އިހުމާން އޭނާގެ ކަޅުކުލައިގެ އަގުބޮޑު ސްޕޯޓްސް ކާރުގައި އައިސް އަމީރާ ދިރިއުޅޭ އެޕާޓްމަންޓް ކައިރިއަށް މަޑުކޮށްލިއެވެ. ކާރުގެ އަޑުއިވުމާއެކު ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރި އަމީރާގެ މޫނުމައްޗަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. އޭނާގެ ހިތް ތެޅިލީ އާދަޔާ ޚިލާފު ބާރުމިނެއްގައެވެ.
އިހުމާން ކާރުން ފައިބައި އޭނާގެ އެންމެ ހިތްގައިމު ހިނިތުންވުން އަމީރާއަށް ހަދިޔާކޮށްލިއެވެ. "އަމީ... އަވަހަށް އާދޭ. ރޭގަނޑުގެ ކެއުމަށް ދާންވީނު. ޖާނުކޮޅު ދެކިލާހިތުން މިހުރީ ކެތްމަދުވެފަ." އިހުމާންގެ އެ ބަސްތަކުން އަމީރާގެ ހިތް އުފަލުން ފުރިގެން ދިޔައެވެ. އޭނާއަށް ހީވީ އޭނާއަކީ ދުނިޔޭގެ އެންމެ ނަސީބުވެރި އަންހެން ކުއްޖާ ކަމަށެވެ.
އެރޭ މާލޭގެ އެންމެ ރެސްޓޯރެންޓެއްގެ މޭޒެއްގައި އިށީނދެގެން ތިބިއިރު އިހުމާން އަމީރާއަށް ކައިވެނީގެ ވާހަކަ ދެއްކިއެވެ. އެމީހުންގެ މުސްތަޤްބަލްގެ ފޮނި ހުވަފެންތައް ދެއްކިއެވެ. "އަހަރެމެން ކައިވެނިކޮށްގެން ދިރިއުޅޭނީ ސްވިޒަލޭންޑްގަ. ފަރުބަދަތަކުގެ މެދުގަ ހަމަހިމޭން މާހައުލެއްގަ... އަހަރެން ބޭނުންވަނީ އަމީއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން" އިހުމާންގެ ބަސްތައް އެހާ ފޮންޏެވެ. އަމީރާ އެ ހުރިހާ ވާހަކައެއް ޤަބޫލުކުރީ އެއްވެސް ޝައްކެއްނެތިއެވެ.
ނަމަވެސް އަމީރާގެ މައުސޫމު ހިތަށް ނޭންގޭކަމަކީ އެއީ އިހުމާންގެ ކުޅިވަރުގެ ބައެއްކަމެވެ. އޭނާގެ ހިތުގެ އަޑިން ބުނަމުން ދިޔައީ އެހެން ވާހަކައެކެވެ. "މި ކުއްޖާ ހާދަ ފަސޭހައޭ. އަހަރެން ބުނާ ކޮންމެ ދޮގަކަށް އެބަ ހެއްލޭ. މި ކުޅިގަނޑުވެސް ނިމެން ކައިރިވެއްޖެ." އޭނާގެ ހިތް އެހެން ބުނަމުން ދިޔައިރުވެސް މޫނުމަތިން ފެންނަމުން ދިޔައީ ހަމައެކަނި ލޯތްބާއި ކުލުނެވެ.
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. އިހުމާން އޭނާގެ މަޤްސަދު ހާސިލްކޮށްފިއެވެ. އަމީރާގެ ހިތާއި އިތުބާރާއި ލޯބި އެއްކޮށް އޭނާގެ އަތްދަށުލައިފިއެވެ. އެއިން އޭނާއަށް ކުރާނެ ފައިދާއެއް ނެތެވެ. ކުޅޭ އެއްޗެހި ބާވެ އުކާލާ ފަދައިން އަމީރާގެ ލޯބިވެސް އޭނާއަށް ވަނީ ބުރަ އެއްޗަކަށް ވެފައެވެ. އޭނާގެ ފޯނުކޯލްތަކަށް ޖަވާބު ދިނުން މަދުކޮށް ބަހަނާތައް ދައްކަން ފެށިއެވެ.
އެއް ރެއަކު އަމީރާ ތަކުރާރުކޮށް ގުޅުމުންވެސް އިހުމާން ފޯނެއް ނުނެގިއެވެ. ދެރަވެފައި ހުރެ އަމީރާ ފޮނުވި މެސެޖަށް އިހުމާން ފޮނުވީ އެންމެ ތިން ބަހެވެ. "މަގޭ ފަހަތުން ނޫޅޭ."
އެ މެސެޖާއެކު އަމީރާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ. އޭނާ ބިނާކުރަމުން އައި ފޮނި ހުވަފެންތަކުގެ ގަނޑުވަރު އެންމެ ސިކުންތުކޮޅެއްގެ ތެރޭގައި ތަޅައިގެންގޮސް ހިތް ހިތާމައިން ކުދިކުދިވެއްޖެއެވެ. އިހުމާންގެ ދުނިޔޭގައި އަމީރާގެ ބައި ނިމުނީއެވެ. އޭނާގެ ލިސްޓުން އެއް ނަން ކަޓުވާލުމަށްފަހު އިހުމާން ދެން އަމާޒު ހިފީ އާ ޝިކާރައަކަށެވެ.
2ބައި 2 / 14
