އިހުމާންއަކީ އޭނާގެ ނަމެކޭ އެއްފަދައިން އޭނާގެ ސޫރަވެސް ރީތި ދޮން އިސްކޮޅުން ދިގު ޒުވާނެކެވެ. މާލޭގެ އެންމެ އުސް އިމާރާތުގެ ޕެންޓްހައުސްގެ ބޮޑު ބެލްކަނިން ބޭރުގެ މަންޒަރަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ބޮޑާކަމާއި ކިބުރުވެރިކަމުގެ އަސަރުތަކެވެ. އަގުބޮޑު ސެންޓުގެ ވަހާއި ހަށިގަނޑުގައި ފިޓްކޮށްލާފައިވާ ބްރޭންޑެޑް ހެދުމުން އޭނާގެ މުއްސަނދިކަން ހާމަކޮށްދެއެވެ. ނަމަވެސް އެ ރީތި ސޫރައާއި މުއްސަނދިކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ނުރައްކާތެރި ހިތެއް ނެތް ޝިކާރަވެރިޔެކެވެ.
އޭނާއަށް ލޯތްބަކީ ކުޅިވަރެކެވެ. އަންހެން ކުދިންގެ ހިތްތަކަކީ އޭނާ ކުޅޭނެ ކުޅޭ އެއްޗެކެވެ. އޭނާގެ ހަޔާތުގެ މަޤްސަދަކީ އޭނާގެ ރީތިކަމާއި ފައިސާގެ ބާރުގައި އަންހެން ކުދިންގެ ހިތްތައް އަތުލައި އެމީހުންގެ ލޯބި ހޯދުމަށްފަހު ހީނލާފައި އެކުދިން ދޫކޮށްލުމެވެ. އެއީ އޭނާއަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ. އެއީ އޭނާގެ ކުޅިވަރުގެ ކާމިޔާބީއެވެ.
މިހާރު އޭނާގެ އަމާޒަކީ އަމީރާއެވެ. ޔުނިވަރސިޓީގައި ކިޔަވަމުންދާ މައުސޫމު ރިވެތި އަންހެން ކުއްޖެކެވެ. އަމީރާގެ ދުނިޔެއަށް އިހުމާން ވަނީ ފަރިއްސެއްގެ ގޮތުގައެވެ. ލޯބީގެ ރީތި ވަޢުދުތަކުން އަމީރާގެ ހިތް އަތުލައިފިއެވެ. އަމީރާއަށް ހީވެފައި އޮތީ އޭނާއަށް ދުނިޔޭގެ އެންމެ އުފާވެރި ލޯބި ލިބިއްޖެ ކަމަށެވެ.
ފޯނު ރިންގުވުމާއެކު އިހުމާން ވިސްނުންތަކުން ބޭރަށް ނިކުތެވެ. އޭނާ ފޯނަށް ބަލައިލިއެވެ. އެއީ އަމީރާގެ މެސެޖެކެވެ. "އިހުމާން އަވަހަށް އާދޭ ދެން... ވަރަށް މިސްވޭއެބަ."
އިހުމާންގެ ތުންފަތަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވިއެވެ. އަމީރާގެ އެ މައުސޫމު ލޯބީގެ ބަސްތަކުން އޭނާގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. އެއީ ހަމައެކަނި ކުޅިވަރުގެ އެހެން މަރުޙަލާއެއް ކާމިޔާބުވުމުން ލިބުނު އުފަލެކެވެ. އޭނާ ކާރުގެ ތަޅުދަނޑި ހިފައިގެން އެޕާޓްމަންޓުން ނިކުތީ އަމީރާގެ ހިތް އެއްކޮށް ހަލާކުކޮށްލުމުގެ ފަހު މަރުޙަލާއަށެވެ. އަނެއް ހިތެއް ފަތަޙަ ކުރުމަށް އަނެއް ދިރިއުޅުމެއްގެ ހުޅުކޮޅު ނިއްވާލުމަށްޓަކައެވެ.
1ބައި 1 / 14
