ރީންދޫކުލައިގެ އަވިން އުދަރެހަށް އަލިވަމުން ދިޔަ ހަވީރެކެވެ. ރަށުގެ ހުޅަނގު ފަރާތު ގޮނޑުދޮށުގައި, އައިލާ އިނީ އޭނާގެ ކެންވަހާ ކުރިމަތިލައިގެންނެވެ. އޭނާގެ އިނގިލިތަކުގެ ހަރަކާތާއެކު ކެންވަހުގައި ދިޔައީ އިރުއޮއްސެމުންދާ މަންޒަރެއް ކުރެހެމުންނެވެ. އައިލާ އަކީ އޭނާގެ ދިރިއުޅުމުގެ ކޮންމެ ކުލައެއްވެސް، ކޮންމެ ހިނދުކޮޅެއްވެސް އޭނާގެ ކެނަވާހުގައި ރައްކާކުރަން ބޭނުންވާ ފަންނާނެކެވެ.
"އައިލާ! އަދިވެސް ތި ހިރަފުހުގެ ތެރޭގައިތަ؟"
އެއީ ރަޔާންގެ އަޑެވެ. އޭނާގެ އެންމެ ގާތް އަދި ކުޑައިރުގެ އެކުވެރިޔާއެވެ. ރަޔާންގެ އަތުގައި ދެ ކުރުނބާ ހުއްޓެވެ. އެއީ އެދެމީހުންގެ އާދައެކެވެ. އައިލާ ކުރަހަން އިންނަ ކޮންމެ ހަވީރަކުހެން ރަޔާން އޭނާ ކައިރިއަށް އާދެއެވެ.
"ރަޔާން، މި މަންޒަރު ދޫކޮށްލާފައި ދާހިތެއް ނުވޭ!" އައިލާ ހިނިތުންވެލަމުން ބުންޏެވެ. "ކޮންމެ ދުވަހަކުވެސް އިރުއޮއްސޭއިރު އުޑުމަތި ގެންނަ ކުލަތައް ތަފާތު."
ރަޔާން، އައިލާގެ ކައިރީގައި ވެލިގަނޑުމަތީ އިށީނދެ އޭނަގެ އަތުގައި އޮތް އެއް ކުރުނބާ އައިލާއަށް ދިއްކޮށްލިއެވެ. "މިހާރު އެތައް އަހަރެއް ވެއްޖެ ތި މަންޒަރު ކުރަހާތާ، އަދިވެސް ފޫހިނުވަނީތަ؟"
ރަޔާން އެހެން ބުނިއިރު އޭނާގެ އަޑުގައިވީ ސަމާސާގެ ރާގެއް ނޫނެވެ. އެއީ އިޚްލާސްތެރިކަމެވެ. އޭނާއަށް އައިލާގެ ފަންނުވެރިކަން ފެނި ފޫހިވާނެ ދުވަހެއް ނާންނާނެއެވެ. އައިލާއަށް އެކަން އެނގެއެވެ. އެދެމީހުންގެ ގުޅުމަކީ އެފަދަ \ހަމަހިމޭން، އެކަމަކު ވަރަށް ފުން ގުޅުމެކެވެ. ރަޔާންގެ ހިތުގައި އައިލާއަށްޓަކައި ރަހުމަތްތެރިކަމުގެ އިތުރުން އެހެން ޖަޒުބާތެއްވާކަން އޭނާއަށް އެނގުނަސް، އައިލާ އެކަމާ މާބޮޑަށް ވިސްނާކަށް ބޭނުމެއް ނުވެއެވެ. މިހާރު އެ ގުޅުން އޮތް ގޮތް އޭނައަށް ހިތްގައިމެވެ.
އެމީހުން އެތާ އިނދެ ވާހަކަ ދައްކަނިކޮށް، ރަށުގެ ފާލަމާ ދިމާއަށް ބޯޓެއް ކައިރިކުރިތަން ފެނުނެވެ. އެއީ މާލެއިން އަންނަ ފެރީއެވެ. ފެރީން ފޭބި މީހުންގެ ތެރެއިން އެކަކު، އެހެން މީހުންނާ ތަފާތުވެފައި، އައިލާގެ ލޮލުގައި އަޅައިގަތެވެ. އޭނާގެ ކަރުގައި އަޅުވާފައިވާ ކެމެރާއަކާއި، އަތުގައި އޮތް ދަބަހަކާއެކު، އޭނާގެ ހިނގުމުގައި އާދަޔާ ޚިލާފު ހުޝިޔާރުކަމެއް ހުއްޓެވެ. އޭނާ ބަލަހައްޓައިގެން ހުރީ ރަށުގެ ގުދުރަތީ ރީތިކަމަށެވެ.
އެމީހާ ފާލަމުން ފައިބައިގެން ގޮނޑުދޮށާ ދިމާއަށް ހިނގައިގަތެވެ. އޭނާގެ ނަޒަރު އައިލާގެ ކެންވަހަށް ހުއްޓުނު ހިނދު، އޭނާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އޭނާ މަޑުމަޑުން އެމީހުންނާ ދިމާއަށް އަންނަން ފެށިއެވެ.
ރަޔާންއަށް އެމީހާ އަންނަތަން ފެނި، އައިލާގެ މޫނަށް ބަލައިލިއެވެ. އައިލާގެ ދެލޯ ހުއްޓިފައި ހުރީ އެ އައު މެހެމާނަށެވެ. އެ ހިނދުކޮޅުގެ ތެރޭގައި, ރަށުގެ ހަމަހިމޭން ވައިގެ ތެރެއަށް އާ ރާގެއް އިތުރުވެގެން ދިޔަ ކަހަލައެވެ. އެއީ ކޮންކަހަލަ ރާގެއްކަން ނޭނގުނަސް، އެއީ އެމީހުންގެ ދިރިއުޅުމުގެ މިސްރާބު ބަދަލުކޮށްލާނެ ރާގެއްކަން އެވަގުތު އެކަކަށްވެސް ނޭނގެއެވެ.
1ބައި 1 / 6
