4ބައި 4 / 9

4 ވަނަ ބައި

226 ލަފްޒު

އާލިމްއަށް އޭނާގެ ލޮލާއި ކަންފަތް ޤަބޫލެއް ނުކުރެވުނެވެ. ގޭތެރެއިން އިވުނު އަޑާއެކު އޭނާގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ. އެއީ ނަސީމްގެ ބައްޕަގެ އަޑުބާވައެވެ. ނަސީމް އަބަދުވެސް ބުނަނީ އޭނާގެ ބައްޕައަކީ ވަރަށް އޯގާތެރި އާއިލާއަށް ލޯބިދޭ މީހެއް ކަމަށެވެ. އެކަމަކު މި އިވެނީ އެފަދަ މީހެއްގެ އަޑެއް ނޫނެވެ.

އާލިމް މަޑުމަޑުން އެ ގެއާއި ކައިރިވެލިއެވެ. ހަލާކުވެފައިވާ ކުޑަ ދޮރަކުން އޭނާ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ގޭތެރޭގެ މަންޒަރު ފެނިފައި އާލިމްގެ ދެލޯ ބޮޑުވިއެވެ. ގޭގެ ތެރެވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެއްޗެހިތައް އެކި ދިމަދިމާލަށް އެއްލާފައި ހުއްޓެވެ. ބިންމަތީގައި ހުސް ބިއްލޫރި ފުޅިތަކެއް އެކި ތަންތަނުގައި ފުނިޖަހާފައި ހުއްޓެވެ.

ގޭގެ ތެރޭގައި ހުރި ހަމައެކަނި މޭޒު ކައިރީގައި ހަށިގަނޑު ބޮޑު ފިރިހެނަކު އިނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނުލަފާކަމާއި ރުޅިވެރިކަމެވެ. އޭނާގެ ކުރިމަތީގައި ބިރުން ގޮތް ހުސްވެފައި ނަސީމް ހުއްޓެވެ. ނަސީމްގެ މޫނުމަތިން އެންމެންނަށް ފެންނަ މަޖާ ކުއްޖާގެ އެއްވެސް އަސަރެއް ނެތެވެ. އޭގެ ބަދަލުގައި ފެންނަނީ ނުތަނަވަސްކަމާއި ބިރުވެރިކަމުން ފުރިފައި ވާމޫނެކެވެ.

"އަހަރެން ސުވާލު ކުރީ ފައިސާ ކޮބާތޯ!" ނަސީމްގެ ބައްޕަ މޭޒުގައި އަތުން ތަޅައިގަންނަމުން ހަޅޭއްލަވައިގަތެވެ.

ނަސީމް ތުރުތުރު އަޅަމުން ދިޔަ އަޑަކުން ޖަވާބު ދިނެވެ. "ބައްޕާ... އަދި... އަދި މުސާރަ ނުލިބޭ... ލިބުނީމަ ގެނެސްދޭނަން."

"ކަލޭ ދުވަހަކުވެސް ތެދެއް ނުބުނާނެ! ކަލޭ ތި ފައިސާ ފޮރުވަނީ ދޯ!" އެ ފިރިހެންމީހާ ތެދުވެގެން އައިސް ނަސީމްގެ ގިރުވާނުގައި ހިފިއެވެ.

އެ މަންޒަރު ފެނިފައި އާލިމްއަށް ހުރެވުނު ތަންވެސް ހަނދާން ނެތުނެވެ. އޭނާއަށް ވަގުތުން އެތެރެއަށް ވަންނަން ބޭނުންވިއެވެ. އެކަމަކު އެކަން ކުރަން އޭނާއަށް ހިތްވަރެއް ނުލިބުނެވެ. އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާ އޭނާގެ ލޯ ކުރިމަތީގައި ތަޙައްމަލު ކުރަމުން އެ ދަނީ ކޮންފަދަ އަނިޔާއެއް ހެއްޔެވެ. އެންމެންގެ ކުރިމަތީގައި އަބަދުވެސް ހިނިތުންވެ ހުންނަ، އެންމެން އުފާކޮށްދޭން މަސައްކަތްކުރާ ނަސީމް އޭނާގެ އަމިއްލަ ގޭގައި އުޅެމުން ދަނީ މިފަދަ ބިރުވެރިކަމެއްގެ ތެރޭގައިކަން އާލިމްއަށް އެނގުނީ ކިހާ ދެރަގޮތަކަށް ހެއްޔެވެ.

ނަސީމްގެ ހިނިތުންވުމަކީ އޭނާގެ ހިތުގެ ހިތާމަތައް ފޮރުވަން ބޭނުންކުރާ މާސްކެއްކަން އާލިމްއަށް އެންމެ ފަހުން ޔަގީންވިއެވެ.