އިހުމާން ހުރީ އޭނާ ދިރިއުޅުނު ލަގްޒަރީ އެޕާޓްމަންޓް އިމާރާތުގެ ދޮރުމަތީގައެވެ. އޭނާގެ އަތުގައި އޮތީ ހެދުންކޮޅެއް އަޅާފައިވާ ކުޑަ ދަބަހެކެވެ. ސެކިއުރިޓީ ގާޑުން އޭނާއަށް އެތެރެއަށް ވަނުން މަނާކޮށްފައިވެއެވެ. އޭނާގެ މުއްސަނދިކަމާއި ބާރު އެންމެ ރެއަކުން ގެއްލި މަގުމަތީގައެވެ. ރޭގަނޑުގެ ފިނިކަން ހަށިގަނޑަށް ފޯރަމުން ދިޔައިރު އޭނާގެ ހިތުގައިވާ ގަދަފަދަ ހާސްކަމާއި ބިރުވެރިކަން އިތުރުވަމުން ދިޔައެވެ.
އޭނާގެ "އެކުވެރިން" ކަމަށް ހެދިގެން އުޅުނު މީހުންނަށް ގުޅުމުން އެކަކުވެސް ފޯނެއް ނުނަގައެވެ. އަދި ފޯނު ނެގި މަދު އެކުވެރިން ވެސް ވެގެން އުޅޭގޮތް އެނގުމުން އެހީވާން ފަސްޖެހުނެވެ. އޭނާގެ ފައިސާވެރިކަން ގެއްލުމާއެކު ވަށައިގެން އުޅުނު މީހުންވެސް ގެއްލުނީއެވެ. ދާނެ ތަނެއް ކުރާނެ ކަމެއް ނޭނގި އޭނާ މާލޭގެ މަގުތަކުގައި ހިނގަމުން ދިޔައެވެ. ކޮންމެ ފިޔަވަޅަކާއެކު އޭނާއަށް އޭނާގެ މާޒީގެ އަމަލުތައް ހަނދާންވެ ވޭން އިޙްސާސް ކުރެވެމުން ދިޔައެވެ.
ކުއްލިއަކަށް އޭނާގެ ކުރިމައްޗަށް އަރައި ހުއްޓުނީ ކާރެކެވެ. އޭގެތެރެއިން ނިކުތީ ޒައިނަބެވެ. ޒައިނަބުގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަޖެހުމުގެ އަސަރެކެވެ.
"އިހުމާން... ދުނިޔެ ހާދަ ކުޑައޭ ދޯ!" ޒައިނަބު ބުނެލީ މަލާމާތުގެ ރާގަކަށެވެ. "މަގުމަތީގަ ކީއްކުރަނީ ތިމާގެ އަގުބޮޑު ކާރާ ޕެންޓްހައުސް ކޮބާ؟"
އިހުމާންއަށް ޖަވާބެއް ނުދެވި ބޯޖަހާލެވުނެވެ. އޭނާއަށް ލަދުން އިސްޖެހުނެވެ.
"އަހަރެން އަދިވެސް ހަނދާން އެބަހުރި އިހުމާން އަހަރެން ދޫކޮށްލި ދުވަސް. އަހަރެންގެ ހިތަށް ލިބުނު ވޭން. އެކަމަކު އެ ވޭން އަހަރެން ހިތްވަރުގަދަ މީހަކަށް ހެދީ. އަހަރެން އަލުން އަހަރެންގެ ދިރިއުޅުން ބިނާކުރިން. އެކަމަކު އިހުމާން... އިހުމާންއަށް ލިބެންޖެހޭ އަދަބު މިއަދު މި ލިބުނީ. މިއީ އިހުމާންގެ އަމަލުތަކުގެ ނަތީޖާ. މިއީ ތިމާ ހެދި ގޯސްތަކުގެ ނަތީޖާ." ޒައިނަބު އެހެން ބުނެފައި ކާރަށް އަރައި ހިނގައްޖެއެވެ.
ޒައިނަބުގެ ބަސްތައް އިހުމާންގެ ހިތަށް ތޫނު ވަޅިއެއްހެން ހެރުނެވެ. އޭނާގެ ކިބުރުވެރިކަމުގެ ފަރުދާ އެއްކޮށް ގެންދިޔައެވެ. އޭނާއަށް އޭނާގެ ގޯސްތައް އެންމެ ފުރިހަމައަށް އިޙްސާސް ކުރެވެން ފެށީ އެވަގުތުއެވެ. އޭނާގެ ހިތުގައިވާ ވޭނާއި ހިތާމަ ބޭރުކޮށްލުމަށް އޭނާ މަގުމަތީގައި އިނދެގެން ގިސްލައި ރޮއިގަތެވެ.
11ބައި 11 / 14
