ޒައިނަބުގެ ހިތް ފަތަޙަ ކުރުމަށްފަހު އިހުމާންގެ އަމަލުތައް ބަދަލުވާންފެށިއެވެ.. އޭނާ ކުރިންވެސް ކަންތައް ކުރިހެން ޒައިނަބަށް ދޭ ސަމާލުކަން ކުޑަވެ ކުރިން ދައްކަމުން އައި ލޯބިވެތި ވާހަކަތައް މަދުވެއްޖެއެވެ. ޒައިނަބަކީ ހުޝިޔާރު ކުއްޖަކަށް ވުމުން މި ބަދަލުތައް ވަރަށް އަވަހަށް ފާހަގަ ކުރެވުނެވެ. އޭނާ އިހުމާނާ ސުވާލުކުރަން ފެށުމުން އިހުމާން ދިނީ އޮފީހުގެ މަސައްކަތްތައް ގިނަވެ ބިޒީވާ ވާހަކައެވެ.
އެއް ދުވަހަކު ޒައިނަބު އިހުމާންއަށް ސަޕްރައިޒެއް ދިނުމުގެ ގޮތުން އޭނާގެ އޮފީހަށް ދިޔައެވެ. ނަމަވެސް އޭނާއަށް ފެނުނު މަންޒަރުން އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔައެވެ. އިހުމާން އޭނާގެ ސެކްރެޓަރީއާ ވަރަށް ގާތްކޮށް ހީހީފައި އުޅޭ މަންޒަރު ފެނުމުން ހީވީ ޒައިނަބުގެ ހިތަށް ވަޅިއެއް ހަރާލި ކަހަލައެވެ. އޭނާ އެތަނަށް ވަދެގެން ދިޔުމުން އިހުމާންގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ.
"ޒައިން، ކީއްކުރަން އައީ އަހަންނަށް ނުގުޅާ!" އިހުމާން ހަރުކަށި ރާގަކަށް ބުންޏެވެ.
"އިހުމާން... މީ ކާކު؟ ކިހިނެއް މި ވަނީ؟" ޒައިނަބަށް ވާހަކަ ދެއްކުނީވެސް ކިރިޔާއެވެ.
"އެއީ ޒައިންއާ ބެހޭ ކަމެއް ނޫން. އަހަރެން ހިތްއެދޭ ގޮތަކަށް އުޅޭނީ. އަހަރެމެންގެ ދެމެދުގަ އޮތް ހުރިހާ ކަމެއް މިއަދުން މިއަދަށް ނިމުނީ. ދެން ދުވަހަކުވެސް އަހަރެންގެ ކުރިމައްޗަށް ނާންނާތި!" އިހުމާން ބުނެލީ އެއްވެސް ރަޙުމެއް ނެތިއެވެ.
ޒައިނަބުގެ ދެލޮލުން ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބައިގަތެވެ. އޭނާ އެތަނުން ނިކުމެގެން ދިޔައީ ހިތް ހަލާކުވެގެންނެވެ. އޭނާގެ ލޯބީގެ ބިނާ އެއްކޮށް ބިމާ ހަމަވެގެންނެވެ. އަމިއްލަ ނަފްސަށް އިތުބާރު ގެއްލި އޭނާއަކީ އެއްވެސް އަގެއްނެތް މީހެއްކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. އިހުމާންގެ އޮޅުވާލުމުގެ ސަބަބުން ޒައިނަބުގެ ދިރިއުޅުން އަނދިރިކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.
އިހުމާންއަށް އެއީވެސް ހަމަ ކާމިޔާބީއެކެވެ. ދެން އޭނާގެ އަމާޒަކަށް ވީ މަލަކެވެ. މަލަކަކީ މަޖާ މިޒާޖެއްގެ ދިރިއުޅުމުގެ އުފާތައް ހޯދުމަށް ލޯބިކުރާ މީހުންނާ ގުޅޭ ކުއްޖެކެވެ. އޭނާގެ ހިތް އަތުލުމަށް އިހުމާން ރޭވީ މުޅިން ތަފާތު ރޭވުމެކެވެ. އޭނާ މަލަކަށް ދެއްކީ އޭނާ އަކީވެސް އެފަދަ މަޖާ ކަންކަމަށް ލޯބިކުރާ މީހެއްގެ ގޮތުގައެވެ. ރިސޯޓްތަކަށް ދަތުރު ގޮސް ޕާޓީތަކަށް ގޮސް އުޅުމުގައި ދިރިއުޅުމުގެ ކޮންމެ ވަގުތެއް ހޭދަރިއެވެ. މަލަކް އިހުމާންގެ ދަލުގައި ޖެހެމުން ދިޔައީ އޭނާއަށް އެކަން އިހުސާސްވެސް ނުކުރެވި ހުރެއެވެ.
4ބައި 4 / 14
