3ބައި 3 / 6

3 ވަނަ ބައި

353 ލަފްޒު

ޒިޔާން ރަށަށް އައިތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނާއަކީ މިހާރު ރަށުގެ މާހައުލަށް އާ މޫނެއް ނޫނެވެ. ޚާއްސަކޮށް އައިލާގެ ދިރިއުޅުމަށެވެ. އައިލާ އާއި ޒިޔާންގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ބަދަހިވެ އިތުރުވަމުންނެވެ. އެ ދެމީހުން އެކުގައި ގިނަ ވަގުތު ހޭދަކުރެއެވެ. ގޮނޑުދޮށުގައި ތިބެގެން ފަންނާ ބެހޭ ވާހަކަ ދައްކައެވެ. އަދި ރަށުގެ ރީތި މަންޒަރުތައް އެކަކު ކެންވަހުގައި ކުރަހާއިރު އަނެކަކު ކެމެރާގައި ރައްކާކުރެއެވެ.

މިކަމުގެ ސަބަބުން ރަޔާންއަށް އިހުސާސްވަމުން ދިޔައީ އޭނާ އެކަހެރިވަމުންދާ ކަމެވެ. އޭނާ އާއި އައިލާގެ ދެމެދުގައި އަބަދުވެސް އޮންނަ ހާއްސަ ގުޅުން މަޑުމަޑުން ފަނޑުވަމުންދާހެން އޭނާއަށް ހީވަމުން ދިޔައެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ހިތްދަތިކަމާއި ރުޅިވެރިކަން ފޮރުވަން އޭނާ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އައިލާ ޒިޔާންއާއެކު ހޭދަކުރާ ކޮންމެ ހިނދުކޮޅަކީ ރަޔާންގެ ހިތަށް ތޫނު އެއްޗެއް ހެރޭ ކަހަލަ ކަމެކެވެ.

އެއްރެއަކު ރަށުގެ ޒުވާނުން ގޮނޑުދޮށުގައި ހުޅުގަނޑެއް ޖަހައިގެން ތިއްބެވެ. ހަނދުވަރުގެ ރިހި އަލިކަން ވެލިގަނޑަށް އެޅިފައިވާއިރު ހުޅުގަނޑުގެ އަލިކަމުން އެ މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އައިލާ ރަޔާން އަދި ޒިޔާންވެސް އެތާނގައި ތިއްބެވެ.

ޒިޔާން އޭނާގެ ކެމެރާ ނަގައި އައިލާއަށް އޭނާ ނަގާފައިވާ ބައެއް ފޮޓޯތައް ދައްކާލިއެވެ. ގިނަ ފޮޓޯތަކުގައިވީ އައިލާއެވެ. އޭނާ ކުރަހަން އިންނަ އިރު އޭނާ ވާހަކަ ދައްކާއިރު ހިނިތުންވެލާ ގޮތް އަދި އޭނާއަށް ނޭނގި ނަގާފައިވާ އެތައް ފޮޓޯއެކެވެ. އެއީ ހަމައެކަނި ފޮޓޯތަކެއް ނޫނެވެ. އެއީ ޒިޔާންގެ ލޮލުން ފެންނަ އައިލާގެ ސޫރައެވެ. އޭނާގެ ރީތިކަމާއި އޭނާގެ ފަންނުވެރިކަމާއި އޭނާގެ ހިތްގައިމުކަން އެ ފޮޓޯތަކުން ފާޅުވަމުން ދިޔައެވެ.

"މި ފޮޓޯތައް ވަރަށް ރީތި" އައިލާ ބުނެލީ އޭނާގެ މޫނުމަތި ލަދުރަކިކަމުން ރަތްވެފައި ވަނިކޮށެވެ.

ރަޔާންއަށް އެ މަންޒަރު ފެނިފައި އޭނާގެ ހިތަށް ކެތެއްނުކުރެވުނެވެ. އޭނާއަށް އަބަދުވެސް ފެންނަ އައިލާގެ ރީތިކަން މިއަދު އެހެން މީހެއްގެ ފަންނުވެރިކަމުން މިގޮތަށް ފެނުމުން އޭނާއަށް ކެތެއް ނުވިއެވެ. އޭނާ އިތުރަށް އެތާ މަޑުނުކޮށް ތެދުވެ ހިނގައިގަތެވެ.

"ރަޔާން! ކޮންތާކަށް ތި ދަނީ؟" އައިލާ ފަހަތުން ގޮވާލިއެވެ.

ރަޔާން ހުއްޓިފައި އައިލާއާ ދިމާއަށް އެނބުރުނެވެ. ހުޅުގަނޑުގެ އަލިކަމުން އޭނާގެ މޫނުމަތީގައިވާ ހިތްދަތިކަމުގެ އަސަރުތައް ސާފުކޮށް ފެންނަން ހުއްޓެވެ.

"އައިލާ އަހަރެން ވާހަކައެއް ދައްކަން ބޭނުން. އެކަނި." އޭނާގެ އަޑު ތުރުތުރުލަމުން ދިޔައެވެ.

އައިލާ ޒިޔާންއަށް ބަލާލުމަށްފަހު ރަޔާންގެ ފަހަތުން ދިޔައެވެ. އެމީހުން ހުޅުގަނޑުގެ އަލިކަމުން ކުޑަކޮށް ދުރަށް ދިޔުމުން ރަޔާން ވާހަކަ ދައްކަން ފެށިއެވެ.

"މި ކިހިނެއް ވަނީ އައިލާ އޭނަ އައި ފަހުން؟ ހީވަނީ އަހަރެން މުޅިން ހަނދާން ނެތުނީހެން. އަހަރެމެންގެ ދެމެދުގައި އޮތް ހުރިހާ ކަމެއް އަހަރެމެން ހޭދަކުރި ވަގުތުތައް... އެ ހުރިހާ އެއްޗެއްގެ މާނައެއް މިހާރު ނެތީތަ؟"

އައިލާ ސިހުނެވެ. "ރަޔާން ތިހެން ތިބުނީ ކީއްވެ އަހަރެމެންގެ ގުޅުމަށް އެއްވެސް ބަދަލެއް ނާދޭ."

"ބަދަލު ނާންނަނީތަ" ރަޔާންގެ އަޑު ކުރިއަށްވުރެ ބާރުވިއެވެ. "އަހަންނަށް ފެންނަނީ ކޮންމެ ދުވަހަކު އޭނައާއެކު އުޅޭތަން. ކޮންމެ ވާހަކައެއް އޭނައާ. އަހަރެން... އަހަރެން ކޮބާ އައިލާ؟ ތި ހިތުގައި އަހަރެންގެ މަގާމަކީ ކޮބާ؟"

އައިލާގެ ދުލުގައި ތަޅު އެޅުވުނެވެ. އޭނާއަށް މީގެ ކުރިން ވެސް ރަޔާންގެ ލޮލުން މިފަދަ އަސަރެއް ފެނިފައެއް ނުވެއެވެ. އޭނާއަށް އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ހިތަށް އަނިޔާ ކުރެވިއްޖެކަން އިހުސާސް ކުރެވުނު ފުރަތަމަ ފަހަރަކީ މިއީއެވެ.

ހުޅުގަނޑުގެ އަލިކަން އެ ތިން މޫނުމަތީގައި ނަށަމުން ދިޔައިރު އެމީހުންގެ ހިތްތަކުގައި އުފެދިފައިވާ އަލިފާންގަނޑު އެއަށްވުރެ މާ ބާރަށް ރޯވަމުން ދިޔައެވެ.