8ބައި 8 / 14

8 ވަނަ ބައި

207 ލަފްޒު

ނާއިލާ ދެކެ ވެވޭ ހަޤީޤީ ލޯބީގެ އިޙްސާސްތަކާއެކު އިހުމާންގެ ދިރިއުޅުން ބަދަލުވާން ފެށިއެވެ. އޭނާގެ މާޒީގައި ކޮށްފައިވާ ކަންތައްތަކާ މެދު އޭނާގެ ހިތުގައި ނުތަނަވަސްކަމެއް އުފެދެން ފެށިއެވެ. އަމީރާ، ޒައިނަބު އަދި މަލަކްއަށް ދެވުނު އަނިޔާތައް އޭނާގެ ހަނދާނަށް އައިސް އޭނާގެ އަމިއްލަ ނަފްސުދެކެ ފޫހިވާން ފެށިއެވެ. އޭނާއަށް ލިބިފައިވާ އުފަލަކީ އެހެން މީހުންގެ ހިތްތައް ހަލާކުކޮށްގެން ހޯދާފައިވާ އުފަލެއްކަން އޭނާއަށް ވިސްނެން ފެށުމުން އޭނާގެ ހިތަށް ބިރުވެރިކަމެއް ވަނެވެ.

އެއްރެއަކު ނާއިލާއާ އެކު ރޭގަނޑުގެ ކެއުމަށްފަހު ގެއަށް އައިސް އޭނާގެ އެޕާޓްމަންޓްގެ ބެލްކަނީގައި ހުއްޓާ ނާއިލާ ސުވާލުކޮށްލިއެވެ. "އިހުމާން... ކިހިނެއްވެފަތަ ތިހުންނަނީ؟ ކޮންމެވެސް ކަމަކާ ވިސްނާހެން ހީވަނީ."

އިހުމާން ފުން ނޭވާއެއް ލުމަށްފަހު ނާއިލާއަށް ބަލައިލިއެވެ. އޭނާގެ ހިތުގައިވާ ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުންވިއެވެ. ނަމަވެސް އޭނާގެ މާޒީ އެނގުމުން ނާއިލާ އޭނާ ދޫކޮށްފައި ހިނގައިދާނެތީ އޭނާ ބިރުގަތެވެ.

"ނާއިލާ... އަހަރެން، އަހަރެންގެ މާޒީގައި ވަރަށް ގިނަ ގޯސްތަކެއް ހަދާފައިވާނެ." އިހުމާން ބުނެލީ ހިތާމަވެރި ރާގަކަށެވެ. "އަހަރެން ބިރުގަނޭ އަހަރެންގެ އެ ގޯސްތަކުގެ ސަބަބުން ނާއިލާ އަހަންނާ ދުރުވެދާނެތީ."

ނާއިލާ އިހުމާންގެ އަތުގައި ހިފައިލަމުން ހިނިތުންވެލިއެވެ. "އިހުމާން ކޮންމެ މީހެއްގެވެސް މާޒީއެއް އޮންނާނެ. މުހިއްމީ މިހާރު. ތިމާގެ ގޯސްތައް އިޞްލާޙުކޮށް ރަނގަޅު މީހަކަށް ވާން މަސައްކަތް ކުރުން. އަހަރެން ޤަބޫލުކުރަނީ އިހުމާންއަކީ ހިތްހެޔޮ ރަނގަޅު މީހެއްކަމުގައި."

ނާއިލާގެ އެ ބަސްތަކުން އިހުމާންގެ ހިތަށް ކުޑަހަމަޖެހުމެއް ލިބުނެވެ. އޭނާ ނިންމީ އޭނާގެ މާޒީގެ ހުރިހާ ވާހަކައެއް ފަހުން ނަމަވެސް ނާއިލާއަށް ކިޔައިދޭށެވެ. އަދި އޭނާ ހަޤީޤަތުގައިވެސް ބަދަލުވެއްޖެކަން ނާއިލާއަށް ސާބިތުކޮށްދިނުމަށެވެ.

ދުވަސްކޮޅެއް ފަހުން އިހުމާން ނާއިލާއާ ކައިވެނިކުރަން އެދުނެވެ. ނާއިލާގެ އާއިލާއިންވެސް އެކަމަށް އެއްބަސްވެ ދެމީހުންގެ ކައިވެނި ވަރަށް އަވަހަށް ކުރެވުނެވެ. އިހުމާންއަށް ހީވީ އޭނާއަށް އޭނާގެ ދިރިއުޅުމުގެ އުފާވެރިކަން ހޯދިއްޖެ ކަމަށެވެ. އޭނާގެ މާޒީގެ އަނދިރިކަމުން ސަލާމަތްވެވިއްޖެ ކަމަށެވެ. ނަމަވެސް އޭނާއަށް ނޭނގުނީ އެއީ އޭނާގެ ދިރިއުޅުމުގެ އެންމެ ބޮޑު ތޫފާނުގެ ކުރީގެ ހަމަހިމޭންކަން ކަމެވެ.