ކެފޭގައި ހިނގައިދިޔަ ހާދިޘާއަށްފަހު ޒޯޔާގެ ހިތުގައި އޮތް ކުޑަ އުއްމީދުގެ ހުޅުކޮޅުވެސް ނިވިގެން ދިޔައެވެ. އޭނަ އަމިއްލަ ނަފްސުދެކެ ރުޅި އައެވެ. ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނީތީއެވެ. އެކަމަކު އެއާއެކުވެސް ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. "އާދިލް" ގެ ވާހަކައަކީ އޭނަގެ ހިތުގައި އޮތް ސިއްރެއްކަމުން އެކަން އެގޮތުގައި ދެމިއޮތުމްނެވެ.
ޒޯޔާ މިކަމުން އަރައިގަތުމަށް ނިންމިއެވެ. އެއީ އޭނަގެ ދިރިއުޅުމުގެ ކުޑަކުޑަ ބާބެކެވެ. އެ ބާބު މިހާރު ބަންދުކުރަން ޖެހެއެވެ. އޭނަ އޭނަގެ ކިޔެވުމަށާއި ރައްޓެހިންނަށް ގިނަ ވަގުތު ދޭން ފެށިއެވެ. އާ ކަންކަން ތަޖުރިބާކޮށް އަމިއްލަ އުފަލަށް އިސްކަން ދިނެވެ.
އެއް ހަވީރަކު ޒޯޔާ އާއި އައިރާ ރާޅުގަނޑު ސަރަޙައްދުގައި ހިނގާލަން ނިކުމެފައި އިށީންދެލައިގެން ތިއްބެވެ. އިރު އޮއްސެމުން ދިޔަ ރީތި މަންޒަރާ އެކު މާހައުލު ވަރަށް ހިތްގައިމެވެ. ޒޯޔާ ހުރީ ވަރަށް އުފަލުންނެވެ. އޭނަގެ ހިތް މިހާރު ކުރިއަށްވުރެ އެތައް ގުނައެއް ލުއިވެއްޖެއެވެ.
އެވަގުތު އައިރާ ކޮށްޕާލިއެވެ. "އޭ ބަލާބަލަ! އެއޮށް އާދިލް ނޫންތަ؟"
ޒޯޔާގެ ހިތް ހުއްޓުނު ކަހަލައެވެ. އޭނަ ބަލާލި އިރު އާދިލް ހުއްޓެވެ. އެކަމަކު އޭނަ ހުރީ އެކަންޏެއް ނޫނެވެ. އޭނަގެ އަތުގައި ހިފައިގެން ވަރަށް ރީތި އަންހެން ކުއްޖަކު ހުއްޓެވެ. އެ ދެމީހުންގެ މޫނުމަތިން ފެންނަ އުފާވެރިކަމާއި އެކަކު އަނެކަކަށް ދޭ ސަމާލުކަމުން އެއީ ވަރަށް ގާތް ގުޅުމެއްކަން ސާފުވެއެވެ. އާދިލް އެ އަންހެން ކުއްޖާއާ ވާހަކަ ދައްކަމުން ދިޔައިރު އޭނަގެ މޫނުމަތިން ފެންނަ ހިނިތުންވުމަކީ ޒޯޔާ ދުވަހަކުވެސް އޭނަގެ މޫނުމަތިން ދެކެފައިވާ ހިނިތުންވުމެއް ނޫނެވެ. އެއީ ލޯތްބާއި އުފަލުން ފުރިގެންވާ ހިނިތުންވުމެކެވެ.
ޒޯޔާގެ ހިތަށް ތޫފާނެއް އެރިހެން ހީވިއެވެ. އެކަމަކު އެ ތޫފާނަށްފަހު އައީ ހިމޭންކަމެކެވެ. އެވަގުތު ޒޯޔާއަށް ހަޤީޤަތް އެނގުނެވެ.
އާދިލް އަކީ އޭނަގެ ވާހަކައިގެ ބަތަލެއް ނޫނެވެ. އޭނައަކީ އެހެން މީހެއްގެ ވާހަކައިގެ ބަތަލެކެވެ.
ޒޯޔާ ލޯބިކުރީ ހަޤީޤީ އާދިލްއަކަށް ނޫނެވެ. އޭނަ ލޯބިކުރީ އޭނަގެ އަމިއްލަ ޚިޔާލުން ކުރަހާފައިވާ އާދިލްގެ ފޮޓޯއަކަށެވެ. ލައިބްރަރީގައި ފޮތްކިޔަންއި ހިމޭން އޯގާތެރި ފިރިހެން ކުއްޖާއަށެވެ. އެއީ ޒޯޔާގެ ހިތުން އުފެއްދި ރީތި މަންޒަރެކެވެ. ހަޤީޤީ އާދިލްގެ އަމިއްލަ ދިރިއުޅުމެއް، އަމިއްލަ ހުވަފެންތަކެއް އަދި އަމިއްލަ ލޯތްބެއް ވެއެވެ.
ޒޯޔާގެ ލޮލުން ކަރުނައެއް ނައެވެ. އޭގެ ބަދަލުގައި އޭނަގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. އެއީ ހިތާމައިގެ ހިނިތުންވުމެއް ނޫނެވެ. އެއީ ހަޤީޤަތް ޤަބޫލުކުރުމުގެ ހިނިތުންވުމެކެވެ. ފެންނަންހުރި ހަޤީގަތް ހެޔޮހިތުން ޤަބޫލު ކުރުމުގެ ގެ ހިނިތުންވުމެކެވެ.
އޭނަ އާދިލްއަށް ފުރަގަސްދީ އައިރާގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. ކަނޑުގެ ރާޅުތަކުގެ އޮޔާއެކު އޭނަގެ ހިތުގައި އޮތް ބުރަ އޮޔާދިޔަ ކަހަލައެވެ.
އެއީ ނުފެށި އޮވެ ނިމިގެން ދިޔަ ވާހަކައެކެވެ. އެކަމަކު އެ ވާހަކަ ޒޯޔާއަށް އޭނަގެ އަމިއްލަ ނަފްސާ ބެހޭގޮތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްކޮށްދިނެވެ. އަދި ދެން ފަށާނީ އޭނަގެ އަމިއްލަ ހަޤީޤީ ވާހަކައެކެވެ.
6ބައި 6 / 6
