ކައިވެންޏަށްފަހު އިހުމާންގެ ދިރިއުޅުންވީ އުފާވެރިކަމުގެ ބަގީޗާއަކަށެވެ. ނާއިލާއަށްޓަކައި އޭނާގެ ހިތުގައި އުފެދިފައިވާ ލޯތްބާއި އިތުބާރު ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. އޭނާގެ މުޅި ދުނިޔެއަކީ ނާއިލާއެވެ. މި ކަނު އިތުބާރުގެ ސަބަބުން އިހުމާން އޭނާގެ ވިޔަފާރީގެ ކަންކަމުގައިވެސް ނާއިލާ ބައިވެރިކުރަން ފެށިއެވެ. ނާއިލާ ވެގެން ދިޔައީ އޭނާގެ އެންމެ އަރިސް އެންމެ އިތުބާރުކުރާ އެޑްވައިޒަރަށެވެ.
ނަމަވެސް އިހުމާންގެ ލޯބީގެ ފަރުދާގެ ފުރަގަހުގައި ނާއިލާ ހިންގަމުން ދިޔައީ ވިހަގަދަ ރޭވުމެކެވެ. އޭނާއަކީ އިހުމާންގެ ފުރަތަމަ ޝިކާރަ އަމީރާގެ ދޮށީ ދައްތައެވެ. އޭނާގެ ކޮއްކޮގެ ދިރިއުޅުން ބަރުބާދުކޮށްލި މީހާގެ އަތުން ބަދަލުހިފުމަކީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު މަޤްސަދެވެ.
ނާއިލާގެ ރޭވުން ފެށީ ވަރަށް ހުނަރުވެރިކޮށެވެ. ފުރަތަމަ އޭނާ އިހުމާންގެ ވިޔަފާރީގެ ކުދިކުދި ކަންކަމުގައި އެހީތެރިވާން ފެށިއެވެ. އޭނާގެ ބުއްދިވެރި ޚިޔާލުތަކާއި ލަފާތަކުން އިހުމާންގެ ހިތް އިތުރަށް އަތުލިއެވެ.
"އިހުމާން އަހަރެމެންގެ ހުރިހާ މުދަލަކާއި ވިޔަފާރިތައް އެއް 'ހޯލްޑިންގ ކޮމްޕެނީ' އެއްގެ ދަށަށް ގެނެސްފިއްޔާ މެނޭޖްކުރަން މާ ފަސޭހަވާނެ. އަދި އެއީ އަހަރެމެންގެ މުސްތަޤްބަލަށްވެސް މާ ރައްކާތެރި ގޮތެއް" އެއް ދުވަހަކު ނާއިލާ ޚިޔާލެއް ހުށަހެޅިއެވެ.
އިހުމާންއަށް އެއީ ވަރަށް ރަނގަޅު ޚިޔާލެއް ކަމަށް ޤަބޫލުކުރެވުނެވެ. ނާއިލާގެ "އިތުބާރު ހުރި" ޤާނޫނީ ވަކީލަކު މެދުވެރިކޮށް އޭނާ ކުންފުނިތައް އަލުން އިންތިޒާމް ކުރުމުގެ ނަމުގައި ގިނަގުނަ ލިޔެކިޔުންތަކެއް ތައްޔާރުކުރިއެވެ.
އެއް ހަވީރަކު އިހުމާން މުހިއްމު ބައްދަލުވުމަކަށް އަވަސްއަރުވާލައިގެން ހުއްޓާ ނާއިލާ ލޯބިގޮތަކަށް ހިނިތުންވެލަމުން ބުންޏެވެ. "އިހުމާން މިއޮތީ ވަކީލު ފޮނުވި ލިޔުންތައް. މިއީ އެ 'ރީސްޓްރަކްޗަރ' ކުރުމުގެ ލިޔުންތައް. އެހެންވީމަ މިތަންތާ ސޮއިކޮށްލާފައި ދޭ."
އިހުމާން ނާއިލާގެ މޫނަށް ބަލައިލާފައި ހިނިތުންވެލިއެވެ. އޭނާގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ. އޭނާ ލޯބިން ފުރިގެންވާ ހިތަކާއެކު އެތައް ސަތޭކަ މިލިއަން ރުފިޔާގެ މުދަލާއި އޭނާގެ ހުރިހާ ވިޔަފާރިއެއްގެ މިލްކުވެރިކަން ނާއިލާގެ ބާރުގެ ދަށަށް ބަދަލުކުރާ ލިޔުންތަކުގައި ލޯމަރާލައިގެން ސޮއިކުރިއެވެ. އޭނާއަށް ހީވީ އެއީ އެމީހުންގެ އުފާވެރި މުސްތަޤްބަލަށްޓަކައި އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އެ ސޮއިތަކާއެކު ނާއިލާގެ ރޭވުން ފުރިހަމަވީއެވެ. އިހުމާންގެ ހުރިހާ އެއްޗެއްގެ ބާރު އޭނާގެ އަތްމައްޗަށް އައެވެ. ދެން އޮތީ އެންމެ ފަހު މަރުޙަލާއެވެ.
އެއްދުވަހަކު ހެނދުނު އިހުމާން ހޭލިއިރު ނާއިލާ ގޭގައި ނެތެވެ. މޭޒުމަތީގައި އޮތީ ސިޓީއުރައެކެވެ. އިހުމާން އެ ސިޓީއުރަ ކަނޑައިލުމަށްފަހު އޭގައި އޮތް ސިޓީ ކިޔަން ފެށިއެވެ. އެ ސިޓީގައިވާ ލިޔުންކޮޅު ކިޔަމުން ދިޔަ ވަރަކަށް އޭނާގެ މޫނުމަތިން ކުލަ ފިލައިގެން ދިޔައެވެ. އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލަ އިޙްސާސެއް ކުރެވުނެވެ.
9ބައި 9 / 14
