2ބައި 2 / 6

2 ވަނަ ބައި

341 ލަފްޒު

ދުވަސްތައް ހަފްތާތަކަށް އަދި ހަފްތާތައް މަސްތަކަށް ބަދަލުވަމުން ދިޔައެވެ. ޒޯޔާގެ ދިރިއުޅުމުގެ އެންމެ އާދައިގެ ކަންކަމުގެ ތެރެއަށް އޭނަގެ ހަނދާންތައް ވަދެ އެއީ ޒޯޔާގެ ދުވަހުގެ އެންމެ މުހިއްމު އެއް ބަޔަށް ވެއްޖެއެވެ. ލައިބްރަރީއަށް ދިއުމަކީ ފިލާވަޅު ހެދުމަށްވުރެ ބޮޑަށް އޭނަ ފެނިދާނެ ކަމުގެ އުއްމީދުގައި ކުރާ ކަމަކަށް ވެއްޖެއެވެ. ޒޯޔާ އޭނަގެ ނަން ހޯދަން މަސައްކަތެއް ނުކުރެއެވެ. ސަބަބަކީ އެ ނޭނގުންތެރިކަމުގެ ތެރޭގައިވާ ފޮނިކަމެވެ. އޭނަ އަކީ ޒޯޔާގެ ހިތުގައި އަމިއްލައަށް ކުރަހާލާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯއަށް ނަމެއް ދީފިނަމަ އެއީ ހަޤީޤަތަކަށް ވެ އެ ހުވަފެން ނިމިދާނެ ކަމުގެ ބިރު ޒޯޔާއަށް އިހުސާސް ކުރެވެއެވެ.

އޭނަގެ ކުދިކުދި އާދަތައްވެސް ޒޯޔާއަށް ދަސްވެއްޖެއެވެ. ފިކުރެއްގައި އިނދެގެން ގަލަމުގެ ކޮޅު ތުންފަތުގައި ޖައްސާލާ ގޮތެވެ. އޭނަގެ ކަޅުކަން ގަދަ އިސްތަށިގަނޑު ހާވާލާ ގޮތެވެ. އަދި އޭނަ ކިޔަވާ އެއްޗަކުން ހިތްގައިމު ތަނެއް އައުމުން މޫނުމައްޗަށް އަންނަ ފަނޑު ހިނިތުންވުމެވެ. މި ހުރިހާ ކަމެއް ޒޯޔާ ބަލަނީ ދުރުންނެވެ. ހީވާކަހަލައެވ. އޭނަ އެއީ ތަފާތު ދުނިޔެއެއްގައި އުޅޭ މީހެކެވެ. އަދި ޒޯޔާ އެ ދުނިޔެއަށް ވަންނަން މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ.

އެއްދުވަހަކު ޒޯޔާގެ ހިތް އާދަޔާޚިލާފަށް ބާރަށް ތެޅިގަތް ކަމެއް ދިމާވިއެވެ.


އެއީ ހަވީރުގެ ވަގުތެކެވެ. ލައިބްރަރީގައި މާ ގިނަ ކުދިންތަކެއް ނެތެވެ. ޒޯޔާ އޭނަގެ އާދައިގެ މަތިން އޭނައަށް ނަޒަރު ހުއްޓާލައިގެން އިނެވެ. އެދުވަހު އޭނަ އާކިޓެކްޗަރ ސެކްޝަނުގައި ހުއްޓާ ޒޯޔާއަށް ފެނުނެވެ. ޒޯޔާގެ ހިތަށް އެރިއެވެ. އޭނަގެ ދުނިޔެއާ ކުޑަކޮށް ގާތްވެލުމުގެ ބޭނުމެވެ. ޒޯޔާވެސް މަޑުމަޑުން އެ ސެކްޝަނަށް ހިނގައްޖެއެވެ. ފޮތް ހަރުގަނޑުތަކުގެ ތެރެއިން އޭނަ ފެންނަ ހިސާބުގައި ޒޯޔާ ފޮތްތައް ބަލަމުން ދިޔައެވެ.

