އާދިލްގެ ނަން އެނގުމަށްފަހު ދެތިން ހަފްތާ ފާއިތުވެ ހިނގައްޖެއެވެ. ޒޯޔާ މަޑުމަޑުން އޭނާގެ ހަނދާންތަކާ ދުރުވާން މަސައްކަތް ކުރަމުން ދިޔައެވެ. ޔުނިވާސިޓީގެ ދިރިއުޅުން އަލުން ފެށި އާ ސެމިސްޓަރގެ ކިޔެވުމުގެ ތެރެއަށް ގެއްލެން މަސައްކަތް ކުރިއެވެ. ލައިބްރަރީއަށް ދިޔަޔަސް ކުރިން އޭނަ ފެންނަ ހިސާބަށް ނަޒަރު ދިނުން ހުއްޓާލިއެވެ. އެއީ ޒޯޔާގެ ހިތުގައި އަމިއްލައަށް ހަދައިގެން އުޅުނު ވާހަކައެއްކަން އޭނަ ޤަބޫލުކުރިއެވެ. އަދި އެ ވާހަކައިގެ ފޮތް ބަންދުކުރަން ޖެހޭ ވަގުތު ޖެހުނީކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނެވެ.
އެއް ދުވަހަކު ޒޯޔާ އޭނަގެ އެންމެ ގާތް ރަޙުމަތްތެރިޔާ އައިރާ އާއެކު މާލޭގެ ކެފޭއެއްގައި އިނެވެ. އެމީހުން ތިބީ އެކުވެރިންއެކުތަކާއި ސަކަރާތުގެ ތެރޭގައެވެ. ޒޯޔާގެ ހިތް އޭރު އާދައިގެ ހާލަތަކަށް އައިސް އާދިލްގެ ހަނދާންތައް ހިތުގެ ފުލަށް ފޮރުވިފައިވާ ކަހަލައެވެ.
އައިރާ ކުއްލިއަކަށް ބުނެލިއެވެ "އޭ! އެއީ އަހަރެންގެ ކަޒިންއެއް ނޫންތަ؟"
އައިރާ އިޝާރާތް ކުރި ދިމާލަށް ޒޯޔާ ބަލާލިއެވެ.
ޒޯޔާގެ ދުނިޔެ ހުއްޓުނު ކަހަލައެވެ.
އެއީ އާދިލްއެވެ. އޭނަ އެ ކެފޭއަށް ވަދެގެން އައިސް ކައުންޓަރު ކައިރީގައި ހުއްޓެވެ. އޭނަ ލައިގެން ހުރީ އާދައިގެ ޓީޝާޓަކާއި ޖިންސެކެވެ. ޔުނިވާސިޓީގެ މާޙައުލުން ބޭރުން އޭނަ ފެނުމުން ޒޯޔާއަށް އިޙްސާސްވީ މުޅިން ތަފާތު ގޮތެކެވެ. އޭނަ ހީވަނީ އިހުނަށްވުރެ ހަޤީޤަތާ ގާތްހެންނެވެ.
އައިރާ އަތް ހޫރާލާފައި ގޮވާލިއެވެ "އާދިލް!"
އާދިލް އެމީހުންނާ ދިމާލަށް ބަލާލާފައި ހިނިތުންވެލިއެވެ. އޭނަގެ އޯޑަރު ހިފައިގެން އެމީހުންގެ މޭޒާ ދިމާލަށް ހިނގައިގަތެވެ. ޒޯޔާގެ ހިތުގެ ތެޅުން އަނެއްކާވެސް ބާރުވެ އަތްފައި ފިނިވެގެން ދިޔައެވެ. އޭނަގެ ސިކުނޑި ހުއްޓުނު ކަހަލައެވެ. ކީކޭ ކިޔާނީ ކިހިނެއް ހަދާނީއެއްވެސް ނޭނގެއެވެ.
"އާދިލް! މިއީ އަހަރެންގެ އެންމެ ގާތް ރަޙުމަތްތެރިޔާ، ޒޯޔާ!" އައިރާ ތަޢާރަފްކޮށްދިނެވެ. "ޒޯޔާ، މިއީ އަހަރެންގެ ކަޒިން އާދިލް."
