަނެކަކަށް އެދެމުން ދިޔަ ނަމަވެސް އެކަމެއް ފާޅެއްނުކުރެއެވެ. ބުނެވޭ ބަހަކުން ދެމީހުންގެ މެދުގައިވާ މިގުޅުން ކެނޑި ދާކަށް އެކެއްވެސް ބޭނުމެއް ނުވެއެވެ.

އަނެއް ދުވަހުގެ ހެނދުނުގެ އެންމެ ފުރަތަމަ ބަސް އައުމުން ލީމް އޭނާގެ ދަތުރު އަނެއްކާވެސް ފެށިއެވެ. ލީމް އާއި ނަވާލް ސަލާމް ކޮއްލިއެވެ. ބުނަން ބޭނުންވި އެތައް ވާހަކަތަކެއް ހިތުގައި ހުރިނަމަވެސް ދުލަށް ގެންނާނީ ކިހިނެއް ކަމެއް އެކަކަށްވެސް ނޭންގެއެވެ. ލީމް އާއި ނަވާލް ވަކިވެގެން ދިޔައީ ދެމީހުންގެ ހިތައް ބޮޑު ފަޅުކަމެއް ގެންނަމުންނެވެ.

ދުވަސްތައް ފާއިތު ވަމުންދެއެވެ. ލީމް ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަސް ކައިރިވަމުން އާދެއެވެ. ނަމަވެސް ލީމްގެ ހެނދުނާ ހަވިރު ހޭދަ ކުރަމުން ދަނީ ނަވާލް ގެ ހަނދާން ތަކުގައެވެ. އެ ހަމަހިމޭން އަޑެއެވެ. އެ ލުއި ހިނިތުން ވުމެވެ. ނަވާލް ވެސް އެފަދައެވެ. ފެންނަނީ ލީމް ގެ ހުވަފެން ތަކެވެ. ފޯނަށް އަވަސް އަވަހަށް ބަލާލައެވެ. އޭނާގެ ޚިޔާލުތަކުގެ ރާގު ބަދަލުކޮށްލާފައިވާ ލީމްގެ މެސެޖަކަށް އުންމީދުކުރަމުންނެވެ. ނަމަވެސް އުންމީދަކަށް ނިމުމެއް ނާދެއެވެ. ދެމީހުންނަށްވެސް ބުނެދޭން ނޭންގޭ އިންތިޒާރެއް ކުރެވެއެވެ. ހަމަހިމޭން ކަމެއްގެ ތެރޭގައި ދެމީހުންވެސް ލޯބި ފޮރުވައިފައި ވެއެވެ.