1ބައި 1 / 6

1 ވަނަ ބައި

288 ލަފްޒު

މުޅި ދުނިޔެއަށް ހީވަނީ ހިމޭންކަމުގެ ފަރުދާއެއް އަޅާފައިވާ ހެންނެވެ. ބޭރުގައި ބޯކޮށް ވާރޭ ވެހެމުން ދިޔައިރު ޔުނިވާސިޓީގެ ލައިބްރަރީގެ ބިއްލޫރި ތަކުގައި ވާރޭގެ ތިކިތައް ކުރެހެމުން ދިޔައީ ފަންނާނެއް ފަދައިންނެވެ. އެތެރޭގައި ފޮތްތަކުގެ މީރު ވަހާއި ކަރުދާސްތައް ކަރުދާސްތައް އުދުހޭ އަޑު ފިޔަވައި އެހެން އަޑެއް ނެތެވެ. ޒޯޔާ އިނީ އޭނަގެ މޭޒުދޮށުގައެވެ. ނަމަވެސް އޭނަގެ ސަމާލުކަން ހުރީ ކުރިމަތީގައި ހުޅުވާފައި އޮތް ފޮތަކަށް ނޫނެވެ. އޭނަގެ ދެލޯ ހުއްޓިފައިވަނީ އޭގެން ދެތިން މޭޒު ދުރުގައި އިން ފިރިހެން ކުއްޖާއަށެވެ.

"އޭނަ!"

ޒޯޔާގެ ހިތް އޭނަ ދެކެލުމާއެކު އަވަސްވެގަތެވެ. އެއީ ކޮންމެ ދުވަހަކުވެސް ތަކުރާރުވާ ކަމެކެވެ. އެ ފިރިހެން ކުއްޖާގެ ސަމާލުކަން ހުއްޓިފައިވަނީ އަތުގައި އޮތް ފޮތަށެވެ. ބުމަ ކުޑަކޮށް ގޮށްޖެހިފައިވާއިރު އެ ދެލޮލުގެ ނަޒަރު ފޮތުގެ ސަފްހާތަކުން އެހެންދިމާލަކަށް ނަޒަރު ހިންގާލުމެއް ނެތެވެ. ޒޯޔާ އަށް އޭނަގެ ނަންވެސް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ އޭނަ އަކީ އާކިޓެކްޗަރ ކޯހެއްގެ ދަރިވަރެއް ކަމެވެ. އެކަންވެސް އެނގުނީ އެއްދުވަހަކު އޭނަގެ ފޮތެއްގެ ގަނޑެއްގައި ކުރަހާފައިވާ އިމާރާތެއްގެ ކުރެހުމެއް ފެނިގެންނެވެ.

މި ހުރިހާ ކަމެއް ފެށުނީވެސް މިފަދަ ވާރޭ ވެހެމުން ދިޔަ ހަވީރެއްގައެވެ.


އެއީ މީގެ ތިން މަސް ކުރިއެވެ. ޒޯޔާ ކުލާސް ނިންމާފައި ގެއަށް ދާން ނިކުތްއިރު ކުއްލިއަކަށް ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. އޭނަގެ އަތުގައި ކުޑައެއް ނެތުމުން ޔުނިވާސިޓީގެ މައި އިމާރާތުގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ. އެވަގުތު އޭނަ ފެނުނެވެ. އޭނަވެސް އިމާރާތުން ނިކުމެގެން އައިސް ކަޅު ކުޑައެއް ހުޅުވާލިއެވެ. ނަމަވެސް އޭނަ ކުރިއަށް ހިނގައިގަތުމުގެ ބަދަލުގައި އިމާރާތުގެ ކައިރީގައި އޮތް ތަނބެއްގެ ދަށުގައި ވާރެއިން ތެމި ތުރުތުރު އަޅަމުން ދިޔަ ކުޑަ ބުޅަލެއް ކައިރީ މަޑުކޮށްލިއެވެ.

ޒޯޔާ ބަލަހައްޓައިގެން ހުއްޓާ އޭނަ މަޑުމަޑުން އިށީނދެ އެ އާ ދިމާއަށް އަތް ދިއްކޮށްލިއެވެ. އެއަށްފަހު އެއްވެސް ފަސްޖެހުމެއް ނެތި އޭނަގެ ބޮޑު ކަޅު ކުޑައިގެ ހިޔަލުގެ ދަށަށް އެ މަޢުޞޫމު ބުޅާ ގެނައެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ހަމްދަރުދީއާއި އޯގާތެރިކަމެވެ. އެ މަންޒަރު ޒޯޔާގެ ހިތުގައިި ވަރަށް ފުންކޮށް އަސަރުކުރިއެވެ. އެއީ ފިލްމެއްގެ މަންޒަރެއް ފަދައެވެ. އެހާ ރީތި އެހާ ސާފު އަދި އެހާ ހިތްގައިމެވެ.

އެ ހިސާބުން ޒޯޔާގެ ހިތް އޭނައަށް ދެވުނީއެވެ. އެއްވެސް ބަހެއް ބުނުމެއް ނެތިއެވެ. އެއްވެސް ހަރަކާތެއް ކުރުމެއް ނެތިއެވެ. އެއީ އެއްވެސް މީހަކަށް ނޭނގި ހަމައެކަނި ޒޯޔާގެ ހިތަށް އެނގޭ ސިއްރެކެވެ.

އެ ހަނދާނުން ޒޯޔާއަށް ހިނިތުންވެވުނެވެ. އޭނަ އަދިވެސް އިނީ ފޮތަށް ގެއްލިފައެވެ. އޭނަގެ އަމިއްލަ ދުނިޔޭގައެވެ. އެ ދުނިޔޭގައި ޒޯޔާގެ ހުރިކަމެއްވެސް އޭނައަކަށް ނޭނގޭނެއެވެ. އެއީ ޒޯޔާގެ ދުނިޔެއެވެ. ދުރުން އޭނަ ދެކެލުމެވެ. އޭނައަށް އެނގުމެއްނެތި އޭނައަށްޓަކައި ހިތުގައި އުފެދިފައިވާ އާދަޔާޚިލާފު ލޯބި ހިފައިގެން ހުރުމެވެ.