އާދިލް ޒޯޔާއާ ދިމާލަށް ބަލާލާފައި އެ އޯގާތެރި ހިނިތުންވުމާއެކު ބުނެލިއެވެ. "ސަލާން ޒޯޔާ. ވަރަށް އުފާވެއްޖެ ބައްދަލުވީމަ. އަހަރެންނަށް ހީވަނީ ކޮންމެވެސް ތަނަކުން ޒޯޔާ ފެނުނު ހެން. ޔުނިވާސިޓީންތަ؟"
ޒޯޔާގެ އަނގައިން ބަސް ހުއްޓުނެވެ. އޭނަގެ ހުރިހާ ހިތްވަރެއް އެއްކޮށްލާފައި ހަމައެކަނި ބޯޖަހާލެވުނެވެ. "އާ... އާދެ!" ޒޯޔާއަށް ހަމަ ކިޔާލެވުނެވެ.
"އާނ، އެހެން ދޯ އެވީ!" އާދިލް ހިނިތުންވެލަމުން ބުނެލިއެވެ. "ކޮން ކޯހެއްތަ ކިޔަވަނީ؟"
މިއީ ޒޯޔާ އެތައް ދުވަހަކު ހުވަފެނުން ދެކެމުން އައި ވަގުތެވެ. އޭނައާ ވާހަކަ ދައްކާލުމުގެ ފުރުސަތެވެ. އެކަމަކު އޭނަގެ ހުރިހާ ވިސްނުމެއް ބެދިފައިވާ ކަހަލައެވެ. އައިރާ އެ ދެމެދުގައިވާ ހިމޭންކަން ފާހަގަކޮށްފައި ޒޯޔާގެ ފަރާތުން ޖަވާބުދިނެވެ.
އެމީހުން ކުޑަ އިރުކޮޅަކު ވާހަކަ ދެއްކިއެވެ. އެކަމަކު އެ ހުރިހާ ވާހަކައެއްގައި އިސްކޮށް އުޅުނީ އައިރާ އާއި އާދިލްއެވެ. ޒޯޔާއަށް ހަމައެކަނި އިނދެވުނީ އެމީހުން ދައްކާ ވާހަކަ އަޑުއަހާށެވެ. އޭނަގެ އަމިއްލަ އަޑު ގެއްލިފައިވާ ކަހަލައެވެ. އާދިލްގެ ކުރިމަތީގައި އޭނަގެ އަމިއްލަ ބާރު ގެއްލުނީއެވެ.
އާދިލް ދާންވެގެން ތެދުވެފައި ބުނެލިއެވެ "އެންމެ ރަނގަޅު. ދެން ފަހުން ފެންނާނެ. ޒޯޔާ ބައްދަލުވީމަ ވަރަށް އުފާވެއްޖެ."
އޭނާ ހިނގައްޖެއެވެ.
އާދިލް ދިޔުމުން އައިރާ ޒޯޔާއާ ދިމާލަށް ބަލާލާފައި އަހާލިއެވެ. "ކިހިނެއްވީ؟ ވަރަށް ހިމޭނޭ ދޯ!"
ޒޯޔާއަށް ދެވޭނެ ޖަވާބެއް ނެތެވެ. އޭނައަށް ލިބުނު ރަނުގެ ފުރުސަތު އަމިއްލަ އަތުން ދޫކޮށްލެވުނީއެވެ. އޭނަގެ ކުރިމަތީގައި އޭނައަކީ ބަސްމަދު ޖެހިލުންވާ ކުއްޖަކަށް ވެވުނީއެވެ. ހަޤީޤަތުގައި ޒޯޔާ އަކީ އެފަދަ ކުއްޖެއް ނޫނެވެ. އެކަމަކު އާދިލްގެ ކުރިމަތީގައި ވީގޮތް ޙުދު ޒޯޔާއަށްވެސް ނޭންގުނެވެ.
އެ ދުވަހު ޒޯޔާގެ ހިތަށް އެނގުނު އެއްޗަކީ ހުވަފެނުގައި މީހަކަށް ލޯބިކުރުމާއި ހަޤީޤަތުގައި އެމީހަކާ ކުރިމަތިލުމަކީ މުޅިން ތަފާތު ދެ ކަމެއް ކަމެވެ.
5ބައި 5 / 6
