ޖެހިގެން އައި ދުވަހުގެ ހެނދުނަކީ އާންމު ހެނދުނެއް ނޫނެވެ. ރޭގެ ހާދިސާއަށްފަހު ރަށުގެ ހިމޭން ވައިގެ ތެރޭގައިވެސް ވަނީ ނުތަނަވަސްކަމެކެވެ. އައިލާއަށް ރެއަކު ރަނގަޅަށް ނުވެސް ނިދުނެވެ. ރަޔާންގެ އަޑުގައިވި ހިތްދަތިކަމާއި އޭނާގެ ލޮލުން ފެނުނު މާޔޫސްކަން އައިލާގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ. އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ހިތުގެ ވޭން އޭނާއަށް ނުފެނުނީތީ އޭނާގެ އަމިއްލަ ނަފްސުދެކެ ރުޅި އައެވެ.
އައިލާ އޭނާގެ އާދަޔާ އެއްގޮތައް ކެންވަހާއި އެއްޗެހި ހިފައިގެން ގޮނޑުދޮށަށް ދިޔައެވެ. އެއީ އޭނާ އާއި ރަޔާން އަބަދުވެސް ބައްދަލުކުރާ ތަނެވެ. އެކަމަކު މިއަދު އެތަން ހުރީ ހުހަށެވެ. ރަޔާންއެއް ނެތެވެ. ގޮނޑުދޮށުގައި ހުރި ހަމައެކަނި ފިޔަވަޅަކީ އައިލާގެ ފިޔަވަޅެވެ. އެ ހުސްކަން އޭނާގެ ހިތަށް ވަދެ އިހުނަށްވުރެވެސް ބޮޑަށް ހިތްދަތިވިއެވެ.
އޭނާ އެކަނި އިނދެ ކުރަހަނިކޮށް ޒިޔާން އައިސް އޭނާގެ ކައިރީގައި އިށީނެވެ. ޒިޔާންއަށްވެސް ރޭގެ ނުތަނަވަސްކަން އިހުސާސް ކުރެވިފައިވާކަން އޭނާގެ މޫނުމަތިން އެނގެއެވެ.
"އައިލާ ހުރިހާ ކަމެއް ރަނގަޅުތަ؟ ރޭގެ ފަހުން މާބޮޑަށް މަޑުމޮޅިވެ ހާސްވެފައި ހުންނަހެން ހީވަނީ." ޒިޔާންގެ އަޑުގައިވީ އިޚްލާސްތެރިކަމެވެ.
އައިލާއަށް ހަގީގަތް ކިޔައިދޭކަށް ނުކެރުނެވެ. "އެއީ... އަހަންނާއި ރަޔާންއާ ދެމެދު ކުޑަ މައްސަލައެއް ޖެހިގެން. އަހަރެމެން އަބަދުވެސް މިކަހަލަ ކަންތައްތައް ހައްލުކުރަން." އޭނާ އެހެން ބުނެލީ އަމިއްލަ ހިތަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެކަމަކު މިއީ އާދައިގެ މައްސަލައެއް ނޫންކަން އޭނާގެ ހިތުގެ އެންމެ ފުނުން އެނގެއެވެ.
އެނެއް ދުވަހު މެންދުރުފަހު އައިލާ ރަޔާންއާ ވާހަކަ ދައްކަން ނިންމިއެވެ. އޭނާ ރަޔާން ހޯދަން ދިޔައީ ރަށުގެ ދުވަސްވީ ފާލަން ކައިރިއަށެވެ. އެއީ ކުޑައިރު އެ ދެމީހުން އެކުގައި ގިނަ ވަގުތު ހޭދަކުރި ތަނެކެވެ. ރަޔާން އެކަނިމާއެކަނި އެތާ އިނދެ ކަނޑަށް އަކިރިކޮޅު އުކަމުން ދިޔައެވެ.
އައިލާ މަޑުމަޑުން ގޮސް އޭނާގެ ކައިރީގައި އިށީނެވެ. "ރަޔާން... އަހަރެންނަށް މާފުކުރޭ."
ރަޔާން އަކިރިކޮޅު އުކުން ހުއްޓާނުލާ ޖަވާބު ދިނެވެ. "މާފުކުރަންވީ ކީއްވެ؟ ހަގީގަތް ފެނުނީތީތަ ނޫނީ އަހަރެންގެ އިހުސާސްތައް ފާޅުކުރީތީތަ" އޭނާގެ އަޑުގައިވީ ފުން ހިތާމައެކެވެ.
"އަހަންނަކަށް ނޭންގެ ތިހާވަރަށް ތިކަމާ ހިތްދަތިވާނެކަމެއް. އަހަރެން ހީކުރީ..."
"ކީކޭ ހީކުރީ" ރަޔާން އެނބުރި އައިލާއާ ދިމާއަށް ބަލާލިއެވެ. އޭނާގެ ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. "އަހަރެން އަބަދުވެސް އައިލާގެ ކައިރީގައި ހުންނާނެ ކަމަށްތަ؟ އެހެން މީހަކު އައިސް އައިލާގެ ހިތް އަތުލާއިރުވެސް އަހަރެން ހިނިތުންވެގެން ހުންނާނެ ކަމަށްތަ؟"
އޭނާގެ އަޑު ތުރުތުރުލަމުން ދިޔައެވެ. "އައިލާ އަހަރެން އަބަދުވެސް ހީކުރީ އަހަރެމެންގެ ގުޅުމަކީ އެއަށްވުރެ މާ ޚާއްސަ އެއްޗެއް ކަމަށް. އަހަރެން އަބަދުވެސް... އަހަރެން އަބަދުވެސް އައިލާ ދެކެ ލޯބިވިން. އެކަމަކު އެއީ ރަހުމަތްތެރިއެއްގެ ގޮތަކު ނޫން."
އެ ބަސްތަކާއެކު އައިލާގެ މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ. އެއީ އޭނާ އަޑުއަހަން ތައްޔާރުވެގެން ހުރި ވާހަކައެއް ނޫނެވެ. އޭނާ އަބަދުވެސް ރައްކާތެރިކަމާއި އަމާންކަން އިހުސާސްކުރި އެންމެ ގާތް ރަހުމަތްތެރިޔާގެ ހިތުގައި އޭނާއަށްޓަކައި އެފަދަ ފުން ޖަޒުބާތުތަކެއް ވާނެކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.
ރަޔާން ތެދުވެ އެއްޗެއް ނުބުނެ އެތަނުން ހިނގައިގަތެވެ. އައިލާ އެކަނިމާއެކަނި ފާލަންމަތީ އިނދެ އޭނާގެ ކުޑައިރުގެ ހަނދާންތަކާއި މިހާރު ކުރިމަތިވެފައިވާ ހަގީގަތާ ދެމެދުގައި ތާށިވެއްޖެއެވެ. އޭނާގެ ހިތުގެ އެއްފަޅީގައި ރަޔާންއަށްޓަކައި އޮތް އަގުބޮޑު ރަހުމަތްތެރިކަން ވާއިރު އަނެއް ފަޅީގައި ޒިޔާންއާއެކު ފެށިފައިވާ އާ ހިތްގައިމު އިހުސާސެއް ވެއެވެ. މިހާރު އެ ދެމެދުން އޭނާ އިޚްތިޔާރު ކުރާނީ ކޮން މަގެއް ހެއްޔެވެ؟
4ބައި 4 / 6
