އެ ހިމޭން ބައްދަލުވުމަށްފަހު ދުވަސްތައް ވެސް ހިނގައިދިޔައެވެ. ޒޯޔާގެ ހިތް އޭނައާ މެދު އިތުރަށް ނުތަނަވަސްވާން ފެށިއެވެ. އޭނައާ ވާހަކަ ދައްކަންވީ ހެއްޔެވެ. ނުވަތަ މި ސިއްރު ލޯބި ހިތުތެރޭގައި ފޮރުވައިގެން ހުންނަންވީ ހެއްޔެވެ. ޒޯޔާ އަކީ އާންމުކޮށް މީހުންނާ ވާހަކަ ދައްކަން ފަސްޖެހޭ ކުއްޖެއް ނޫނެވެ. އެކަމަކު އޭނައާ ދިމާވުމުން ޒޯޔާގެ ހުރިހާ ހިތްވަރެއް ގެއްލެނީއެވެ.
އޭނަގެ ކޯސް ނިމެން ކައިރިވަމުން އަންނަކަން ޒޯޔާއަށް އެނގެއެވެ. އެއާއެކު ޒޯޔާގެ ހިތަށް ބިރުވެރިކަން ވަންނަން ފެށިއެވެ. އޭނަ ޔުނިވާސިޓީ ދޫކޮށް ދިޔުމުން ދެން ފެނިދާނެ ހެއްޔެވެ. މި ނުފެށި އޮތް ވާހަކަ މިގޮތަށް ނިމިގެން ދާންވީ ހެއްޔެވެ.
ޒޯޔާގެ ރަޙުމަތްތެރިންވެސް ޒޯޔާގެ މި "ލައިބްރަރީ ކްރަޝް" އާ ބެހޭގޮތުން ސަމާސާ ކުރެއެވެ. "ގޮސް ވާހަކަ ދައްކަބަލަ" އެމީހުން ބުނެއެވެ. "އެންމެ ބޮޑު ކަމަކަށްވެސް އޭނަ ޝައުޤުވެރި ނުވާނީނު. އެކަމަކު ތި ހިތަށް ކޮންމެވެސް ހަމަޖެހުމެއް ލިބޭނެ."
އެ ވިސްނުމުގައި ޒޯޔާ ހިތްވަރުކޮށްލިއެވެ. ދެން އަންނަ ފަހަރު އޭނަ ފެނުމުން ހިނިތުންވެލާފައި ސަލާން ގޮވާލާނަމޭ ހިތަށް އެރިއެވެ. އެއީ ކުޑަ ކަމެއް ނަމަވެސް ޒޯޔާއަށްޓަކައި އެއީ ފަރުބަދައަކަށް އެރުން ފަދަ ބޮޑު ކަމެކެވެ.
އެއީ ފައިނަލް އިމްތިޙާނުގެ ހަފްތާއެވެ. ލައިބްރަރީ އޮތީ ދަރިވަރުންނާއިގެން ފުރިފައެވެ. ޒޯޔާ ހިތް ނުތަނަވަސްކަމާއެކު ދެކޮޅު ހޯދަމުން ދިޔައެވެ. އޭނަ ފެނޭތޯއެވެ. ކުއްލިއަކަށް އޭނަ ފެނުނެވެ. އޭނަ ހުރީ އެކަޏެއްނޫނެވެ. އޭނަގެ ރަޙުމަތްތެރިންތަކަކާ އެކުގައެވެ. އެމީހުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމާއި ކާމިޔާބީގެ އަސަރެވެ. އެމީހުންގެ ވާހަކަތަކުން އިމްތިޙާންތައް ނިމުނުކަން އެނގެއެވެ.
ޒޯޔާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. މިއީ ފަހަރެއްގައި ފަހު ފުރުސަތު ކަމަށް ވެދާނެއެވެ.
އޭނަ އާއި އޭނަގެ ރަޙުމަތްތެރިންތައް ލައިބްރަރީއިން ނިކުންނަން ހިނގައިގަތެވެ. އެމީހުން ޒޯޔާ އިށީނދެގެން އިން މޭޒު ކައިރިން ދަމުން އޭނަގެ ނަޒަރު ކުޑަ ހިނދުކޮޅަކަށް ޒޯޔާއާ ދިމާލަށް އަމާޒުވިއެވެ. އޭނަގެ މޫނުމަތީގައިވަނީ އެ މަޑުމައިތިރި ހިނިތުންވުމެވެ. އެއީ ހަމައެކަނި އަދަބުވެރިކަމުގެ ހިނިތުންވުމެއް ކަމަށް ވެދާނެއެވެ. ނުވަތަ އޭނަ ޒޯޔާ ދަންނަ ކަމުގެ އިޝާރާތެއް ކަމަށްވެސް ވެދާނެއެވެ. "ފޮތް ކިޔާ ކުއްޖާ" ގެ ގޮތުގައެވެ.
ޒޯޔާގެ ހިތް ބުނަމުން ދިޔައީ "މިހާރު! ތެދުވެފައި ގޮސް ވާހަކަ ދައްކާ!"
އެކަމަކު ޒޯޔާގެ ހަށިގަނޑު ގަނޑުވި ކަހަލައެވެ. އެތައް ބަޔަކު އެތަނުގައި ތިބުމުން ޒޯޔާ ޖެހިލުންވީއެވެ. ޒޯޔާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. "ކީކޭ ކިޔާނީ؟" "އެމީހުން އަހަރެންނާ މެދު ކީކޭ ހިތަށް އަރާނީ؟"
އެ ފިކުރުތަކުގެ ތެރޭގައި ޒޯޔާ އިންދައި އެފުރުސަތު ޒޯޔާގެ އަތުން ބީވެގެން ހިނގައްޖެއެވެ. އޭނާ އާއި އޭނާގެ ރަޙުމަތްތެރިން ހިނިގަނޑެއް ޖަހާލަމުން ލައިބްރަރީގެ ދޮރުން ނިކުމެގެން ހިނގައްޖެއެވެ.
ޒޯޔާ އެ ދިމާލަށް ބަލަހައްޓައިގެން އިނެވެ. ދޮރު ލެއްޕުނުއިރު ހީވީ ޒޯޔާގެ ހިތުގެ ދޮރެއް ވެސް ބަންދުވިހެންނެވެ. އޭނަގެ ހިތަށް ފުން އަސަރެއް ކުރިއެވެ. ނުކުރެވުނު ކަމެއްގެ ހިތާމައެވެ. ނުބުނެވުނު ޖުމްލައެއްގެ ހިތްދަތިކަމެވެ. ހަމައެކަނި "ސަލާން" ބުނެލެވުނުނަމައެވެ.
3ބައި 3 / 6
