އަމީރާ، ޒައިނަބު އަދި މަލަކްގެ ހިތްތައް ހަލާކުކޮށްލުމަށްފަހު އިހުމާންގެ ދިރިއުޅުމަށް ވަގުތީ ހުސްކަމެއް އައެވެ. އޭނާ ހޯދަމުން ދިޔަ "މަޖާ" އާއި "އުފާ" ގެ ހަޤީޤީ މާނައެއް ނެތްކަން އޭނާގެ ހިތުގެ ކަނަކުން އިޙްސާސް ކުރެވެމުން ދިޔަ ކަހަލައެވެ. ނަމަވެސް އޭނާގެ ކިބުރުވެރިކަން އެކަން ޤަބޫލުކުރަން ދެކޮޅު ހެދިއެވެ. އޭނާ ދެންވެސް ބޭނުންވީ އާ ގޮންޖެހުމެކެވެ. އާ ޝިކާރައެކެވެ.
އެއް ހަވީރަކު މާލޭގެ ފެންވަރު ރަނގަޅު ކެފޭއެއްގައި ރައްތެހިންނާއެކު ކޮފީއެއްގައި އިންދާ އޭނާގެ ލޮލުގައި އަޅައިގަތީ އެކަނިމާއެކަނި ފޮތެއް ކިޔަން އިން އަންހެން ކުއްޖެކެވެ. އެއީ ނާއިލާއެވެ. ނާއިލާގެ ސާދާކަމާއި ހިތްގައިމުކަން އިހުމާންގެ ސަމާލުކަން ދަމައިގަތެވެ. އޭނާގެ ހެދުން އެހާ އަގުބޮޑު ނޫނަސް އޭނާގޮނޑީގައި އިންގޮތުން ފިސާރިކަމާއި އަމިއްލަ ނަފްސަށް އިތުބާރުކުރާކަން ހާމަވަމުން ދިޔައެވެ.
އާދައިގެ މަތިން އިހުމާން އޭނާގެ ހިތްގައިމު ހިނިތުންވުމާއެކު ނާއިލާގެ މޭޒު ކައިރިއަށް ހިނގައްޖެއެވެ. "މިތާ އިށީންނަން ލިބިދާނެތަ؟" އޭނާ އެހިއެވެ.
ނާއިލާ އިހުމާނަށް ބަލައިލުމަށްފަހު ހިނިތުންވުމަކާއެކު ބުންޏެވެ. " އަހަރެން މިތާ މީހަކަށް އިންތިޒާރު ކުރަނީ."
އެއީ އިހުމާންއަށް ލިބުނު ފުރަތަމަ ގޮންޖެހުމެވެ. އޭނާގެ ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކު އޭނާއަށް ސަމާލުކަމެއް ނުދިނީއެވެ. އޭނާގެ ފައިސާއާއި ރީތިކަމަށް ހެއްލިގެން ނުދިޔައީއެވެ. އެކަމުން އިހުމާންގެ ހިތުގައި ނާއިލާއަށްޓަކައި އޮތް ޝައުޤުވެރިކަން ވެސް ބޮޑުވިއެވެ. މިކަން ވެގެން ދިޔައީ އޭނާ ކޮންމެހެންވެސް ކާމިޔާބު ކުރަންޖެހޭ ހަނގުރާމައަކަށެވެ.
އިހުމާން ދެން މަސައްކަތް ފެށީ ނާއިލާގެ ހިތް އަތުލުމަށެވެ. ނަމަވެސް އޭނާގެ ކުރީގެ އުކުޅުތައް ނާއިލާ ކާމިޔާބެއް ނުވިއެވެ. ނާއިލާ އަކީ އޭނާގެ އަގުބޮޑު ހަދިޔާތަކަށް ފޮނި ވާހަކަތަކަށް ހެއްލޭނެ ކުއްޖެއް ނޫނެވެ. އިހުމާނަށް މަޖުބޫރުވީ އޭނާގެ މުއްސަންތި ކަމުގެ ބަދަލުގައި ނާއިލާ ހިތްއެދޭ ފަދަ ހަރުދަނާ އަޚްލާޤް ރަނގަޅު ހިޔްތިރި ޒުވާނެއްގެ ރޯލުކުޅޭށެވެ.
އެރޭ ނިދަން އޮށޯތް އިރުވެސް އިހުމާންގެ ހިތާއި ސިކުނޑި ވަށާލާފައިވަނީ ނާއިލާގެ ހިޔާލުތަކުންނެވެ. އެއީ ޝިކާރައެއް އަތުލުމުގެ އެދުމެއް ނޫނެވެ. އެއީ އެކަމުން އޭނާއަށް މީގެކުރިން އިޙްސާސް ކުރެވިފައިނުވާ އިހުސާސެކެވެ. އޭނާގެ ހިތް އޭނާގެ ބާރުގެ ދަށުން ނެއްޓެމުން ދާކަމުގެ އިޙްސާސެއް އޭނާއަކަށް ނުކުރެވުނެވެ.
6ބައި 6 / 14