ކުއްލިއަކަށް މޮޑާން ޖަޕާންގެ އިމާރާތްތަކާ ބެހޭގޮތުން ލިޔެފައިވާ ބޮޑު ރީތި ފޮތެއް ޒޯޔާގެ ލޮލުގައި އަޅައިގަތެވެ. އޭގެ ބޭރުގަނޑު ވަރަށް ރީއްޗެވެ. ޒޯޔާ އެ ފޮތުގައި ހިފުމަށްޓަކައި އަތް ދިއްކޮށްލިތަނާ އެހެން އަތެއްވެސް ހަމަ އެ ފޮތާ ދިމާލަށް އަންނަތަން ފެނުނެވެ.

އެއީ އޭނަގެ އަތެވެ.

އެއް ސިކުންތަކަށް ވަގުތު ހުއްޓުނު ކަހަލައެވެ. އެމީހުންގެ އިނގިލިތައް ކުޑަކޮށް ޖެހިލިއެވެ. ޒޯޔާގެ މުޅި ހަށިގަނޑަށް ކަރަންޓެއްގެ ރާޅެއް ފެތުރިގެން ދިޔަ ކަހަލައެވެ. ޒޯޔާ ސިހިފައި އަވަހަށް އަތް ދަމައިގަތެވެ. އޭނަވެސް އަތް ދަމައިގަތެވެ. ޒޯޔާ ބޭއިޚްތިޔާރުގައި އޭނަގެ މޫނަށް ބަލާލިއެވެ. އެއީ އެހާ ގާތުން އޭނަގެ މޫނު ފެނުނު ފުރަތަމަ ފަހަރެވެ. އެ ދެލޮލުގައި ހިމޭން އޯގާތެރި ކުލައެއް ވިއެވެ.

އޭނަ އެއްވެސް އެއްޗެއް ނުބުނެއެވެ. ހަމައެކަނި މަޑުމައިތިރިކަމާއެކު ބޯޖަހާލާފައި ޒޯޔާއަށް ފޮތް ނަގަން އިޝާރާތްކޮށްލިއެވެ. އެއަށްފަހު ފަސްޖެހިލާފައި އެހެން ފޮތެއް ހޯދަން ހިނގައިގަތެވެ.

ޒޯޔާގެ ހިތް މޭފަޅާލާފައި ނިކުންނަ ވަރުވިއެވެ. އޭނާ އެ ފޮތް ނަގައިގެން މޭގައި ބޮނޑިކޮށްލިއެވެ. އެއީ ހަމައެކަނި ފޮތެއް ނޫނެވެ. އެއީ އެމީހުން ދެމެދުގައި ބަދަލުކުރެވުނު ހަމައެކަނި މުޢާމަލާތެވެ. ބަހެއް ބުނުމެއް ނެތް ހިމޭން މުޢާމަލާތެކެވެ.

އޭނާއަށް އެއީ އެއްވެސް މާނައެއް ނެތް ކަމެކެވެ. ހަނދާނުގައިވެސް ނުހުންނާނެ ކަމެއްކަން ޒޯޔާއަށް ޔަގީނެވެ. އެކަމަކު ޒޯޔާއަށް އެއީ އޭނަގެ ހިތުގެ ފޮތުގައި ރަން އަކުރުން ފަވާލެވުނު މަންޒަރެކެވެ. އެ ފޮތް ޒޯޔާ ގެއަށް ގެނައެވެ. އެކަމަކު އެ ފޮތުގެ އެއްވެސް ސަފްޙާއެއް ނުކިޔައެވެ. އެ ފޮތް ބަލާލާ ކޮންމެ ފަހަރަކު ހަނދާންވަނީ އެ ހިމޭން ބައްދަލުވުމެވެ.