އެ ތިން ރަޙްމަތްތެރިން ގޮނޑުދޮށުން ތެދުވެ ގެއާ ދިމާލަށް ހިނގައިގަތެވެ. އިރު އޮއްސި މަޣްރިބް ނަމާދުގެ ބަންގީގެ އަޑު ދުރުން އިވެމުން ދިޔައެވެ. މަގުމަތީގައި ދިއްލާފައި ހުރި ހޮޅިދަނޑީގެ އަލީގެ ދަށުން ހިނގަމުން ދިޔައިރުވެސް އާލިމްގެ ހިތާއި ސިކުނޑި އުޅެމުން ދިޔައީ އެހެން ދުނިޔެއްގައެވެ. ނަސީމްގެ ލޮލުން އޭނާއަށް ފެނުނު ހިތާމަވެރިކަމުގެ އަސަރު ހިތުން ފޮހެލެވޭ ގޮތެއް ނުވިއެވެ. އެއީ އޭނާގެ ގާތް ރަޙްމަތްތެރިޔާގެ ކިބައިން މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ ކަމެކެވެ.
"ނަސީމް... ހުރިހާ ކަމެއް ރަނގަޅުތަ؟" ހިމޭންކަން ފޫއަޅުވާލަމުން އާލިމް ސުވާލުކޮށްލިއެވެ.
އާލިމްގެ ސުވާލުން ނަސީމް ހައިރާންވެފައި ބަލާލިއެވެ. ދެން ވަގުތުން އޭނާގެ މޫނުމަތީގައިވި މަޖާ ގޮތް އަނބުރާ ގެނެސްފިއެވެ. "ރަނގަޅު ނުވާންވީ ކީއްވެ؟ އަހަރެން މިހިރީ ހަމަ ފުލް ޗާޖުގަ! މިރޭ ގޭގަ މަންމަ ކައްކާނީ ބަރަބޯރިހަ. އެއަށްވުރެ ބޮޑު އުފަލެއް އެބައޮތްތަ؟" ނަސީމް ހީނލަމުން ބުންޏެވެ.
ރީމާވެސް ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. "އާލިމްއޭ! ނަސީމްއަށް ވާނެ އެއްވެސް ކަމެއް ނޯންނާނެ. އޭނަ ދެރަވެފަ ހުންނަ ދުވަހަކީ ދުނިޔެ ނިމޭ ދުވަސް."
ރަށުގެ މައި ހަތަރު އަނގޮޅިއާ ހަމައަށް އާދެވުނުއިރު ނަސީމް ހުއްޓުނެވެ. "އޯކޭ ރައްޓެހިންނޭ. އަހަރެން ދަނީ މި ދިމާލުން. ތި ދެމީހުން ދާންވީނު؟"
"އަހަރެން ހިނގާނަން ނަސީމް ގެއާ ހަމައަށް" އާލިމް ބުންޏެވެ.
އާލިމް އެހެން ބުނުމާއެކު ނަސީމްގެ މޫނުމަތިން ކުޑަ ކަންބޮޑުވުމެއް ފާޅުވި ކަހަލައެވެ. އޭނާ އަވަސް އަވަހަށް ބުންޏެވެ. "ނޫން ނޫން! ކީއްކުރަން؟ ގެ ހުންނަނީ ހަމަ މިތާ ކައިރީގަ. އަނެއްކާ މަންމަ ބުނާނެ މީހުންނަށް އުނދަގޫ ކުރަނީއޭ. ދެން ދޭ!"
އެހެން ބުނެ ނަސީމް އެމީހުންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އަވަސް ފިޔަވަޅުތަކެއްގައި އެ އަނދިރި ގޯޅިގަނޑުގެ ތެރެއަށް ގެއްލިއްޖެއެވެ. އޭނާގެ އެ އަމަލު އާލިމްއަށް ވަރަށް އާދަޔާ ޚިލާފުވިއެވެ.
ރީމާ ކޮނޑުއަނބުރާލަމުން ބުންޏެވެ. "އޭނަ އަބަދުވެސް އެހެން އަވަސް އަރުވާލައިގެން އުޅޭނީ."
އެކަމަކު އާލިމްއަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. މިއަދު ނަސީމްގެ ކިބައިން ފެނުނީ ހަމައެކަނި އަވަސް އަރުވާލުމެއް ނޫނެވެ. އެއީ ފިލަން ކުރި މަސައްކަތެކެވެ. އޭނާގެ ހަގީގީ ދުނިޔެއިން އޭނާގެ ރަޙްމަތްތެރިން ފިލުވަން ކުރި މަސައްކަތެކެވެ. 'މިކަމެއް އޮޅުން ފިލުވާލަން ޖެހޭނެ' ކަމަށް އާލިމްގެ ހިތް ބުންޏެވެ.
2ބައި 2 / 9
