13ބައި 13 / 14

13 ވަނަ ބައި

222 ލަފްޒު

މަލަކްއާ ބައްދަލުވުމަށްފަހު އިހުމާންގެ ހިތުގައި އާ ޢަޒުމެއް އުފެދުނެވެ. އޭނާ ނިންމީ އޭނާގެ މާޒީގެ ގޯސްތަކުގެ ކައްފާރާއެއްގެ ގޮތުން އޭނާ އަނިޔާދިން ދެން ތިބި ދެމީހުންގެ ކިބައިންވެސް މައާފަށް އެދޭށެވެ. އެއީ އޭނާގެ ހިތަށް ހަމަޖެހުމެއް ހޯދުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް އޭނާ ޤަބޫލުކުރިއެވެ.

އޭނާ ފުރަތަމަ ހޯދީ އަމީރާއެވެ. އަމީރާ ދިރިއުޅޭ އެޕާޓްމަންޓް ދޮށަށް ގޮސް އޭނާ ދޮރުގައި ޓަކި ޖެހިއިރު އޭނާގެ ހިތް ބިރުން ތުރުތުރުލަމުން ދިޔައެވެ. ދޮރު ހުޅުވާލީ އަމީރާއެވެ. އިހުމާންގެ އަނަރޫފަވެފައިވާ ހާލު ފެނިފައި އަމީރާ ސިހުނެވެ. ހައިރާންވިއެވެ.

"އިހުމާން" އަމީރާއަށް ބުނެވުނީ އެވަރަށެވެ.

"އަމީރާ... އަހަރެން... އަހަރެން މި އައީ މައާފަށް އެދެން." އިހުމާންގެ އަޑު ބެދުނެވެ. "އަހަންނަށް އެނގޭ އަހަރެންގެ ސަބަބުން އަމީރާގެ ދިރިއުޅުން ހަލާކުވިކަން. އަހަންނަކީ ނުބައި މީހެއް. އެކަމަކު އަހަންނަށް މިހާރު އަހަރެންގެ އަދަބު ލިބިއްޖެ. އަހަރެންގެ ހުރިހާ އެއްޗެއް ގެއްލި މަގުމަތިވެއްޖެ."

އަމީރާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއްނުވިއެވެ. އޭނާ ހަމަހިމޭންކަމާއެކު އިހުމާންއަށް ބަލަހައްޓައިގެން ހުއްޓެވެ.

"އަހަންނަށް މައާފްކުރޭ އަމީރާ..." އިހުމާން އިތުރަށް ބުންޏެވެ. "އަމީރާގެ ދައްތަ ނާއިލާ އަހަރެންގެ ކިބައިން ބަދަލު ހިފީ. އޭނަ އަހަރެންގެ ހުރިހާ އެއްޗެއް އަތުލައިފި."

އެވަގުތު އެތެރެއިން ނިކުތީ ނާއިލާއެވެ. ނާއިލާ ފެނުމުން އިހުމާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

"ނާއިލާ" އިހުމާންއަށް ބުނެވުނެވެ.

"އާނ. އަހަރެންގެ ދައްތަ." އަމީރާ ޖަވާބުދިނެވެ. "އިހުމާން ހީކުރީ ކީކޭ ދައްތަ އިހުމާންގެ ހުރިހާ އެއްޗެއް އަތުލާފަ އަހަރެމެން ދޫކޮށްލާފަ ދާނެކަމަށްތަ؟ އަހަރެމެން ބޭނުންވީ އިހުމާންއަށް ފިލާވަޅެއް ދޭން. އިހުމާން އެހެން މީހުންގެ ހިތްތަކަށް ދިން ވޭން އިޙްސާސްކޮށްދޭން."

ނާއިލާ ކުރިއަށް ޖެހިލިއެވެ. "އިހުމާން... އަހަރެމެން އިހުމާންގެ ފައިސާއެއް ބޭނުމެއް ނޫން. އަހަރެމެން ބޭނުންވީ އިހުމާންއަށް ހަޤީޤަތް ވިސްނައިދޭން. ތިމާގެ އަމަލުތަކުގެ ނަތީޖާ ދައްކުވައިދޭން. އަހަރެން އިހުމާންގެ ހުރިހާ މުދަލެއް އަނބުރާ ދޭނަން. އެކަމަކު އެއް ޝަރުޠެއްގެ މަތިން. އިހުމާން ހަޤީޤަތުގައިވެސް ބަދަލުވެއްޖެކަން ސާބިތުކޮށްދޭން ޖެހޭނެ."

އިހުމާންއަށް އޭނާގެ ކަންފަތަށް އަޑުއިވުނު ބަސްތަކެއް ޤަބޫލެއް ނުކުރެވުނެވެ. އޭނާއަށް ދެވަނަ ފުރުސަތެއް ލިބެނީއެވެ. އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ފައިބައިގަތެވެ. އޭނާ އެ ދެބެއިންނަށް ބަލަހައްޓައިގެން ހުރެ ހިތުގެ އަޑިން ޝުކުރުއަދާކުރިއެވެ.