އަމީރާގެ ދިރިއުޅުން އަނދިރިކަމުގެ ތެރެއަށް ގަންބައިމަށްފަހު އިހުމާން ހޯދީ އާ ޝިކާރައެކެވެ. އެއީ ޒައިނަބެވެ. އޮފީހެއްގައި މަސައްކަތްކުރާ އަމިއްލަ ފައިމައްޗަށް ތެދުވެ ހުރި ހުޝިޔާރު ޒުވާން އަންހެން ކުއްޖެކެވެ. ޒައިނަބަކީ އަމީރާއާ މުޅިން ތަފާތު ޝަޚްސިއްޔަތެއްގެ ވެރިއެކެވެ. އޭނާއަކީ ފަސޭހައިން ހެއްލޭނެ ކުއްޖެއް ނޫނެވެ. އިހުމާނަށް އެކަން ވެގެން ދިޔައީ އާ ގޮންޖެހުމަކަށެވެ. ކުޅިވަރު އިތުރަށް ފޯރިގަދަވީ ކަހަލައެވެ.
އިހުމާން ޒައިނަބާ ދިމާވީ އެކުވެރިއެއްގެ ޕާޓީއަކުންނެވެ. ފުރަތަމަ ނަޒަރުންވެސް ޒައިނަބުގެ ފިސާރިކަމާއި ހިތްވަރުގަދަ ގޮތް އިހުމާންގެ ސަމާލުކަމަށް އައެވެ. އޭނާ ޒައިނަބާ ވާހަކަ ދައްކަން މަސައްކަތް ކުރި ނަމަވެސް ޒައިނަބު ދިނީ މާބޮޑު ސަމާލުކަމެއް ނޫނެވެ. އެކަމުން އިހުމާންގެ ހިތްވަރުއަރައި ޒައިނަބުގެ ހިތް އަތުލުމަށް އޭނާ އަޒުމް ކަނޑައެޅިއެވެ.
އިހުމާން މިފަހަރު ބޭނުންކުރީ ތަފާތު އުކުޅެކެވެ. އޭނާ ޒައިނަބަށް ދެއްކީ އޭނާއަކީ ކާމިޔާބު ހަރުދަނާ އަދި ޒިންމާދާރު ފިރިހެނެއްގެ ގޮތުގައެވެ. އޭނާގެ ވިޔަފާރީގެ ވާހަކަތަކާއި މުސްތަޤްބަލްގެ ބޮޑެތި ރޭވުންތަކުގެ ވާހަކަތައް ޒައިނަބާ ހިއްސާ ކުރިއެވެ. މަޑުމަޑުން ޒައިނަބުގެ އިތުބާރު ހޯދަން ފެށިއެވެ. އޭނާ ޒައިނަބަށް އަގުބޮޑު ހަދިޔާތައް ދީ ރީތި ތަންތަނަށް ކާން ގެންދިޔައެވެ.
ޒައިނަބު ފުރަތަމަ އިހުމާންގެ ފަރާތުން ފެންނަމުން ދިޔަ މުއްސަނދިކަމާއި ބޮޑާކަމާމެދު ޝައްކުވި ނަމަވެސް އިހުމާން ދެއްކި ހަރުދަނާ ވާހަކަތަކާއި އޭނާގެ އަމަލުތަކުން އެ ހިތުގައި އިހުމާނަށްޓަކައި ޖާގައެއް ދެވެން ފެށިއެވެ. ޒައިނަބަށް ހީވާންފެށީ އޭނާއަށް އެންމެ އެކަށީގެންވާ ފިރިހެނަކީ އިހުމާން ކަމަށެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ކާމިޔާބު މުސްތަޤްބަލެއް ބިނާކުރަން މަސައްކަތްކުރާ ހިތްވަރުގަދަ ފިރިހެނެއް ކަމަށެވެ.
އެއް ދުވަހަކު ސަފާރީގެ ކުރީކޮޅުން ގޮނދިއެއްގައި އިރުއޮއްސޭ މަންޒަރު ބަލަން ތިބެ އިހުމާން ވަރަށް ސީރިއަސް ރާގެއްގައި ވާހަކަ ދެއްކިއެވެ. "ޒައިން... އަހަރެން ދުވަހަކުވެސް އަންހެން ކުއްޖަކު ދެކެ މިހާވަރަށް ލޯތްބެއް ނުވޭ. ޒައިންއަކީ އަހަރެންގެ ހަޔާތަށް ބޭނުންވާ ހަމައެކަނި ފަރާތް. އަހަރެން ބޭނުންވަނީ ޒައިންއާއެކު އަހަރެންގެ މުޅި ދިރިއުޅުން ހޭދަކުރަން."
އެ ބަސްތައް ޒައިނަބުގެ ހިތުގެ އެންމެ ފުނަށް އަސަރުކުރިއެވެ. އޭނާގެ ހިތުގައި އިހުމާނާމެދު އޮތް ކުޑަ ޝައްކުކޮޅުވެސް ފިލައިގެން ދިޔައެވެ. އޭނާގެ ދިފާޢީ އައްޑަނަ މުޅިން ބަލިކަށިވެ އިހުމާންގެ ލޯބީގެ ދަލުގައި އެކީއެކަށް ޖެހިއްޖެއެވެ. ޒައިނަބު އޭނާގެ މުޅި ހިތާއި ރޫޙު އިހުމާނަށް ހަދިޔާކުރިއެވެ.
އެކަމަކު އޭނާއަށް ނޭންގެނީ އިހުމާން އެ ބުނި ބަސްތަކަކީވެސް އެތައް ފަހަރަކު ތަކުރާރުކޮށްފައިވާ ދޮގުތަކެއްކަމެވެ. އިހުމާންގެ ހިތުގައި ޒައިނަބަކީވެސް ހަމައެކަނި ކުޅިވަރެއްގައި ހޯދާ ކާމިޔާބީއެއްކަމެވެ. ގޮންޖެހުން ބޮޑު ކުޅިގަނޑެއް ކާމިޔާބު ކުރުމަށްފަހު އިހުމާންގެ ހިތް ދެން ބޭނުންވީ އާ ކުޅިގަނޑެއް ފަށާށެވެ. ޒައިނަބުގެ ވަގުތުވެސް ހަމަވަނީއެވެ.
3ބައި 3 / 14
